ރީތި ރަށް ރިސޯޓުގެ 200 ވަރަކަށް މުވައްޒަފުން ހައްގުތައް ހޯދުމަށް ހަޅުތާލެއް ފަށައިފި

18: 09: ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގެ މުވައްޒަފުން، އެ މީހުންގެ ހައްގުތައް ލިބިދިނުމަށް ގޮވާލައި މިއަދު ހަޅުތާލެއް ކުރަން ފަށައިފި އެވެ.
ރީތި ރަށް ރިސޯޓުން ވާހަކަދެއްކި މުވައްޒަފަކު ދާދި ދެންމެއަކު ބުނީ އެ ރިސޯޓުގެ 200 ވަރަކަށް ދިވެހި މުވައްޒަފުން މަސައްކަތް ހުއްޓާލައި ހަޅުތާލު ފެށީ މިއަދު ހެނދުނު 00: 6 ގައި ކަމަށެވެ. ހަޅުތާލުކުރާ މައިގަނޑު ސަބަބަކީ ވަޒީފާގެ ގާނޫނަށް ރިސޯޓުގެ މެނޭޖްމަންޓުން އަމަލުނުކުރުމާއި އެކި މުވައްޒަފުންނާ މެދު ތަފާތުކުރުންތައް ގެންގުޅުމެވެ.
"ހައުސް ކީޕީން، ލޯންޑްރީ، ރެސްޓޯރަންޓް، ޕަވަ ހައުސް، ކާޕެންޓްރީ ފަދަ ތަންތަނުގެ މަސައްކަތް މިހާރު އޮތީ ހުއްޓިފައި. އެ ތަންތަނުގައި އެއްވެސް ދިވެއްސަކު މަސައްކަތެއް ނުކުރޭ. އެހެން ނަމަވެސް ބޭރު މީހުން މަސައްކަތުގައި އެބައުޅޭ. އަޅުގަނޑުމެންގެ މައްސަލަ އަކީ މެނޭޖްމަންޓުން އަޅުގަނޑުމެން ބުނާ އެއްޗެއް އަޑު ނޭހުން. ބައެއް ސްޓާފުން އެބަ ބުނޭ އެއް ފެންވަރެއްގައި ތިބޭ ބިދޭސީންނާއި ދިވެހިންގެ މެދުގައި މުސާރައިގެ ތަފާތުތަކެއް ހުރި ވާހަކަ ވެސް. އަދި ބިދޭސީންނާ ދިވެހިންނާ ދެމެދު އަމަލުކުރަނީ ވެސް ތަފާތުކޮށް،" ރީތި ރަށް ރިސޯޓުން ވާހަކަ ދެއްކި މުވައްޒަފު ބުންޏެވެ.
އެ ރިސޯޓުގެ 200 ވަރަކަށް މުވައްޒަފުން މަސައްކަތްތައް ހުއްޓާލުމަށް ފަހު ހަޅުތާލުކުރަމުންދަނީ ސްޓާފް ކެންޓީނު ކައިރީގައި ހުރި ޓެންޓެއް ކައިރީގަ އެވެ.
ރީތި ރަށުގެ މުވައްޒަފުން ހަޅުތާލުކުރަމުންދާއިރު އެ ރިސޯޓުގައި 200 ވަރަކަށް ޓޫރިސްޓުން ވެސް ތިބި ކަމަށް ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ