އެމްޕީއެލް ފްލެޓްތައް އަންނަ އަހަރު ނިމޭނެ, ފައިސާ ދެއްކުން ލުއި ކޮށްދީފި

ހިޔާ ޕްރޮޖެކްޓުގެ ދަށުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން އިމާރާތް ކުރާ ފްލެޓުތައް އަންނަ އަހަރުގެ ކުރީކޮޅަށް ނިންމުމަށް މަސައްކަތް ކުރަމުންދާއިރު އެ ފްލެޓްތަކަށް ފައިސާ ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ. އެމްޕީއެލްގެ 36 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހެންވޭރު ދަނޑުގައި މިރޭ ކުރިއަށްގެންދިޔަ ހަފުލާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މުވައްޒަފުންނަށް ފްލެޓް އެލޮކޭޓްކުރެވި ފްލެޓަށް ފައިސާ ދެއްކުމަށް ގިނަ އޮޕްޝަންތަކެއް ދީފައިވާ ކަމަށެވެ. ނިމިގެން ދިޔަ ސަރުކާރުން އެމްޕީއެލްގެ ހިޔާ މަޝްރޫއު ފެށިއިރު އޮތީ މުވައްޒަފުން އެއްފަހަރާ ފައިސާ ދައްކަން ޖެހޭ ގޮތަށް ނުވަތަ ބޭންކް މެދުވެރިކޮށް ފައިސާ ދައްކާ ގޮތަށްކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ މިސަރުކާރުން ވަނީ 20 އަހަރު ދުވަހަށް ފައިސާ ދެއްކުން ބަހާލާފައި ކަމަށެވެ. އެކަމަށް އެމްޕީއެލްއިން ޚާއްސަ ފައިނޭންޝަލް ސްކީމެއް ތައާރަފް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "މީގެ ސަބަބުން ގިނަ މުވައްޒަފުންނަށް މި ފްލެޓްތައް އަމިއްލަ ކުރުމުގެ ފުރުސަތު ފަހިވެގެން ދާނެ. ފްލެޓްތަކުގެ ޑައުންޕޭމަންޓާ ގުޅޭ ޝަކުވާތަކެއް މުވައްޒަފުންގެ ކިބައިން އަޅުގަނޑުމެނަށް ވަނީ ލިބިފަ," ޝާހިދު ވިދާޅުވިއެވެ. އެ ޝަކުވާތަކަށް ރިއާޔަތްކޮށް އެމްޕީއެލްއިން ފްލެޓްތަކަށް ޑައުންޕޭމަންޓް ދެއްކުމަށް ހަތަރު އޮޕްޝަނެއް ތައާރަފް ކޮށްފައިވާކަން އޭނާ ފަހަގަ ކުރެއްވިއެވެ. އެމްޕީއެލުން އިމާރާތްކުރާ ތިން ޓަވަރުގައި ހިމެނޭ 534 ފްލެޓު ލިބުނު މީހުންގެ ކަންބޮޑުވުންތަކެއް ވަނީ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅާފައެވެ. މައިގަނޑު ޝަކުވާއަކީ ޑައުންޕޭމަންޓް ދެއްކުމަށް އެމްޕީއެލްއިން ކަނޑައެޅި އުސޫލެވެ. އެކަމަށް މިހާރު ހައްލު ގެނެސް މުވައްޒަފުންނަށް ލުއި ގޮތްތަކެއް ހަމަޖައްސައިދީފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. "މެއިންޓެނަންސް ފީ ކުޑަކުރުމާއެކު ބުކިން ފީ އަކީ ޑައުންޕޭމަންޓްގެ ބައެއްގެ ގޮތުގައި މިހާރު މިވަނީ ހެދިފަ. ކުންފުނީގެ މާލީ ގާބިލްކަމަށް ރިއާޔަތްކޮށް އަދި ކުރިއަށް އޮތްނުގައި ވެސް ދެވެން އޮތް ލުއިތަކެއް ދިނުމަށް މަސައްކަތްކުރާނެ ކަމުގެ ވާހަކަ ދަންނަވަން," ޝާހިދު ވިދާޅުވިއެވެ. އެމްޕީއެލްގެ ވިސްނުމަކީ ފްލެޓް މަޝްރޫއަކީ ވިޔަފާރި ފާއިދާއަށް ހިންގާ މަޝްރޫއަކަށް ހެދުން ނޫންކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ ފްލެޓްތައް އަމިއްލަ ކުރުމަށް ދީފައިވާ ފުރުސަތުތަކަކީ އެހެން ހުރިހާ ހައުސިން ސްކީމްތަކާ އަޅާ ބަލާއިރު ލުއި ގޮތެއް ކަމަށެވެ. "މިހާރު ލަފާކުރެވޭ ގޮތުން މި މަޝްރޫއު މި އަންނަ އަހަރު ކުރީކޮޅަށް ނިންމާލެވިދާނެ," ޝާހިދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ