ކޯލްޑްޕްލޭ ކޮންސެޓްގެ ވީޑިއޯގައި ފެންނަ ސީއީއޯ، އޭންޑީ މަގާމުން އިސްތިއުފާދީފި

އެމެރިކާގެ ބޮސްޓަންގައި ބޭއްވި އިނގިރޭސިވިލާތުގެ މަޝްހޫރު ކޯލްޑްޕްލޭ ކޮންސެޓެއްގައި ހިލޭ އަންހެނަކާ އެކު ގައިގޯޅިކޮށް އުޅެނިކޮށް ފެނުމުން ބޭޒާރުވި ނިއުޔޯކުގެ ޓެކް ކުންފުނި އެސްޓްރޯނޯމާގެ ޗީފް އެގްޒެކެޓިވް އެންޑީ ބައިރޮން މަގާމުން އިއްޔެ އިސްތިއުފާ ދީފިއެވެ. އެސްޓްރޮނޯމާއިން ނެރުނު ބަޔާނެއްގައި ބުނީ ޑިރެކްޓަރުންގެ ބޯޑުން އޭންޑީގެ އިސްތިއުފާ ބަލައިގަނެފައިވާ ކަމަށާއި އެ ކުންފުންޏަށް އާ ސީއީއޯ ހޯދުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. ވައިރަލް ވީޑިއޯއާ ގުޅިގެން، އޭންޑީ ނެރެފައިވާ ބަޔާނެއް ކަމަށްބުނެ ސޯޝަލް މީޑިއާގައި އާންމުވި ބަޔާނަކީ ހަގީގަތެއް ނޫން ކަމަށް ވެސް އެސްޓްރޮނޯމާއިން ބުންޏެވެ. "ކުރިންވެސް ދެންނެވި ފަދައިން އެސްޓްރޯނޯމާ އަކީ ކުންފުނި އުފެދުނު ދުވަހުން ފެށިގެން އުސޫލުތަކާއި ސަގާފަތަށް ޚާއްސަ ސަލާމުކަމެއް ދޭ ކުންފުންޏެއް. އަޅުގަނޑުމެންގެ ލީޑަރުން ޒިންމާދާރުކަމާއި ސުލޫކުގެ ދަރަޖަ ކަނޑައަޅަން ޖެހޭއިރު، އެކަން އެގޮތަށް ނުކުރެވުނު." އެސްޓްރޮނޯމާގެ ބަޔާނުގައިވެއެވެ. މި މަހުގެ 16ވަނަ ދުވަހު ފޮކްސްބޮރޯގެ ޖިލެޓް ސްޓޭޑިއަމްގައި ކޯލްޑްޕްލޭގެ ޝޯއެއް ކުރިއަށް ދިޔަ ވަގުތު ޝޯ ބަލަން ގޮސް ތިބޭ ލޯބިވެރިން ދެއްކުމަށް ހާއްސަކޮށްފައި ހުންނަ "ކިސް ކެމް"ގެ ސްކްރީނަށް އަރައި ބޭޒާރުވީ އޭންޑީ އާއި އެ ކުންފުނީގެ ޗީފް އެޗްއާރު އޮފިސަރު ކްރިސްޓިން ކެބޮޓްއެވެ. ކެމެރާ އެމީހުންނާ ދިމާއަށް އެޅުވުމުން، އޭންޑީ ވަނީ ކެމެރާއަށް ފިލަންވެގެން ތިރިވެފައެވެ. ކެބޮޓް ވަނީ މޫނުގައި ދެއަތް އަޅައި މޫނު ފޮރުވާފައެވެ. އެކަމާ ގުޅިގެން އޭންޑީ ވަނީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުތައް ވެސް ފުހެލާފައެވެ. އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އޭންޑީއާއި އަންހެނުން މެގަން ކެރިގަންއާ ދެމަފިރިންގެ ދެ ފިރިހެން ކުދިން ތިބެއެވެ. ވީޑިއޯ ވައިރަލް ވުމާއެކު އޭނާގެ އަންހެނުން މޭގަން ވަނީ އޭނާގެ ފޭސްބުކް އައިޑީގައި ބޭނުންކުރި އޭންޑީގެ އާއިލީ ނަން "ބައިރޮން" ފުހެލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ