ދަރަންޏަށް ފައިސާ ނަގައިގެން މަޝްރޫއު ހިންގަނީ ހާލަތުން އަރައިގަންނަން: އަމީރު

ދަރަންޏަށް ފައިސާ ނަގައިގެން ތަރައްގީގެ މަޝްރޫއުތައް ހިންގަނީ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ކާރިސާ އިން އަރައިގަނެ ހާލަތު ބަދަލުކުރަން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރޭ ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ ދިވެހިރާއްޖޭ އަޑުން ގެންނަ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި އާއްމުން ފޮނުވި ސުވާލުތަކަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ދަރަންޏަށް ފައިސާ ނަގައިގެން ވިޔަސް ތަރައްގީގެ މަޝްރޫއުތައް ހިންގަން ޖެހޭކަން ދުނިޔޭގެ ހުރިހާ ގައުމުތަކަކުން ވެސް ގަބޫލުކުރާ ކަމަށެވެ. ބޭނުމަކީ ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ކާރިސާއިން ވީހާވެސް އަވަހަކަށް އަރައިގަތުން ކަމަށާއި ރާއްޖޭގެ މިސްރާބަކީ ވެސް އެއީ ކަމަށް ވިދާޅުވި އެވެ.
"ދުނިޔޭގެ ހުރިހާ ގައުމުތަކުން ވެސް ދަރަންޏަށް ފައިސާ ނަގައިގެން ކުރޭ، މީގައި އޮތީ ދެ ގޮތެއް. އެއީ މި ކަހަލަ ހާލަތެއް މެދުވެރިވެދާނެ ކަމަށް ސޭވްކޮށްފައި ހުރިއްޔާ އެ ސޭވިން އަޅުގަނޑުމެންނަށް ބޭނުން ކުރެވިދާނެ، ނޫނިއްޔާ ޖެހޭނީ ދަރަންޏަށް ފައިސާ ނަގަަން،" މި ހާލަތުގައި ލޯނު ނަގައިގެން މަޝްރޫއު ހިންގާ ސަބަބާ ގުޅޭ ގޮތުން އަމީރު ވިދާޅުވި އެވެ.
"ހަގީގަތަކީ އެ ގޮތަށް ރާވައިގެން އަޅުގަނޑުމެންނަކަށެއް ފިސްކަލް ރިޒާވެއް ގާއިމްކުރެވިފައެއް ނެތް. އެހެންވީމަ އެބަ ޖެހޭ ދަރަންޏަށް ފައިސާ ނަގައިގެން ވެސް އެކަންކަން ކުރަން."
އަމީރު ވިދާޅުވި ގޮތުގައި ރަނގަޅު އިންވެސްޓްމެންޓްތަކުގައި އިންވެސްޓްކޮށްގެން ލިބޭ އާމްދަނީން ދަރަނި އަދާކޮށް، އިގްތިސާދު އަވަހަށް ކުރިއަށް ގެންދެވޭނެ އެވެ. ނޫން ނަމަ، 10-20 އަހަރުވާ އިރު ވެސް އިގްތިސާދު އޮންނަނީ މަޑު ދުވެލީގައި ކަމަށް ވިދާޅުވި އެވެ.
"ދަރަންޏަށް ނަގައިގެން ވިޔަސް ޖަމްޕެއް ކުރެވޭ ނަމަ، އެއީ ނުކޮށް ދޫކޮށްލަންވާ ވަރުގެ ކަމެއް ނޫން،" އަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދަރަންޏަށް ފައިސާ ނަގައިގެން ބޭނުން ވަނީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތު އިތުރަށް ފުޅާކޮށް އެއާޕޯޓްތައް ތަރައްގީކޮށް ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުން ކަމަށެވެ.
"ދަރަންޏަށް ފައިސާ ނަގައިގެން މި ކުރާ ކަމަކީ ތަރައްގީއށް މި ކުރާ މަސައްކަތް. އަޅުގަނޑު އަބަދުވެސް ފާހަގަކުރަމުންދާ ކަމެއް، ދަރަނި ނަގާއިރު ބަލަން ޖެހޭނެއޭ ދަރަނި މި ނަގަނީ ގައުމީ އުފެއްދުންތެރިކަން އިތުރުވާ މިންވަރަށް ވުރެން އަބަދުވެސް ދަށްކޮށް،" އަމީރު ވިދާޅުވި އެވެ.
ގައުމީ އުފެއްދުންތެރިކަން ކޮންމެ އަހަރަކު އިތުރުވަނީ އަށް ޕަސެންޓަށް ނަމަ ދަރަނި ނެގުން ހުންނަވަން ވާނީ މިނިސްޓަރު ވިދާޅުވި ގޮތުގައި އެ އަށް ވުރެން ދަށުގައި، މިސާލަކަށް ހަ ޕަސެންޓުގަ އެވެ. އެގޮތަށް ވެއްޖެ ނަމަ ދަރަނި މެނޭޖްކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވި އެވެ.
"އެކަމަކު އަޅުގަނޑުމެން ދަރަނި މި ނަގަނީ، އަހަރުން އަހަރަށް ބަލާއިރު 15 ޕަސެންޓް ކަމުގައި ވަނީ ނަމަ ގޯސްވާނެ،" އަމީރު ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުގައި ހިންގި ތަރައްގީގެ މަޝްރޫއުތަކުގައި ޗައިނާ އިން މުހިއްމު ދައުރެއް އަދާކޮށްފައިވާއިރު، ރާއްޖެ އަށް އެންމެ ދީލަތިކޮށް ލޯން ދެމުން އަންނަނީ އިންޑިއާ އިން ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި ސަބަބާ ގުޅޭ ގޮތުން އުފައްދާ ސުވާލަށް ވެސް ޖަވާބު ދެއްވި އެވެ.
އަމީރު ވިދާޅުވި ގޮތުގައި، މިހާތަނަށް ލިބިފައި ހުރި މާލީ އެހީތަކަށް ބަލާއިރު އެންމެ ދީލަތިކޮށް އެހީދީފައި ވަނީ އިންޑިއާ އިން ކަން ފެންނަން އެބައޮތެވެ. އެއީ ހަމައެކަނި ފައިސާއެއް ނޫން ކަމަށާއި ކޮވިޑް-19ގެ ހާލަތުގައި ރާއްޖެ އަށް އެހީގެ ފުރުސަތުތަކެއް ހުޅުވައިދިން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މި ނޫނަސް ވަރަށް އެހީވާ ގައުމުތައް ހުރި ކަން އަޅުގަނޑު އަބަދުވެސް ފާހަގަކުރަން. މިސާލަކަށް ޗައިނާ، އެ ގައުމުން ކުރިން ނަގާފައިވާ ލޯންތަކަށް ބަލާލާއިރު އެއީ ކޮންސެޝަނަލް ލޯންގެ ގޮތުގައި ބެލިދާނެ. އެކަމަކު ހަގީގަތަކީ އޭރު ސަރުކާރުތަކުން އެކަން ކޮށްފައި އޮން ގޮތް. މިސާލަކަށް 100ރ. އިން ކުރެވޭ ކަމެއް 200ރ. އިން ކުރީމާ އެ ވާހަކަ އަބަދުވެސް އަޅުގަނޑުމެން ދައްކަމުން އައީ،" އަމީރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ