އެކޮމަޑޭޝަނަށް ފައިސާ ދެއްކީ ރަނގަޅަށް: އެންޑީއެމްއޭ

ކޮވިޑް-19ގައި ފްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަށް އާއިލާއާ ދުރުން އެކޮމަޑޭޝަން ހަމަޖައްސައިދޭން ގެސްޓް ހައުސްތަކާއި ރިސޯޓުތަކަށް ފައިސާ ދައްކާފައި ވާނީ އުސޫލެއްގެ ދަށުން ކަމަށާއި އެކަމުން ދައުލަތަށް ގެއްލުން ނުވާނެ ކަމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިއްޔެ ބުނެފި އެވެ.
ކޮވިޑް-19އާ ގުޅިގެން އެންޑީއެމްއޭ އިން ކުރި ހަރަދުތައް ބަލައި ނެރުނު އޮޑިޓް ރިޕޯޓުގައި ވަނީ ގެސްޓް ހައުސްތަކާއި ރިސޯޓުތަކަށް ފައިސާ ދެއްކުމުގައި ހުރި ގިނަ މައްސަލަތަކެއް ފާހަގަކޮށްފަ އެވެ. އެގޮތުން އެކަން ކުރީ އެއްބަސްވުމެއް ނެތި ކަމަށާއި ބޭނުން ނުކުރާ ކޮޓަރިތަކަށް ވެސް ފައިސާ ދައްކާފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައި ވެ އެވެ.
އެކަމަކު ނޫސްވެރިންގެ ބައްދަލުވުމުގައި އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވަނީ އެ ހުރިހާ ވާހަކަތަކެއް ވެސް ދޮގުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ގެސްޓްހައުސް ހޯދުމުގެ މަސައްކަތް ކޮށްދިނީ ޓުއަރިޒަމް މިނިސްޓްރީން ކަމަށާއި ގެސްޓް ހައުސްތަކަށް މުވައްޒަފުން ފޮނުވުމުގެ ކުރިން އެތަންތަނުން ނަގާނީ ކިތައް ކޮޓަރި ކަމާއި ދާނީ ކޮން އިދާރާއެއްގެ މުވައްޒަފުން ކަން ވެސް ކަނޑައަޅައިގެން އުސޫލު ހަދާފައިވާ ކަމަށެވެ.
"އެގޮތުން ފުލް ބޯޑް، ޝެއާކުރާ ގޮތަށް، އަދި ރޫމް ލޯންޑްރީ ސާވިސްއާ އެކު އަގު ހިމެނޭ ގޮތަށާއި ދުވާލަކަށް ހަމައެކަނި ކޮޓަރި ފަދަ ހިދުމަތްތަކަށް ރޭޓުތައް ވެސް އުސޫލުގައި ކަނޑައަޅާ ފައިނަލް ކުރެވިފައި ވަނީ،" ހިސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފަދަ އެއްބަސްވުމެއް ގެސްޓްހައުސްތަކާ އެކު ވެފައި ނެތް ކަމަށް އޮޑިޓް ރިޕޯޓުގައި އޮތް ނަމަވެސް މި ހުރިހާ އުސޫލެއް ގެސްޓްހައުސްތަކާ ހިއްސާކޮށް އެއްބަސްވެފައިވާނެ ކަމަށެވެ. އަދި އެ މައުލޫމާތު އޮޑިޓް އޮފީހާ ވެސް ހިއްސާކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"ހޮޓާތަކުން ހިދުމަތް ހޯދުމުގެ ކުރިން ހޯޓާތަކަށް މި މުއާމަލާތްކޮށް، ހޮޓާތަކުން ހޯދަން ބޭނުންވާ ހިދުމަތުގެ ކޯޓޭޝަން ލިބުނީމަ އެކަމަށް އެއްބަސްވެ ޕީއޯ ރެއިޒްކުރެވިގެން ހޯޓާތަކުން ހިދުމަތް ހޯދާފައިވާނީ،" ހިސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބޭނުން ނުކުރާ ކޮޓަރިތަކަށް ފައިސާ ދެއްކި ކަމަށް ބުނި ނަމަވެސް އެއީ ވެސް ތެދު މައުލޫމާތެއް ނޫނެވެ. ފައިސާ ދެއްކި ކޮންމެ ތަނެއް ވެސް ކޮވިޑް-19ގެ ކަންކަމުގައި ބޭނުންކޮށްފައިވާނެ ކަން ކަށަވަރު ކުރި ކަމަށް ވެސް ވިދާޅުވި އެވެ.
އެގޮތުން ޖޫން 30އާ ހަމައަށް 85 ގެސްޓްހައުސްއެއްގެ 1،099 ކޮޓަަރީގައި 1،777 މީހުން ބޭތިއްބި ކަމަށް ވިދާޅުވި އެވެ.
"ބައެއް ފަރާތްތަކުން ހާއްސަކޮށް ވޮލަންޓިއާކޮށް މަސައްކަތް ކުރި އަންހެން ކުދިން. ދެ ބޭފުޅުން އެއް ކޮޓަރިއަކަށް ބަދަލުވުމާ މިގޮތަށް ހިނގާފައިވާ ކަންކަން އެބަހުރި. އެހެންނަމަވެސް އެ ކޮޓަރިތަކަކީ ހިދުމަތަށް ނަގާފައިވާ ކޮޓަރިތަކެއް ކަމުން، އެތަން ރަސްމީކޮށް ބޭނުންކުރާ ގޮތަށް ނިންމާ ޕޭމަންޓް ދެމުން ގެންދިޔައީ،" ހިސާން ވިދާޅުވި އެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ކޮޓަރިއަކަށް ދުވަލަކަށް 750ރ ގެ ރޭޓުން ރިސޯޓުތަކަށް ފައިސާ ދައްކަން ހަމަޖެއްސި ނަމަވެސް މީހުން ބޭތިއްބި ރިސޯޓަކަށް ފައިސާ ދިނީ ޓީޖީއެސްޓީގެ 12 ޕަސެންޓް ވެސް ހިމަނައިގެންނެވެ.
މިކަމާ ގުޅިގެން ހިސާން ވިދާޅުވީ ޓީޖީއެސްޓީއަކީ ދައުލަތަށް އަނބުރާ ލިބޭ އެއްޗެއް ކަމުން އެއިން ވާނެ ގެއްލުމެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ވެސް އޮޑިޓްގެ ކުރިން ހައްލުކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ އެގޮތަށް އެކަން ހިނގާފައި ވަނީ މަލަހިނި ކުޑަބަނޑޮސްގައި އެކަނި ކަމަށެވެ. އެއީ ރިސޯޓާއި ޓޫރިޒަމް މިނިސްޓްރީއާ އެކު އޮތް އެއްބަސްވުމެއްގެ ދަށުން ދެއްކި ފައިސާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި ފަހުން އެ އެއްބަސްވުން 750ރ.ގެ ރޭޓަށް ބަދަލުކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ