ލަންކާގެ އެކި ހިސާބުތަކުގައި ވައިރަސް ފެތުރޭ ވާހަކަ ދޮގުކޮށްފި

ކޮލަމްބޯ (ޖުލައި 14) - ސްރީ ލަންކާގެ އެކި ސަރަހައްދުތަކުގައި ކޮރޯނާވައިރަސް ފެތުރޭ ކަމަށް ދެކެވޭ ވާހަކަތައް ހެލްތު މިނިސްޓްރީން ދޮގުކޮށްފި އެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ހެލްތު ސާވިސަސް ޑރ. އަނިލް ޖަސިންހަ ވިދާޅުވީ ވަކި ސަރަހައްދުތަކެއް ފިޔަވައި އެހެން ހިސާބުތަކުގައި ވައިރަސް ފެތުރޭ ވާހަކައިގެ ހަގީގަތެއް ނެތް ކަމަށެވެ.
"ވަކި ސަރަހައްދުތަކެއްގެ ހާލަތު ގޯސްވެގެން އުޅެނީ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖަސިންހަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވައިރަސް އާއްމުގޮތެއްގައި މިހާރު ފެތުރެނީ ކަންޑަކަޑު ރިހެބިލިޓޭޝަން ސެންޓަރާއި ރާޖަންގަނަޔާ އަދި ވެލިކަނޑައިގައި ކަމަށެވެ. އެ ސަރަހައްދުތަކުން އެހެން ސަރަހައްދުތަކަށް ވައިރަސް ފެތުރިގެން ނުދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ލަންކާގެ އެކި ހިސާބުތަކުން ކޮވިޑުގެ ބަލި މީހުން ފެންނަ ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް. އެއީ ތެދެއް ނަމަ ހެލްތު މިނިސްޓްރީން އެ މައުލޫމާތު ހާމަކުރާނެ،" ޖަސިންހަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮވިޑް-19 މީހަކު ޕޮޒިޓިވްވިކަން އެނގޭނީ ޕީސީއާރު ޓެސްޓް ހަދައިގެން ކަމަށެވެ.
ޖަސްޓިސް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮންނަ ކަންޑަކަޑު ރިހެބިލިޓޭޝަން ޝަންޓަރުން ވަނީ 492 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭން 429 އަކީ އެ ތަނުގައި ތިބި ގައިދީންނެވެ. އަދި 47 މީހުންނަކީ ސެންޓަރުގެ ސްޓާފުންނެވެ. އެ ސެންޓަރަށް ޒިޔާރަތްކުރި 16 މީހަކު ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ.
ލަންކާ އިން މިހާތަނަށް ވަނީ 2,646 މީހުން ޕޮޒިޓިވްވެ 11 މީހުން މަރުވެފަ އެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 654 އެވެ. ލަންކާގައި މިހާތަނަށް ހަދާފައި ވަނީ 125،632 ޓެސްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ