ރާއްޖޭގެ އެތައް ސަތޭކަ ބަޔަކު ތާލިބާނުން އެ ޖަމާއަތަށް ވައްދަމުންދޭ: ރައީސް ނަޝީދު

ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ ތާލިބާނުން ރާއްޖޭގެ އެތައް ސަތޭކަ ބަޔަކު އެ ޖަމާއަތަށް ވައްދަމުންދާ ކަމަށާއި އެމީހުން ދަނީ ޕާކިސްތާނުގައި ހަނގުރާމަ ކުރަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގައި ހުންނަވައި، އެ ގައުމުގެ ނިއުސް ޗެނަލް ސީއެންއެން-އައިބީއެން އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ ޕާކިސްތާނާއި އަފްޣާނިސްތާނުގެ ގްރޫޕުތަކަށް ދިވެހިން ވައްދަމުންދާ ކަމަށެވެ.
ޕާކިސްތާނުގައި ގާތްގަނޑަކަށް ރާއްޖޭގެ ކިހާ މީހުންނެއް ހަނގުރާމަ ކުރަމުންދޭތޯ އެއްސެވުމުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެތައް ސަތޭކަ މީހުން އެކަމުގައި އުޅޭނެ ކަމަށެވެ. އެ އަދަދު ހާހުން ގުނޭ ވަރަށް އަރައިގެން ނުދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި މި މައްސަލަ ސަރުކާރުން ބަލައި ރަނގަޅަށް ކޮންޓްރޯލް ކުރަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އޭގެ އިތުރުން ރައީސް ވިދާޅުވީ ޕާކިސްތާނަށް ކިޔަވަންދާ ދިވެހި ހުރިހާ ދަރިވަރުން ތާލިބާނުންނަށް ތާއީދުކުރާ ކަމަށާއި އެ ކުދިން ތާލިބާނުންނަށް ވާގިވެރިވާ ކަމަށެވެ.
އިންޑިއާ އިން ވަޑައިގެން އެއާޕޯޓުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެފަދަ ވާހަކަފުޅެއް ދެއްކެވިންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް ނަޝީދު އެކަމަށް ވަކި ޖަވާބެއް ނުދެއްވި އެވެ.
ޕާކިސްތާނުގައި ހަތިޔާރާ އެކު ހަރަކާތްތެރިވަނިކޮށް މިއަހަރު ކުރީކޮޅު ނުވަ ދިވެއްސަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެ މީހުންނާ ތާލިބާނުންނާ ގުޅުން އެބައޮތް ކަމަށް ޕާކިސްތާނުގެ ހޯމް މިނިސްޓަރާ ހަވާލާދީ އެ ގައުމުގެ ނޫހެއްގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ