ސުލްހައިގެ ވާހަކަތަކުގައި އިދިކޮޅު ފަރާތްތަކުން ނުވަ ކަމެއް ހުށަހަޅައިފި

ރާއްޖޭގެ ސިޔާސީ މަސްރަހު ފިނިކުރުމަށްޓަކައި ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު މިއަދު ސުލްހައިގެ ވާހަކަތައް ފަށައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހެނދުނު 10 އިން ފެށިގެން އެއް ގަޑިއިރަށް ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ސަރުކާރު ނުވަތަ އެމްޑީޕީގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އާއި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަމްޒާ އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހެވެ.
އިދިކޮޅު ގުޅިފައިވާ އިއްތިހާދުން މި ވާހަކަތަކުގައި ބައިވެރިވެ ވަޑައިގެންނެވީ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ލީޑަރު އަދި ކެންދޫ ދާއިރާގެ މެމްބަރު އަހުމަދު ތަސްމީން އަލީ އާއި ޕީއޭގެ ރައީސް އަދި މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނާއި ދިވެހި ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމެވެ.
ގައުމީ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެކި ސަބަބުތަކާ ހުރެ ގައުމަށް ދިމާވެފައިވާ މައްސަލަތަކަށް ސުލްހަވެރި ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ވާހަކަތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވީ ރައީސް އަބްދުﷲ ޝާހިދު ތަނަވަސްކޮށްދެއްވި ފުރުސަތެއްގައި ކަމަށެވެ.
މި ވާހަކަތަކުގައި ސަރުކާރުން އެންމެ ކަމެއް ހުށަހަޅާފައިވާއިރު އިދިކޮޅު އިއްތިހާދުން ވަނީ ނުވަ ކަމެއް ހުށަހަޅާފައި ކަމަށް ގައުމީ ޕާޓީން ބުނެ އެވެ. ސަރުކާރުން ބޭނުންވި ހަމައެކަނި ކަމަކީ ވަޒީރުންގެ މަޖިލީހަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން އެއްފަހަރާ ލިބިދިނުމެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ފިނިކުރުމަށްޓަކައި ދާދިފަހުން ރާއްޖެ ވަޑައިގެންނެވި އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ރޮބަޓް ބްލޭކް ދަތުރަށް ފަހު ފުރަތަމަ ފަހަރަށް ސަރުކާރާއި އިދިކޮޅު ފަރާތްތަކުން އެއްމޭޒުދޮށުގައި ބޭއްވި ފުރަތަމަ ބައްދަލުވުމުގައި އިދިކޮޅު އިއްތިހާދުން ހުށަހެޅި ކަންތައްތަކުގެ ތެރޭގައި ގާނޫނު އަސާސީ އަށް އުނިއިތުރު ގެނެސް ވެރިކަމުގެ ނިޒާމަށް ބަދަލު ގެނެވޭ އެއްވެސް ކަމަކަށް ތާއީދު ކުރެވޭނީ އެފަދަ ބަދަލަކާއެކު އިންތިހާބެއް ބާއްވާ ހާލު އެކަނި ކަމަށާއި އިންތިހާބަކަށް ވަޑައިގަންނަވަން ރައީސުލްޖުމްހޫރިއްޔާ ހުންނެވީ ތައްޔާރަށް ކަމަށް ވިދާޅުވާއިރު، އެ މަނިކުފާނުގެ ނާއިބު ވެސް ހުންނެވީ އިންތިހާބަކަށް ދާން ޖެހިއްޖެ ހިނދެއްގައި އެކަމަށް މަގު ފަހިކޮށްދިނުމަށް ތައްޔާރަށް ކަމަށް ރައްޔިތުންނަށް އެނގުމެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާނުލައި ކުރިއަށް ގެންދިއުމާއި މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކުގެ ބައްދަލުވުންތައް ހުއްޓުވުމަކަށް އަންނަ ފަދަ އަމަލެއް އެމްޑީޕީގެ މެމްބަރުން ނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިނުމާއި ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފު އެއްވެސް އަމަލެއް އެމްއެންޑީއެފްގެ ޗީފް އޮފް ސްޓާފާއި ޕޮލިސް ކޮމިޝަނަރު ނުކުރައްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދިނުމާއި މިނިވަން މުސްތަގިއްލު އެއްވެސް މުއައްސަސާއެއްގެ މިނިވަންކަމަށް އުނިކަން އަންނަ ފަދަ އެއްވެސް އަމަލެއް ރައީސް މުހައްމަދު ނަޝީދު ނުކުރައްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވުން ހިމެނެ އެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެހައި ގާނޫނުތައް ފާސްކުރުމުގައި ފުރިހަމަ އެއްބާރުލުން ސަރުކާރަށް ފޯރުކޮށްދޭނެ ކަމަށާއި ސަރުކާރުން އިސްކަންދޭން ބޭނުންވާ ވަކި ގާނޫނުތަކެއް ވާނަމަ އެކަމަށް ފުރިހަމަ އެއްބާރުލުން ދޭން ތައްޔާރަށް ތިބިކަން ވެސް އިދިކޮޅު އިއްތިހާދުން ވަނީ ސަރުކާރަށް ހުށަހަޅައިފަ އެވެ.
ގައުމީ އިއްތިހާދުން ބުނި ގޮތުގައި ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ދެވަނަ ބައްދަލުވުން އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ހެނދުނު 10 ޖަހާއިރު ކަމަށެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވާހަކަތައް މި ފެށީ ރާއްޖެ އިން ބޭރުގެ އެކި ފަރާތްތަކުން ވެސް އެކަމަށް ގޮވާލާފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ