ކޮވިޑް19: އަލާމާތްތައް ނުފެންނާތީ ޓެސްޓް ނުކުރި، ފަހުންވީ ފައްސި!

ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު އެއް ބަޔަކީ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތައް ތަހަންމަލު ކުރަމުންދާ މީހުންނެވެ. އެކި އުމުރުފުރާގެ މީހުން އައިސޮލޭޓް ކުރާ އިރު، ހައި ރިސްކް ނުވަތަ އެ ބަލީގެ ނުރައްކާ ބޮޑު މީހުންނަށް އެޗްޕީއޭ އިން އިސްކަން ދެއެވެ.
އެކަމަކު، ފާއިތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެންމެ ބޮޑަށް އާންމު ކުރި ޝަކުވާއަކީ ހައި ރިސްކް މީޙުން އެކަހެރި ނުކުރުމާއި ޓެސްޓް ކުރުން ލަސްވުމާއި ޓެސްޓްގެ ނަތީޖާ ނުލިބި ލަސްވުން ފަދަ ކަންކަން ދިމާވުމުންނެވެ. އެފަދަ ކަންކަން ދިމާވި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު އަންހެނުންނާއި ބޮޑެތި ބަލިތަކަށް ބޭސް ކުރަމުން އަންނަ މީހުން ވެސް ހިމެނެއެވެ.
ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑް-19 ފެތުރުން އިތުރުވެފައިވާތީ އެ ބައްޔަށް ފައްސިވާ މީހުންނާއި އެ މީހުންނާ ބައްދަލުވާ މީހުން އެކަހެރި ކުރުމުގައި ދަތިތައް ދިމާވާކަން އެޗްޕީއޭ އިން މީގެކުރިން ފާހަގަކުރެއެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ދަތިތައް ދިމާވެ، އެކަމުގެ ސަބަބުން ބަލި ޖެހޭ މީހުންނާއި އެމީހުންގެ ކޮންޓެކްޓުން އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ދަތިވާ ކަން އެޗްޕީއޭ އިން ފާހަގަ ކުރެއެވެ.
އޭގެތެރެއިން އެއްބަޔަކީ މޫނިސާ އާދަމް ( އަސްލު ނަމެއް ނޫން)ގެ އާއިލާއެވެ. އެ އާއިލާއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް މީހަކު ފައްސިކަން އެނގުނީ މިދިޔަ ހަފްތާގައެވެ. އެ އާއިލާއިން ފުރަތަމަ ކޮވިޑް-19 އަށް ފައްސިވި ޒުވާނާއަކީ ޔުނިފޯމް އެޅި މުއައްސަސާއެއްގައި މަސައްކަތް ކުރާ މީހެކެވެ.
އެ އާއިލާ މީހަކު "ވަގުތު" އަށް ކިޔައި ދިން ގޮތުގައި އެންމެ ފުރަތަމަ ކޮވިޑް-19 އަށް ފައްސި މީހަކު އެ އާއިލާގައި ހުރިކަން އެނގުމާއި އެކު އެ ގޭގައި ދިރިއުޅުނު އެންމެން ޓެސްޓުކޮށްދިނުމަށް އެޗްޕީއޭގައި ވަނީ އެދިފައެވެ. އެ ގޭގައި އުމުރުން ދުވަސްވީ ދެމަފިރިއަކުވެސް ތިބުމާއެކު ވީހާވެސް އަވަހަކަށް ޓެސްޓުކޮށްދިނުމަށް އެދެމުން އައިކަން މޫނިސާ ވަނީ ފާހަގަކޮށްފައެވެ.
ފައްސިވި މީހަކާ ގާތުން ބައްދަލުވި ހައި ރިސްކް ބަޔަކު ޓެސްޓު ނުކުރަންވީ ސަބަބު ނޭނގޭ ކަމަށް އޭނާ ބުންޏެވެ.
އެމީހާ ކިޔައި ދިން ގޮތުގައި ޓެސްޓް ނުކުރި މައްސަލައިގައި ތަކުރާރުކޮށް އެޗްޕީއޭ އަށް ގުޅުމުން ވެސް ދިނީ ހަމަ އެއް ޖަވާބެކެވެ. އެ ޖަވާބަކަށްވީ އެމީހާ ބުނި ގޮތުގައި އާއިލާ މެމްބަރުންގެ ގައިން އަލާމާތްތައް ނުފެންނާތީ ޓެސްޓް ނުކުރަން ނިންމުމެވެ.
އެ އާއިލާގެ މާމަ ކޮވިޑް-19 އަށް ފައްސިކަން މިހާރު އެނގިފައި ވާއިރު، އޭނާ އާއި ބައްދަލުވި މީހުންގެ ތެރޭގައި މޫނިސާ ވެސް ހިމެނެއެވެ. މޫނިސާ މިވަގުތު އިނީ ބަލިވެއެވެ. އެހެންކަމުން އޭނާ އަކީވެސް ހައިރިސްކު މީހުންގެ ތެރޭގައި ހިމެނޭ މީހެެކެވެ.
މޫނިސާގެ ގައިން މިހާތަނަށް ބަލީގެ އަލާމާތެއް ނުފެނުނު ނަމަވެސް އޭނާގެ ފުރާވަރުގެ އަންހެން ކޮއްކޮގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ދަނީ ފެންނަމުންނެވެ. އެ ގޭގައި މޫނިސާގެ މަންމަވެސް ދިރިއުޅެއެވެ.
އަދި އެންމެ ފުރަތަމަ ބަލި ޖެހުނު ފިރިހެން މީހާގެ އަނބިމީހާ އަށް ވެސް ކޮވިޑް-19 ޖެހިފައިވާތީ އެ ދެ މީހުންގެ ދެ ކުދިން މިހާރު ވަނީ ވަކިން އެހެން ތަނަކަށް އާއިލާގެ ފަރާތުން ބަދަލުކޮށްފައެވެ.
އެ އާއިލާގެ އެއްވެސް މީހެއްގެ ޓެސްޓެއް މިހާތަަނަށް ވެސް ނުހަދާ ކަމަށާއި ކޮންޓެކްޓް ޓްރޭސިން ވެސް ނުހަދާކަމަށް އޭނާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ