އިންޑިއާ އާއި ޕާކިސްތާނުން މެއި މަހު 5 ޖެޓް ވައްޓާލި: ޓްރަމްޕް

އިންޑިއާއި ޕާކިސްތާނުން މިދިޔަ މެއި މަހު ބަދަލުކުރި ހަމަލާތަކުގައި ފަސް ހަނގުރާމަ މަތީ ޖެޓް ވައްޓާލައިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް އެގޮތަށް ވިދާޅުވީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ތިއްބަވާ ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުންނާ އެކު ވައިޓް ހައުސްގައި ބޭއްވި ރޭގަނޑުގެ ފަރިއްކޮޅެއްގައި ވާހަކަ ދައްކަވަމުންނެވެ. ނަމަވެސް ޓްރަމްޕް އެ އިޝާރާތް ކުރެއްވީ ކޮން ގައުމެއްގެ ޖެޓްތަކަކަށް ކަމެއް ސާފު ނުވާ ކަމަށް އެމެރިކާގެ މީޑިއާތަކުގައިވެއެވެ. "ހަގީގަތުގައި ބޯޓުތައް ވައިގެ ތެރެއިން ބޭރަށް ބަޑިޖަހަމުން ދިޔައީ. ހަތަރު ނުވަތަ ފަސް ޖެޓް، އެކަމަކު އަޅުގަނޑަށް ހީވަނީ ފަސް ޖެޓް ވައްޓާލިހެން." ޓްރަމްޕް ވިދާޅުވިއެވެ. ޕާކިސްތާނުން ވަނީ އެ ހަނގުރާމައިގައި އިންޑިއާގެ ފަސް މަތިންދާބޯޓެއް ވައްޓާލާފައިވާ ކަމަށް ބުނެފައެވެ. ޕާކިސްތާނުގެ މަތިންދާބޯޓުތަކެއް ވައްޓާލި ކަމަށް އިންޑިއާއިންވެސް ބުނެފައިވެއެވެ. އެއްވެސް ބޯޓަކަށް ގެއްލުން ނުލިބޭ ކަމަށް ޕާކިސްތާނުން ބުނި ނަމަވެސް އެގައުމުގެ ވައިގެ މަރުކަޒުތަކަށް ގެއްލުން ލިބުނު ކަމަށް ޕާކިސްތާނުން ބުނެފައިވެއެވެ. އިންޑިއާއާއި ޕާކިސްތާނުން މެއި މަހު ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަން ފެށީ، ކަޝްމީރުގައި އިންޑިއާއިން ވެރިކަން ކުރާ ފަޅިއަށް އޭޕްރިލް މަހުގެ 22ގައި ދިން ހަމަލާއަކާ ގުޅިގެންނެވެ. އެ ހަމަލާގައި 26 މީހަކު މަރުވިއިރު އޭގެ ތެރޭގައި އިންޑިއާގެ 25 މީހަކާއި ނޭޕާލުގެ ފަތުރުވެރިޔަކު ހިމެނުނެވެ. އިންޑިއާއިން ތުހުމަތު ކުރި ގޮތުގައި އެ ހަމަލާ ދިނީ ޕާކިސްތާނުން އަޑީގައި އޮވެގެންނެވެ. އެ ހަމަލާއަށް ރައްދު ދިނުމަށް ކަމަށް ބުނެ އިންޑިއާއިން 'އޮޕަރެޝަން ސިންދޫރު'ގެ ނަމުގައި މެއި މަހުގެ ހަތް ވަނަ ދުވަހު އަސްކަރީ ހަރަކާތެއް ފެށިއެވެ. ނިއުކްލިއާ ދެ ބާރުކަމަށްވާ އިންޑިއާއި ޕާކިސްތާނުން އެ ހަމަލާތައް ހުއްޓާލީ އެމެރިކާ މެދުވެރިވެގެން ކުރި މަޝްވަރާތަކުން ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ ތަކުރާރުކޮށް އެކަމުގެ ކްރެޑިޓް ނަންގަވާފައެވެ. ނަމަވެސް އިންޑިއާއިން އެ ވާހަކަތައް ދޮގުކުރެއެވެ. އިންޑިއާއިން ވަނީ އެ މައްސަލައިގައި ތިން ވަނަ ފަރާތެއް މެދުވެރިވުން އިންޑިއާއިން ބަލައިނުގަންނާނެ ކަމަށާއި، މައްސަލަ ހައްލު ކުރާނީ ދެ ފަރާތުގެ ދެމެދުގައި ސީދާ ވާހަކަ ދައްކައިގެން ކަމަށްވެސް ބުނެފައެވެ. ދެ ގައުމުގެ ދެމެދުގައި ހިނގި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް ސޯޝަލް މީޑިއާގައި ޓްރަމްޕް އިއުލާނުކުރެއްވީ މެއި މަހުގެ 10 ވަނަ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ