ރާއްޖޭގެ ޓީޓީއަށް އައިޓީޓީއެފްގެ ތައުރީފު

ރާއްޖޭގެ ޒުވާން އަންހެން ޓީޓީ ޓީމުގެ މަސައްކަތަށް އިންޓަނޭޝަނަލް ޓީޓީ ފެޑްރޭޝަން (އައިޓީޓީއެފް) އިން ތައުރީފު ކޮށްފި އެވެ.
ރާއްޖެއާ ބެހޭގޮތުން އައިޓީޓީއެފްގެ ވެބްސައިޓްގައި ލިޔެފައިވާ އާޓިކަލެއްގައި ބުނެފައި ވަނީ، ރާއްޖެއަކީ ސަރަހައްދީ ލެވަލްގައި ޓީޓީގެ ކުރިމަގު އޮތް ގައުމެއް ކަމަށެވެ. އައިޓީޓީއެފުން ވަނީ ހާއްސަކޮށް ރާއްޖޭގެ ޒުވާން ކުޅުންތެރިޔާ ފާތުމަތު ދީމާ އަލީގެ ކާމިޔާބު ފާހަގަ ކޮށްފަ އެވެ.
ރާއްޖޭގެ ގައުމީ ޗެމްޕިއަން ދީމާ ޒުވާން އުމުރުގައި ހޯދަމުންދާ ކާމިޔާބު ފާހަގަ ކުރަމުން އައިޓީޓީއެފުން ބުނީ އުމުރުން 12 އަހަރުގައި ދުނިޔޭގެ ރޭންކިންގެ ފާހަގަ ކުރެވޭ މަގާމެއްގައި ދީމާ ހިމެނިފައި ވުމަކީ ބޮޑު ކާމިޔާބެއް ކަމަށެވެ.
"އޭނާގެ ނަމުގައި ވޯލްޑް ރޭންކިންގެ އެއްވެސް މަގާމެއް ނެތް ވަގުތެއްގައި ދީމާ ވަނީ ސްވިޑެންގެ ހާމްސްޓަޑްގައި ތިން ވަނަ ޑިވިޝަންގެ ޗެލެންޖަށް ރާއްޖެ އުފުލައިދީފަ އެވެ." 2018 ވަނަ އަހަރު ސްވިޑެންގައި ބޭއްވި ވޯލްޑް ޓީޓީ ޓީމު ޗެމްޕިއަންޝިޕަށް އިޝާރާތްކޮށް އައިޓީޓީއެފްގެ ވެބްސައިޓްގައި ލިޔެފައި ވެއެވެ. "ފާތުމަތު [ދީމާ] އަކީ އޭރު އުމުރުން 10 އަހަރުގައި އެ ކެޓަގަރީގައި ވާދަ ކުރިން އެންމެ ޒުވާން ކުޅުންތެރިޔާ."
އައިޓީޓީއެފްއިން ވަނީ ގައުމީ ޓީމުގައި ދީމާގެ ޑަބަލްސް ޕެއާ އައިޝަތު ރަފާ ނާޒިމުގެ ހުނަރު ވެސް ފާހަގަ ކޮށްފަ އެވެ. ވޯލްޑް ޓީމް ޗެމްޕިއަންޝިޕްގައި ރަފާ ވާދަ ކުރީ ދެ ވަނަ ފަހަރެވެ. އެ މުބާރާތުގެ 71 ވަނަ ރާއްޖެއަށް ލިބުނު އިރު ރަފާގެ މަސައްކަތް އައިޓީޓީއެފުން ވަނީ ފާހަގަ ކޮށްފަ އެވެ.
ޑިސެމްބަރު މަހު ނޭޕާލްގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ޒުވާން ޓީމަކާއެކު ގޮސް ރާއްޖޭގެ އަންހެން ޓީމުން ލޯ މެޑަލް ހޯދުމަކީ ފާހަގަ ކުރަން ޖެހޭ ކަމެއްކަން އައިޓީޓީއެފުން ބުނެފައި ވެއެވެ.
"ޒުވާން ކުޅުންތެރިންނާއެކު ހޯދި މެޑަލްއަކީ ކުރިމަގުގައި ހާއްސަ ކާމިޔާބަށް ދިއުމަށް އެޅި ފުރަތަމަ ފިޔަވަޅެވެ." އައިޓީޓީއެފްގެ ވެބްސައިޓްގައި ލިޔެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ