ކެލާ ބަނދަރު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފި

ހއ. ކެލާގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްގީކުރަން ފެށި ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފިއެވެ.
މި މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނީ ބަނދަރުގެ މަސައްކަތް މި މަހުގެ 9 ވަނަ ދުވަހު އެއްކޮށް ނިންމާފައިވާ ކަމަށެވެ. މި މަސައްކަތަކީ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީއައި މިދިޔަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު ހަވާލު ކުރި މަސައްކަތެކެވެ.
މި ޕްރޮޖެކްޓާ ގުޅިގެން އެ ކުންފުނިން ބުނީ، ކެލާގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ކެލާ ފަޅުން 3496 ކިއުބިކް މީޓަރުގެސަރަޙައްދެއް ފުންކޮށް، 12،768 ކިއުބިކް މީޓަރުގެ ނެރު ފުންކުރި ކަމަށެވެ. އަދި 30 މީޓަރުގެ ބޭރު ތޮއްޓެއް ލުމާއި އަދި 220 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހައި 1445 އަކަ މީޓަރުގެ ޕޭވްމަންޓް އަކާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މިމަޝްރޫއު ގެ ދަށުން ވަނީ ހިންގާފަ އެވެ.
ހއ. ކެލާ ބަނދަރު ހެދުމުގެ ދެވަނަ ފިޔަވަހި މަޝްރޫޢު ނިމިއްޖެޕްރެސް ރިލީޒް:https://t.co/q648z68BLF pic.twitter.com/yUgvovEh4w— MTCC Plc (@MTCCPlc) July 11, 2020
ޕްލޭނިންގެ މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. 17.4 މިލިއަން ރުފިޔާގެ މި މަޝްރޫއު ނިންމުމަށް އެ ކުންފުންޏަށް ދިނީ 410 ދުވަހެވެ.
އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގެ ބަނދަރުގެ މަސައްކަތްކާއި ބިން ހިއްކުމުގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. ރާއްޖޭގެ އުމްރާނީ ތަރައްޤީގެ ބައިވެރިއެއްގެ ގޮތުން އެ ކުންފުނިން ކުރިއަށްގެންދާ އެކި ކަހަލަ އުމްރާނީ ތަރައްޤީގެ މަޝްރޫއު ތެރެއިން ހއ. އަދި ހދ. އަތޮޅުގެ ހޯރަފުށި، އިހަވަންދޫ، ކެލާ، ހަނިމާދޫ އަދި ނެއްލައިދޫގައި ގިނަ މަޝްރޫއުތަކެއް ކުރިއަށް އެބަގެންދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ