އޮފީސް/ކުންފުނިތަކުގެ އެގްޒެކެޓިވުންނަށް ބާއްވާ ފުޓުސަލް ކަޕްގެ ގުރުނަގައިފި

އެޗްއާރު މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެން އޮފީސް/ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ އެގްޒެކްޓިވް ފުޓުސަލް ކަޕްގެ ގުރުނަގައިފިއެވެ.
މިއަދު ސޮލިޓް ރެސްޓޯރެންޓްގައި ބޭއްވި ގުރުއަތުނެގުމުގައި ސަރުކާރު އޮފީސް/ކުންފުނިތަކުން 11 ޓީމު ވަނީ ބައިވެރިވެފައެވެ.
އެޗްއާރު މޯލްޑިވްސްގެ ފަރާތުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އެފްއޭއެމްގެ މިނީޓާފް ގްރައުންޑް 3 ގައެވެ. އެޗްއާރު މޯލްޑިވްސް އިން ބުނީ މުބާރާތް ކުރިއަށްދާނީ 29 ވަނަ ދުވަހު ހެނދުނު 7:45 އިން އިރުއޮއްސި 6:30 އާ ހަމައަށެވެ.
މި މުބާރާތް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން އެއް ގްރޫޕުގައި ހަ ޓީމެއް ހިމެނޭ އިރު، އަނެއް ގްރޫޕުގައި ފަސް ޓީމެއް ހިމެނޭނެއެވެ. ކޮންމެ ގްރޫޕަކުން ވެސް އެއްވަނަ އަދި ދެވަނަ ހޯދާ ޓީމުތަކަށް ސެމީ ފައިނަލުން ފުރުސަތު ލިބޭނެއެވެ.
އެޗްއާރު މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެން އެގްޒެކްޓިވް ލެވަލްގައި މަސައްކަތް ކުރާ ފަރާތްތަކަށް ބާއްވާ މި މުބާރާތް ހޯސްޓް ކޮށްފައިވަނީ ހިއުމަން ކެޕިޓަލް މެގަޒިންގެ ފަރާތުންނެވެ. އަދި މިއީ މުޅިން އަލަށް ބާއްވާ މުބާރާތެއް ކަމަށާއި ކުރިއަށް އޮތް އަހަރުތަކުގައި ވެސް މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެޗްއާރު މޯލްޑިވްސް އިން ބުންޏެވެ.
އެޗްއާރު މޯލްޑިވްސްއިން ބުނީ މުބާރާތުގެ މައިގަނޑު މަގުސަދަކީ އޮފީސް ކުންފުނި ތަކުގެ އެގްޒެކްޓިވް ލެވަލްގެ ބޭފުޅުންނަށް އާންމުކޮށް އެފަދަ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ނުލިބޭތީ އާއި އެފަދަ ފަރާތްތަކަށް ހަރަކާތްތެރި މާހައުލެއް ގާއިމު ކުރުމުގެ މަގުސަދުގައި ކަމަށެވެ. އަދި އޮފީސްތަކުގެ އެގްޒެކްޓިވް ލެވަލްގައި މަސައްކަތް ކުރާ ފަރަތްތައް އެއް މާހައުލަކުން ބައްދަލުވެ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ހޯދައިދިނުން ވެސް ހިމެނޭ ކަމަށް އެޗްއާރު މޯލްޑިވްސްއިން މައުލޫމާތުދެއެވެ.
މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ މިނިސްޓްރީ އޮފް ހެލްތު، މިނިސްޓްރީ އޮފް އެޑިއުކޭޝަން، މޯލްޑިވްސް ޕޮލިސް ސާވިސް، އެމްއެންޑީއެފް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް، މޯލްޑިވްސް ކަސްޓަމްސް، މޯލްޑިވިއަން، އެޗްޑީސީ، އޮޑިޓާ ޖެނަރަލްގެ އޮފީސް، ފިނޭންސް މިނިސްޓްރީގެ އިތުރުން އެސްޓީއޯއެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ވަން އޮންލައިންއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ