ރައީސް ޔާމީނުގެ ވަކީލުންނާ ބައްދަލުނުވެ ޝަރީޢަތް ފަށާތީ ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފި

ޕީ.ޕީ.އެމް.ގެ ރައީސް، ރައީސް ޢަބްދު ﷲޔާމީން ޢަބްދުލްޤައްޔޫމް، އެމަނިކުފާނުގެ ވަކީލުންނާއި ބައްދަލުނުވެ އެތައް ދުވަހެއް ފާއިތުވެގެން ގޮސްފައިވާއިރު، އަދި އެކަން ހަމަނުޖެހި އުޅެނިކޮށް ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގެ އަޑުއެހުމެއް މާދަމާ އަށް ކްރިމިނަލް ކޯޓުން ތާވަލް ކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން ބަޔާނެއްނެރެފިއެވެ.
އެބަޔާނުގައި ބުނެފައިވަނީ ކުރީގެ ރައީސް ރައީސް ޢަބްދު ﷲޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ވަކީލުންނާއި ބައްދަލުނުވެ ގިނަ ދުވަސް ވަމުން ދާތީއާއި އަދި އެކަން ހަމަޖައްސަވައިދެއްވުމަށް ހައިކޯޓުގެ ފަނޑިޔާރުން ޢަމުރުކުރެއްވި ފަހުންވެސް މަހަކަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރުވެސް ކަރެކްޝަންސްގެ ފަރާތުން އެ އިންތިޒާމުތައް ހަމަޖައްސަވާދެއްވާފައި ނުވާތީ އެކަން ހަމަޖައްސަވައިދެއްވުން އެދި 13އޯގަސްޓް 2020ގައި ހޯމް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި މިކޯލިޝަންގެ ފަރާތުން ހޯމް މިނިސްޓަރ އަރިހުންވެސް އެދިފައިވާކަމާއި އެހެންނަމަވެސް، އެކަން ހަމަޖައްސަވައި ނުދެއްވާ، ކްރިމިނަލް ކޯޓުގައި މައްސަލައެއް ތާވަލް ކުރުމަކީ އެމަނިކުފާނަށް ޢަމާޒުކުރެވިގެން ހިންގާ ސިޔާސީ ޙަރަކާތެއްކަމުގައި އެކޯލިޝަނުން ޤަބޫލުކުރާކަމަށެވެ. އަދި އެއީ އެމަނިކުފާނަށް އަނިޔާވެރިވުން ކަމުގައިވެސް އެކޯލިޝަނަށް ދެކެއެވެ. އެހެންކަމުން، ރައީސް ޢަބްދު ﷲޔާމީން ޢަބްދުލްޤައްޔޫމާއި ގުޅިގެން ކުރެވޭ ދައުވާތަކާއި، ހިންގޭޝަރީޢަތްތަކުގައި ހަމަހަމަކަމާއި އިންސާފުވެރިކަން އިސްކޮށް،ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤުތައް ހުރިހާ އެންމެންނަށްވެސް ހަމަހަމަކަމާއި އެކު ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވާދެއްވާ އަނިޔާވެރިވުމަށް ފުރުޞަތު ދެއްވުމެއްނެތި، އިންސާފުވެރިކަމާއެކު ޤާނޫނީ އެންމެހާ ކަންކަން ކުރިއަށް ގެންދެވުމަށް އެކޯލިޝަނުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.. އަދި ރައީސް ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޝަރީޢަތްތައް ތާވަލްކުރެވިގެން ކުރިއަށް ގެންދެވޭއިރު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 53ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ގޮތުގެ މަތިން، ރައީސް ޢަބްދު ﷲޔާމީން ޢަބްދުލްޤައްޔޫމަށްވެސް އެމަނިކުފާނުގެ ވަކީލުންނާއި ބައްދަލުވެ، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު އެކަށިގެންވާ ފުރުޞަތާއި ވަގުތު ދެއްވުމަށްފަހު ނޫން ގޮތަކަށް ޝަރީޢަތުގެ ކަންކަން ކުރިއަށް ނުގެންދިއުމަށްވެސް އެކޯލިޝަނުން ގޮވާލާފާވެއެވެ. އަދި މީގެ ކުރީގައިވެސް މިރާއްޖޭގައި ޝަރީޢަތައް ކުރިއަށް ގެންދެވިފައިވަނީ މިދެންނެވި އުސޫލުންކަމަށްވާއިރު، ރައީސް ޢަބްދު ﷲޔާމީން ޢަބްދުލްޤައްޔޫމާއި މެދުވެސް ތަފާތު ކުރުންތައް ނުގެންގުޅުމަށް އެފަރާތުގައި ބަޔާނުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ