މިއަހަރުގެ އަމާޒަކީ ޔާމީން މިނިވަންކޮށް، ކައުންސިލް އިންތިހާބު ކާމިޔާބުކުރުން: އިދިކޮޅު ކޯލިޝަން

މި ފެށުނު އާ އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ އިދިކޮޅު މައި ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރުމަށާއި ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ނިމިގެން ދިޔަ އަހަރަކީ ވަރަށް އަނިޔާވެރިކަމާއެކު މިސަރުކާރުން ސިޔާސީ ހުކުމެއްކޮށް ޖަލުގައި ބަންދުކޮށްފައިވާ ރައީސް ޔާމީން ހުރަގެއިން މިނިވަން ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި އަހަރެއް ކަމަށެވެ. ރައީސް ޔާމީން މިނިވަން ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ސިޔާސީ ހަރަކާތްތައް އިތުރަށް ވަރުގަދަވެ، މެންބަރުން އިތުރުވެ، ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަމާއެކު ސިޔާސީ ހަރަކާތްތައް ފުޅާވެ ވަރުގަދަވެގެން ދިޔަ ކަމަށް ވެސް ބުންޏެވެ.
އެގޮތުން ކޯލިޝަންގެ ސްޓިއަރިން ކޮމިޓީތައް އުފެދި، ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ރުކުރުވާލެވި، ކޯލިޝަންގެ ސިޔާސީ މަސައްކަތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ފެށިގެން ދިއުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އިދިކޮޅުން ބުންޏެވެ.
"އިރާދަކުރެއްވިއްޔާ މިފެށުނު 2021 ވަނަ އަހަރުވެސް އެންމެ އިސްކަންދޭނީ ރައީސް ޔާމީން މިނިވަންކުރުމުގެ މަސައްކަތަށް. އަދި ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް. އެކަމަށްޓަކައި ކޯލިޝަންގެ ސިޔާސީ ހަރަކާތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަކީ ވަރަށްބޮޑު އަމާޒެއް،" އިދިކޮޅު ކޯލިޝަންގެ ބަޔާނުގައިވެ އެވެ.
އިދިކޮޅުން ބުނީ، މިދިޔަ އަހަރަކީ ދުނިޔެއަށާއި މުޅި ރާއްޖެއަށް ވެސް ހިތްދަތިކަމާއި ނުތަނަވަސްކަން ކުރިމަތިކުރުވި އަހަރެއް ނަމަވެސް މިސަރުކާރުގެ ނާގާބިލުކަމާއި ދޯހަޅި ސިޔާސަތުތަކުގެ ސަބަބުންނާއި މުޅި ނިޒާމު ކޮރަޕްޝަންގެ ހާއްޔަކަށްވެ، އެކި ނަންނަމުގައި ރައްޔިތުންގެ ފައިސާއިން ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހިންގުމުގެ ސަބަބުން އެ ހިތްދަތިކަމާއި ނިކަމެތިކަން ރައްޔިތުންނަށް އިތުރުވެގެން ދިޔަ ކަމަށެވެ.
އޭގެ އިތުރުން ދިވެހި އެތަކެއް ޒުވާނުންގެ ވަޒީފާ ގެއްލި ނިކަމެތިން އިތުރަށް ނިކަމެތިވެފައިވާތީ، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް ފުރިހަމަ ހަރުދަނާ މަސައްކަތްތަކެއް ކުރުމަށާއި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް އިދިކޮޅުގެ ބަޔާނުގައި ވަނީ ގޮވާލާފައިވާ ކަަމަށެވެ. އަދި ބޮއްސުންލާފައިވާ ސަރުކާރުގެ ހިންގުމުގެ ނިޒާމު ހަރުދަނާކޮށް ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް އަވަހަށް ދެވޭނެ މަގު ފަހިކޮށްދީ ރައްޔިތުން ކުރަމުންދާ ޝަކުވާތަކުގެ އަޑުއަހާ އެކަންކަން ހައްލުކޮށް ދިނުމަށް ވެސް ގޮވާލާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ