ދިއެފްއެމް "މޯނިން އެޑިޝަން" ގެ ހިޔާލު ފާޅުކުރުމުގެ ބައި ހުއްޓާލައިފި

ހުތުރު ބަހުރުވަ ތަކުރާރުނުވާނެ ގޮތަށް ދި އެފްއެމްގެ "މޯނިން އެޑިޝަން" ޕްރޮގްރާމް ގެނެސްނުދެވޭ ނަމަ އެ ޕްރޮގްރާމް ބްރޯޑްކާސްޓްކުރުން ވަގުތުން ހުއްޓާލަން ދިއެފްއެމަށާއި ދިޓީވީ އަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އިއްޔެ އެންގުމާ ގުޅިގެން، އެ ޕްރޮގްރާމްގައި ހިމެނޭ އެހުންތެރިންގެ ހިޔާލު ފާޅުކުރުމުގެ ބައި ފޮނުވުން މިއަދުން ފެށިގެން ހުއްޓާލައިފި އެވެ.
ދިއެފްއެމްގެ ސީއީއޯ މަސްއޫދު ހިލްމީ ވިދާޅުވީ މޯނިން އެޑިޝަންގެ އެ ބައި ހުއްޓާލީ ވަގުތީ ގޮތުން ކަމަށާއި އެއީ "އެ ޕްރޮގްރާމް ކުރިއަށްގެންދެވޭނެ ރަނގަޅު ގޮތްތަކެއް ހޯދުމަށް" ކަމަށެވެ. ނަމަވެސް އެ ޕްރޮގްރާމް ހުއްޓާލުމަށް ކޮމިޝަނުން ކުއްލިއަކަށް އެންގުމުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެން ރޭޑިއޯ ސްޓޭޝަންތައް ވެސް އެބަހުރި މިފަދަ ޕްރޮގްރާމުތައް ފޮނުވާ. އެންމެ މީހަކަށް ލައިވް ޕްރޮގްރާމެއްގައި ބުނާ އެއްޗަކުން ރޭޑިއޯ ސްޓޭޝަނެއްގެ ޕްރޮގްރާމެއް ހުއްޓުވާލެވޭ ގޮތަށް އޮތުމަކީ ދެރަކަމެއް. އަދި ކޮމިޝަނުން މި ކަމުގައި އަޅުގަނޑުމެންނާ މަޝްވަރާނުކުރައްވައި ހުއްޓާލަން އެނގުމުން ވެސް ހިތާމަކުރަން،" މަސްއޫދު ވިދާޅުވި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން އިއްޔެ ނެރުނު ބަޔާނެއްގައިވަނީ މިދިޔަ ޑިސެމްބަރު 29 ގައި ދިއެފްއެމާއި ދިޓީވިން ފޮނުވި މޯނިން އެޑިޝަން ޕްރޮގްރާމްގައި މުޖުތަމައުގެ އަދަބު އަހުލާގީ މިންގަނޑާ ހިލާފު ހުތުރު ބަހުރަވަ އިން ޕްރޮގްރާމްގެ ބައިވެރިޔަކު ދެއްކި ވާހަކަ ބްރޯޑްކާސްޓްކޮށްފައިވާ ކަމަށާއި އެއީ ބްރޯޑްކާސްޓުކުރުމުގެ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. އަދި ކުރިން ވެސް ދެ ފަހަރެއްގެ މަތިން މޯނިން އެޑިޝަން ޕްރޮގްރާމްގައި ބައިވެރިން މުޖުތަމައުގެ އަދަބު އަހުލާގީ މިންގަނޑާ ހިލާފަށް ވާހަކަ ދެއްކި ކަމަށް ކޮމިޝަނުގެ ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ