މިތަނުން ހިނގާލާފައި މާދުރުނޫން ހިސާބެއްގައި މިވަނީ ސަލްޓަން ޕާކު.
އެތަނުގެ ޙާލަތުވެސް ހުރީ މި ޢިއްޒުއްދީން ފާލަން މި ހުޅުވުމާ ހަމަޔަށް، އޭގެކުރިން އެތަން ބަންދުކުރުމާ ހަމަޔަށް ހުރި ޙާލަތުގައި. މިދިޔަ ފަސްވަރަކަށް އަހަރު ދުވަހު، މިދިޔަ ދެތިން އަހަރު ދުވަހު ޚާއްޞަކޮށް އެއްވެސްވަރަކަށް އަޅުގަނޑު މޭޔަރަކަށް ހުރިއިރުގައިވެސް ކަންތައްތައް ކުރަން ބޭނުންވިވަރަށް ނުކުރެވި އަދި އޭގެފަހުން މިދިޔަ ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި ހަމަ އެއްގޮތަކަށްވެސް ނުބެލެހެއްޓިދިޔަ ތަނެއް.
ސަރުކާރުން މިހާރު އެތަނާވެސް އެވަނީ އިރާދަކުރެއްވީތީ ހަވާލުވެފައި. ތަން ތަރައްޤީ ކުރުމަށް. އިރާދަކުރެއްވީތީ މި ޢިއްޒުއްދީން ފާލަމުގައި މި ދައްކައިދޭ ރަމްޒު، ނޫނީވިއްޔާ މިއިން މި ދޭހަކޮށްދޭ މެސެޖް، "ރަސްރަނި ބަގީޗާ" ކުރިން ކިޔާގޮތުން ނުވަތަ ސަލްޓަން ޕާކު އަލުން ތަރައްޤީވެގެން އަންނައިރުގައި ފެނިގެންދާނެ. އަޅުގަނޑުމެން އެތަން ތަރައްޤީކުރާނީވެސް ދިވެހިންގެ އައިޑެންޓިޓީ ދައްކައިދޭ ގޮތަށް. މިހާރުގެ ބަވަނަވެފައިވާ މި ދުނިޔޭގެ ޒަމާނީ ޓެކްނޯލޮޖީ ބޭނުންކޮށްގެން، އަޅުގަނޑުމެންގެ ޅަދަރިންނާއި ޒުވާނުންނާއި، އެ ފަރާތްތައް ހިތްހަމަޖެހޭ ޝައުޤުވެރިކަމާ އެކީގައި ރާއްޖޭގެ ތާރީޚު އެތަނުން ދަސްވާނެގޮތަށް ބައްޓަންކުރެވިގެންދާ ގޮތަށް. އަދި ހަމައެއާއެކީގައި، ކުޑަކުދިންނާއި ޢާއިލާތަކުން ހިތްގައިމުކަމާ އެކީގައި ވަގުތު ހޭދަކޮށްލެވޭނެ ތަފާތު ފީޗަރސްތައް އިތުރުކުރެވިގެންދާނެ. އޭގެއިތުރަށްވެސް ބޯލިންގ އެލީފަދަ މާލޭގައި މިވަގުތު ނެތް ކުޅިވަރުތަކާއި ތަންތަންވެސް އިތުރުކުރެވިގެންދާނެ. އަދި އިތުރު ފީޗަރސްތައް ހިމެނޭނެ.
އެހެންވީމާ، ކުރިއަށް މިއޮތް ހައެއްކަމަސް ދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ސަލްޓަން ޕާކު އަޅުގަނޑުމެން ތަރައްޤީކުރާއިރުގައި، ތަރައްޤީވެގެންދާއިރު މުޅި މި ހިސާބަކީ މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ހިތްފަސޭހަ ވަގުތުކޮޅެއް ހޭދަކޮށްލުމުގައި ބޭނުންހިފޭނެ އެންމެ ގިނަ ކަންކަން ހިމެނޭ، އެންމެބޮޑު ސަރަޙައްދަށް ވާނެ. އެއީ، އަޅުގަނޑުމެންގެ ވިސްނުމަކީ.
އާދެ، މި ސަރަޙައްދުގެ ވާހަކަ ދައްކާއިރު އަދި ހަމަ އަޅުގަނޑު ދަންނަވާލަން ބޭނުން، އަޅުގަނޑުމެން މިތިބި މަގު. މި މަގު ތަރައްޤީކުރުމުގެ މަސައްކަތް، ރަމަޟާން މަސް ނިމޭތަނުން އިރާދަކުރެއްވިއްޔާ ފެށޭނެ. އަޅުގަނޑުމެން އެމް.ޓީ.ސީ.ސީ.އާ މި މަސައްކަތް ހަވާލުކުރަން މިހާރު ވާނީ ނިންމާފައި. އެމް.ޓީ.ސީ.ސީ. ފެރީ ޓަރމިނަލުން ފެށިގެން އެމް.އެމް.އޭ.ގެ އިމާރާތް ނިމޭ ހިސާބަށް މަސް މާރުކޭޓު ބިނާކުރާނެ، މިހާރު އެހެރަ ލޯކަލް މާރުކޭޓް ހުރި ހިސާބާ ހަމަޔަށް، މި މަގު، ކޮޅަކަށް ދެ ލޭނު އޮންނަގޮތަށް، މޫދުންވެސް ބައެއް ނަގައި، ޝީޓްޕައިލް ކުރެވި، މަގު ފުޅާކުރެވި، ހުރިހާ ނިޒާމުތަކެއް، އަޑީގައި ހުންނަންޖެހޭ ހުރިހާ ކަމެއް ހިމެނޭގޮތަށް ތަރައްޤީކުރެވި، ތާރުއެޅި، ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ރަމަޟާން މަސް ނިމޭތަނުން ފެށި، މި އަހަރު ނިމެންވާއިރަށް އިރާދަކުރެއްވިއްޔާ ނިންމައި ހުޅުވާނަން.
އާދެ، މި މަސައްކަތް އެކަނި އެމް.ޓީ.ސީ.ސީ. އިން ވަކި ކަމެއްގެ ގޮތުގައި މި ކުރަނީ. އެނގިވަޑައިގަންނަވާނެ ފަދައިން، މުޅި މާލޭގެ އަދި ވިލިމާލޭގެ ހުރިހާ މަގެއް، ޒަމާނީ ފެންވަރުގައި ތަރައްޤީ ކުރުމަކީ ޗައިނާގެ ހިލޭ އެހީގެ ދަށުން އަޅުގަނޑުމެން ކުރިއަށް ގެންދަން ނިންމާފައި އޮތް އަދި ޗައިނާ ސަރުކާރުން ހަމަޖައްސައިދީފައި އޮތް މަޝްރޫޢެއް. އެ މަޝްރޫޢުގައި މިބައި، މި މަގު ނުހިމެނޭ. މި މަސައްކަތް ވަކިން މިއޮތީ. އެހެންވީމާ، ސަރުކާރުގެ ބަޖެޓުގެ ތެރެއިން އަޅުގަނޑުމެން ކުރަން ނިންމާފައި.
އާދެ، އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭގައި ފެނިގެންދާނީ، މާލޭސިޓީގެ މަގުތައް، ދެންމެ މި ދެންނެވި ފަދައިން ހެދުމުގެ މަސައްކަތްވެސް ޢަމަލީ މަރުޙަލާއަށްދާ ތަން. މިހާރު އޭގެ ފީޒިބިލިޓީއާ އެކީގައި، ދެންހުރި މަރުޙަލާތައް، އެ އޮންނަ އުޞޫލުގެ ތެރެއިން އެބަ ކުރިއަށްދޭ. އެކަންކަން ނިމި ބަޔަކު ހޯދައި، ޢަމަލީ މަސައްކަތް ފެށުމާ ހަމަޔަށް ދާނެ. އެހެންވީމާ، އެއީ ފައިނޭންސްކޮށް ހުރިހާ ކަމެއް ކޮންފަރމްޑްވެ، ހަމަޖެހިފައި އޮތް މަޝްރޫޢެއްވީމާ، މިހާރު ހަމައެކަނި ޢަމަލީ މަސައްކަތަށް ދިޔުމަށްޓަކައި ހުންނަ ކަންކަން އެ ކުރިއަށްދަނީ.
- ޢިއްޒުއްދީން ފާލަން އަލުން ފަރުމާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢު ނިންމައި، އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން-
ކުރީގެ ސަލަޓަން ޕާކް ބިނާކުރާނީވެސް ހިތްތަކަށް ހިތްހަމަޖެހުމާ އުފާވެރިކަން ގެނެސްދޭނެ ތަނެއްގެ ގޮތުގަ! ޒަމާނާ އެއްގޮތަށް ވަރަށް ފުރިހަމައަށް!: ރައީސް ޑރ. މުޢިއްޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ