ރަތްމަންދޫ ރައްޔިތުން އެދުނީ ބަނދަރަކަށް, ރައީސް ދެއްވީ އެކަމުގެ ޔަގީންކަން

މ. ރަތްމަންދޫގެ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އެ ރަށުގައި ބަނދަރެއް ހައްދަވައި ދެއްވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު, މ. އަތޮޅުގެ ފަސް ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެންމެ ފުރަތަމަ ވަޑައިގަތީ ރަތްމަންދޫއަށެވެ. އެއީ މ. އަތޮޅުގައި އޮންނަ އެންމެ އާބާދީ މަދު ރަށެވެ. އަދި އެއީ މުޅި އެ އަތޮޅުގައިވެސް ބަނދަރެއް ނެތް ހަމައެކަނި ރަށްވެސްމެ އެވެ. އެ އަތޮޅުގައި ލަފާފުރުމަށް ބޭނުންކުރަނީ ދިގު ފާލަމެކެވެ.
އެރަށުގެ ރައްޔިތުންނާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ, މި ސަރުކާރު އައި އިރު, ކުދި ރަށްރަށްވުރެ އާބާދީ ބޮޑު ރަށްތަކަށް ދެވޭ ސަމާލުކަން ބޮޑުވެފައި އޮތް ކަމަށެވެ.
ނަމަވެސް މި ސަރުކާރު އައުމަށްފަހުގައި އެއްވެސް ރަށެއް ތަފާތު ނުކޮށް ދިވެހި ކޮންމެ ރައްޔިތަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ, ރަތްމަންދޫއަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެއް މަޝްރޫއެއްގެ ގޮތުގައި ކުރިއަށް ގެންދެވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.
ރަތްމަންދޫގައި ބަނދަރެއް ހައްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އިރު, އެރަށު ފާލަން ހެދުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއުއަށް 35 މިލިއަން ރުފިޔާގެ ބަޖެޓެއް އޮތީ ކަނޑައަޅައިފަ އެވެ. އަދި އެ މަޝްރޫއު ނިމޭނެ ކަމަށް ލަފާކޮށްފައި އޮތީ އަންނަ އަހަރުގެ ޑިސެމްބަރު މަހަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ