މިފްކޯގައި އެފްޕީއައިޑީގެ ދަރަނި އޮތުމުން ކުންފުނި ތަރައްގީކުރުމަށް ހުރަސްތަކެއް އެބަހުރި ކަމަށް މިފްކޯއިން ބުނެފި

ހުސައިން ފިޔާޒު މޫސާ އަދި އަބްދުﷲ ޖަމީލް
ބަނގުރޫޓުވެގެން އުވާލައިފައިވާ އެފްޕީއައިޑީގެ ދަރަނި މިފްކޯގައި އަދިވެސް އެބައޮތް ކަމަށާއި އެ ދަރަނީގެ ސަބަބުން މިފްކޯ ތަރައްގީކުރުމުގެ އޮޅިގަނޑު ގިރާކުރަން ދަތިވެފައިވާ ކަމަށް މިފްކޯގެ މެނޭޖިން ޑިރެކްޓަރު އާދިލް ސަލީމް މިއަދު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އިންފޮމޭޝަން މިނިސްޓްރީން އިންތިޒާމްކޮށްގެން ބޭއްވި ބައްދަލުވުމުގައި ހަވީރުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އާދިލް ސަލީމް ވިދާޅުވީ، މިދިޔަ އަހަރު ނިމުނުއިރު މިފްކޯގެ ބެލެންސް ޝީޓްގައި އެކިޔުމިލޭޓެޑް ލޮސްގެ ގޮތުގައި 329 މިލިއަން ރުފިޔާ އޮތް ކަމަށާއި އޭގެ ތެރޭގައި އެފް.ޕީ.އައި.ޑީގެ ދަރަނި ވެސް ހިމެނޭ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
"މިފްކޯ އުފެދުނީ އާންމުކޮށް ކުންފުނިތައް އުފެދޭ ގޮތަށް ސާފުކޮށް، ދަރަންޏެއް ނެތިއެއް ނޫން. ފައިސާ ހޯދުމަށް ކުރެވޭ މަސައްކަތްތަކުގައި ކުންފުނީގެ ބެލެންސް ޝީޓް ރަނގަޅުތޯ ފައިސާ ދޭ ފަރާތްތަކުން ބަލާނެ (އެފްޕީއައިޑީގެ) ދަރަންޏާއެކު އަޅުގަނޑުމެން އުޅެން ޖެހުމުގެ ސަބަބުން ދަތިތައް ދިމާ އެބަވޭ،" މިދިޔަ ނޮވެމްބަރު މަހު މެނޭޖިން ޑިރެކްޓަރުގެ މަގާމު ހަވާލުވެވަޑައިގެންނެވި އާދިލް ވިދާޅުވި އެވެ.
އާދިލް ވިދާޅުވީ މިފްކޯގައި އެފްޕީއައިޑީގެ ދަރަނި އޮތަސް، ގިނަ ދުވަސްތަކެއް ވަންދެން މިފްކޯއަށް ފައިދާ ނުވެ އޮތް ސަބަބަކީ ހަމައެކަނި އެ ދަރަންޏެއް ނޫން ކަމަށެވެ.
"ކުރީގައި އޮންނަ ގޮތަކީ މަސް ގަތުމަށް އޮންނަނީ ކޮންޓްރޯލް އަގެއް. ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް ކޮންމެ ގޮތެއް ވިޔަސް އަޅުގަނޑުމެން މަސް ގަންނަން ޖެހޭނީ ކަނޑައަޅާފައިވާ އަގަށް. އެގޮތަށް ސަރުކާރުން ހަމަޖައްސަވާފައި އޮތީ މަސްވެރިން ހިމާޔަތްކޮށްދިނުމަށްޓަކައި،" އާދިލް ވިދާޅުވި އެވެ. "ދެ ހާސް ތިނަކުން ފަށައިގެން ކުންފުންޏަށް ފައިދާންވާން ފެށީ ުމުވައްޒަފުން ކެނޑިނޭޅި ކުރި މަސައްކަތުން."
އާދިލް ވިދާޅުވީ، މިފްކޯގެ ފައިދާ މި އަހަރު ދަށްވާނެ ކަމަށެވެ.
"މި އަހަރުގެ މިހާތަނަށް މިފްކޯ އަށް 48 މިލިއަން ރުފިޔާ ފައިދާވެއްޖެ. މި އަހަރު ނިމޭއިރު 50 މިލިއަނަށް ފައިދާ އަރާނެ. މިދިޔަ އަހަރުގެ ފައިދާ އަކީ 62 މިލިއަން ރުފިޔާ،" އާދިލް ވިދާޅުވި އެވެ.
މި އަހަރު ފައިދާ ދަށްވުމުގައި ދެ ސަބަބެއް އުޅޭ ކަމަށާއި އެއް ސަބަބަކީ ސުނާމީ ހާދިސާއާ ގުޅިގެން މަސްވެރިންނަށް ލިބުނު ގެއްލުމުގެ އިތުރުން އެކަށޭނަ ގޮތެއްގައި މަހަށް ނުފުރައި ގިނަ ދުވަސްވުން ކަމަށް އާދިލް ވިދާޅުވި އެވެ. އަދި މި އަހަރު ތެރޭގައި ތެލުގެ އަގު އިންތިހާ އަށް ބޮޑުވުމަކީ ވެސް ކުންފުނީގެ ފައިދާ ދަށްވި ސަބަބެއް ކަމަށް އާދިލް ވިދާޅުވި އެވެ.
މިފްކޯގެ ފައިދާ އިތުރުކޮށް އިތުރު މަޝްރޫއުތައް ރާވަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ