އައްޑޫ ސިޓީގައި 5000 އެނދު އެޅޭނެ ކަމުގެ ޔަގީންކަން އެބައޮތް: ނަޝީދު

އައްޑޫ ސިޓީގައި 5000 އެނދު އެޅޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވެފައިވަނީ ރައްޔިތުން މަޖިލީހުގެ އައްޑޫ ސިޓީ ހުޅުދޫ ދާއިރާއަށް އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ އިލްޔާސް ލަބީބްގެ ކެމްޕެއިން ރަސްމީކޮށް ފައްޓަވައި ދެއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އައްޑޫ ސިޓީގައި 5000 އެނދުގެ ޖާގަ އުފެއްދޭނެކަމީ ޝައްކެއްއޮތް ކަމެއް ނޫން ކަމަށެވެ. އަދި މި 5000 އެނދުގެ ޖާގައިގެ ތެރެއިން އުފެދިގެން އަންނާނީ އަމިއްލަ ވިޔަފާރި ކަމަށާއި މި 5000 އެނދުގެ ސަބަބުން ވަޒީފާގެ ފުރުސަތުތައް ވެސް ލިބިގެންދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ގެސްޓް ހައުސްގެ ވިޔަފާރިން އެނގިގެންދިޔައީ ފަތުރުވެރިކަމަށް ފަޅުރަށެއް ބޭނުން ނުވާކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި ފަތުރުވެރިން ރާއްޖެ އަންނަނީ ރާއްޖޭގެ ހިތްގައިމު މާހައުލާއި، ރީތި ދޮންވެލި ގޮނޑުދޮށްތަކާއި ސާފު މޫދުތައް ބަލާލުމަށް ކަމާއި، މި ކަންކަމީ ރާއްޖޭގެ ކޮންމެ ރަށަކުންވެސް ފެންނަން ހުންނަ ކަންކަމަށް ވާއިރު އައްޑޫ ސިޓީއަކީ މިފަދަ ގުދުރަތުގެ ރީތިކަން ލިބިފައިވާ އަތޮޅެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އައްޑުއަށް ވުރެ ވަކި ރީތި އެހެން މާހައުލެއް، ވަކި ޗާލު އެހެން ޖަޒީރާތަކެއް މި ރާއްޖެއަކު ނުވޭ. އަޅުގަނޑުމެންނަށް ކަށަވަރު، އަދި އަޅުގަނޑުމެން ޔަގީންކޮށް އަރުވަނީ މަޖިލިސް 19 ވެގެންދާނީ އައްޑޫ ސިޓީގައި 5000 ޓުއަރިސްޓު އެނދު ބިނާ ކުރުމުގެ ވަސީލަތަކަށް،" އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އައްޑޫ ސިޓީއަށް ރައީސް ސޯލިހު ވީ ވައުދުތަކުގެ ތެރޭ އިތުރު ވަޒީފާގެ ފުރުސަތު ގާއިމްކޮށްދިނުން، ގެސްޓް ހައުސް ވިޔަފާރި ފުޅާކުރުމުގެ އިތުރުން އައްޑޫ ސިޓީގެ ޓުއަރިޒަމްގެ މަޝްރޫއު އެންމެ ބޮޑަށް ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބިގެންދާނީ މަޖިލީހުގެ އިންތިހާބު ކާމިޔާބުކުރެވިގެން ކަމަށެވެ.
މީގެ އިތުރުން ގަން އެއާޕޯޓަށް މިހާރަށް ވުރެ ގިނައިން ފްލައިޓް އަންނަން ޖެހޭ ކަމަށާއި މިހާރަށް ވުރެ ގިނައިން ގަން އެއާޕޯޓަށް ފްލައިޓު ގެނެވޭނެ ކަމީ ޔަގީން ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ އައްޑުއަށް ޖައްސާ ފްލަައިޓު ގިނަވުމުން ވިޔަފާރި އިތުރަށް ފުޅާކުރުމުގެ ފުރުސަތު ލިބުމުގެ އިތުރުން އެ ސަރަހައްދު ކުރިއަރާ ދިއުމަށް ފުރުސަތު ތަނަވަސްވެގެންދާ ކަމަށެވެ.
މަޖިލިސް 2019 ވެގެންދާނީ އިގްތިސާދީ ތަރައްގީގެ ބޮޑު އިންޖީނަކަށް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. ސަބަބަކީ ރައީސް ސޯލިހުގެ ގިނަ ވައުދުތަކެއް ފުއްދުމުގެ ފުރުސަތު އޮތީ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިގެން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަނީ 2019 ގައި މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ