ފުރިހަމަ ޑިމޮކްރެސީއެއް ގެނައުމަށް ވާހަކަތައް ކުރިއަށް ނެރެގެން ނަތީޖާ ހާސިލުކުރުމަށް ސްޓްރީޓާ ގޮވާލައްވައިފި

ރާއްޖެ އަށް ފުރިހަމަ ޑިމޮކްރެސީއެއް ގެނައުމުގައި ސަރުކާރާއި ސިޔާސީ ޕާޓީތަކާ އެކު، ވާހަކަތައް ބާއްވައިގެން ނަތީޖާ ނެރުމަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވް ޕާޓީގެ ހިއުމަން ރައިޓްސް ކޮމިޝަންގެ ޗެއާމަން އަދި ވެސްޓް މިންސްޓަ ފައުންޑޭޝަންގެ ޑިޕިއުޓީ ޗެއާމަން ގެރީ ސްޓްރީޓާ ރޭ ވިދާޅުވެއްޖެ އެވެ.
ސަރުކާރާއި ޑީއާރުޕީގެ އިސްވެރިން ތަމްސީލުކުރައްވާ އޯޕަން ސޮސައިޓީ އިން ރޭ ބަނޑޮހުގައި ބޭއްވި ބައްދަލުވުމެއްގައި ތަގުރީރު ކުރައްވަމުން ސްޓްރީޓާ ވިދާޅުވީ ޑިމޮކްރެސީ ގެނައުމުގެ މަސައްކަތްތައް އެންމެ އެދެވޭ ގޮތުގައި ކުރިއަށް ގެންދެވޭނީ އެމްޑީޕީން ވެސް އަދި ސަރުކާރުން ވެސް ދޫދީގެން، ގުޅިގެން މަސައްކަތް ކޮށްގެން ކަމަށެވެ. އަދި ސަރުކާރާއި އެމްޑީޕީ އާއި އެނޫން ޕާޓީތަކުން ވެސް ވާހަކަ ދައްކައިގެން ނަތީޖާ ހާސިލުކުރުމަށް މަސައްކަތް ކުރުމަށް އޭނާ ތަކުރާރުކޮށް އެދިވަޑައިގެންނެވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި ބުރާސްފަތި ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ރައީސް މައުމޫނާއި ދިވެހި ސަރުކާރުގެ ސިޔާސަތަށް ވަރަށް ހަރުކަށި އަދި ހުތުރު ބަހުން މުހާތަބު ކުރައްވައި ފާޑުވިދާޅުވި ނަމަވެސް އޯޕަން ސޮސައިޓީގެ ބައްދަލުވުމުން ސްޓްރީޓާ ވިދާޅުވީ ރާއްޖެ އަށް ޑިމޮކްރެސީ ގެނައުމުގެ މަސައްކަތް ކުރިއަށްދާ ސްޕީޑާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި ރާއްޖެ އަށް ފުރިހަމަ ޑިމޮކްރެސީއެއް ގެނައުމުގައި ފާއިތުވީ ތިން އަހަރެއްހާ ދުވަހު ކޮށްފައިވާ މަސައްކަތްތަކަށް އޭނާ ތައުރީފު ކުރެއްވި އެވެ. އަދި ވިދާޅުވީ އަލަށް އިސްލާހު ކުރަމުންދާ ގާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރު ބާއްވާ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ވާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދުކުރައްވާ ކަމަށެވެ.
ސްޓްރީޓާ ވިދާޅުވީ ސަރުކާރުން އިއުލާން ކުރައްވާފައިވާ އިސްލާހީ އެޖެންޑާގައި ވަރަށް މުހިންމު ކަންތައްތަކެއް ހިމެނޭކަމަށާއި އެކަންތައް ކާމިޔާބު ކުރެވޭނީ ވަރަށް ބޮޑަށް ކެތްތެރިވެގެން ކަމަށެވެ. އޭގެ އިތުރުން ސްޓްރީޓާ ވިދާޅުވީ ފުރިހަމަ ޑިމޮކްރެސީއެއް ގެންނައިރު އެކަމަށް ވަގުތު ނަގާނެ ކަމަށާއި ރައްޔިތުން އުއްމީދުކުރާ މިންވަރަށް ކުރިއެރުން ނުލިބުނު ނަމަވެސް ކެތްތެރިވެ، އުއްމީދު ގެއްލުވާލައިގެން ނުވާނެ ކަމަށެވެ.
ސަރުކާރުގެ ބައެއް އިސްވެރިންނާއި އެމްޑީޕީގެ ބައެއް އިސްވެރިންގެ އިތުރުން، ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ބައެއް އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުން ޑިމޮކްރެސީ އަކީ ކޮބައިކަމާއި އެކަމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތަކުގެ މައްޗަށް ވެސް އަލިއަޅުވާލެއްވި އެވެ. އެގޮތުން ދުލުގެ މިނިވަންކަމާއި މިނިވަން މީޑިއާ އާއި ދީނީ މިނިވަންކަމާއި ރޫލް އޮފް ލޯ އާއި މިނިވަން މުސްތަގިއްލު ޝަރުއީ ނިޒާމާއި އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަކީ ފުރިހަމަ ޑިމޮކްރެސީއެއްގެ އަސާސް ކަމަށް ސްޓްރީޓާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ފުރިހަމަ ޑިމޮކްެރެސީއެއްގެ ސަބަބުން ރައްޔިތުންނަށް ފުރިހަމަ ބާރު ލިބުމުގެ އިތުރުން ސަރުކާރުގެ ހިންގުން ވެސް ހަރުދަނާ ވެގެންދާނެ ކަމެއް ކަމަށެވެ.
ސްޓްރީޓާގެ ވާހަކަފުޅުގައި އިނގިރޭސިވިލާތުގެ އިތުރުން އެހެން ބައެއް ގައުމުތަކުގެ ތަޖުރިބާތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލެއްވި އެވެ.
އޯޕަން ސޮސައިޓީގެ ބައްދަލުވުމުގައި ސްޓްރީޓާގެ އިތުރުން އެޓާނީ ޖެނެރަލް ޑރ. ހަސަން ސައީދާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ ޗެއާމަން އަހުމަދު މުޖުތަބާ އާއި ޓޫރިޒަމް މިނިސްޓަރު ޑރ. މަހުމޫދު ޝައުގީ ވެސް ވާހަކަ ދެއްކެވި އެވެ.
ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގެ ދައުވަތަކަށް މިދިޔަ ހަފުތާގެ ބުދަ ދުވަހު ރާއްޖެ ވަޑައިގެންނެވި ސްޓްރީޓާ މިއަދުގެ މެންދުރުގެ ވަގުތެއްގައި ފުރާ ވަޑައިގަންނަވާނެ އެވެ. އޭނާ ރައްޖެ އަށް ކުރެއްވި މި ދަތުރުފުޅުގައި ސަރުކާރުގެ ބައެއް އިސްވެރިންގެ އިތުރުން އެމްޑީޕީގެ ބައެއް އިސްވެރިންނާ ބައްދަލު ކުރެއްވި އެވެ. އޭގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގައި ތަގުރީރު ކުރެއްވި އެވެ. އަދި ގދ. ތިނަދުއަށް ވަޑައިގެން އެ ރަށުގައި ހިންގާ އެމްޑީޕީގެ ދާއިރާތަކުގެ މެމްބަރުންނާ ބައްދަލުކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ