މި ހަފުތާގައި ޗުއްޓީއެއް ނަންގަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

މި ހަފުތާ ތެރޭގައި ޗުއްޓީއެއް ނަންގަވާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެއްޖެ އެވެ.
ހަފުތާއަކު އެއް ފަހަރު ދެއްވާ ރޭޑިޔޯ ތަގުރީރުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް މިހާރު ތަސްދީގު ކޮށްފައިވާ ރައީސާއި ނާއިބު ރައީސާ ގުޅޭ ކަންކަން ހިންގުމުގެ ގާނޫނުގެ ދަށުން އެމަނިކުފާނަށް ވެސް ޗުއްޓީ ނެންގެވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާ ކަމަށެވެ. އެހެންވެ މި ހަފުތާގެ ތެރޭގައި ޗުއްޓީއެއް ނަންގަވަން ގަސްދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ވަރަށް ގިނަ ދުވަސް ވެއްޖެ އަޅުގަނޑު ޗުއްޓީއެއް ނުނަގައި މި މަސައްކަތުގައި ކަންކަން ކުރުމުގައި އަވަދި ނެތި އުޅެމުން އަންނަތާ. އެހެންވީމަ، މި ވަގުތު އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން، ހުރިހާ ބޭފުޅުންނަށް ވެސް، ކުރިއަށް މި އޮތް ހަފުތާ އެއީ އަޅުގަނޑު ޗުއްޓީގައި ހުންނާނެ ހަފުތާއެކޭ. އެހެންވީމަ އަޅުގަނޑަށް އެ ހަފުތާގެ ޗުއްޓީ ދެއްވުމަކީ އަޅުގަނޑު ވަރަށް އެދޭ ކަމެކޭ،" ނޮވެމްބަރު ،11 2008 ގައި ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު ރައީސް ނަޝީދު ނަންގަވާ ފުރަތަމަ ޗުއްޓީއާ ގުޅޭ ގޮތުން އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސާއި ނާއިބު ރައީސްގެ މުސާރަ އާއި އެހެނިހެން އިނާޔަތްތަކުގެ ގާނޫނުގެ ދަށުން ފުރަތަމަ ޗުއްޓީ ރައީސް ނަޝީދު ނަންގަވާއިރު އެ ޗުއްޓީގައި ތަނަކަށް ވަޑައިގަންނަވާ ކަމެއް ނުވަތަ ނޫން ކަމެއް ވިދާޅެއް ނުވެ އެވެ. ގާނޫނުގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އެ މަނިކުފާނުގެ އާއިލާއާ އެކު އަހަރަކު ގިނަވެގެން 30 ދުވަހުގެ ޗުއްޓީއެއް ހޭދަކުރުމުގެ ހަރަދު ދައުލަތުގެ ފަރާތުން ހަމަޖައްސައިދޭން ވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ