ރައްޔިތުން އެދޭގޮތަށް ތަރައްގީގެ ކަންކަން ކުރިޔަށްގެންދަން ހާއްސަ އިސްކަމެއް ދެން: ނައިބުރައީސް

ރައްޔިތުން އެންމެ އެދޭގޮތަށް ރަށްރަށުގެ ތަރައްޤީގެ ކަންކަން ކުރިޔަށްގެންދަވަން ޚާއްޞަ އިސްކަމެއް ދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެެވެ.
ނައިބުރައީސް މިހެން ވިދާޅުވީ، ރ. އިނގުރައިދޫ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލާއި އ.ތ.މ. ކޮމެޓީއާ އަދި މުއައްސަސާތަކުގެ ވެރިން ވަނީ އެރަށުގެ ތަރައްޤީއަށް އެންމެ މުހިންމުކަންކަމާއި ކުރިމަތިވާ ބައެއް ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން، މި ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ކައުންސިލު އިދާރާގެ އިމާރާތާއި ސްކޫލާއި އިންޖީނުގޭގެ އޮފީސް އިމާރާތުގެ ޖާގައިގެ ދަތިކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ހެލްތް ސެންޓަރުގެ އެކްޓެންޝަން އިމާރާތުގެ މަސައްކަތް އަވަސްކުރުމަށް ބޭނުންވާކަމާއި ކުނި މެނޭޖްކުރުމުގައި ކުރިމަތިވާ ދަތިތަކާއި ރަށުގެ މުޖުތަމަޢުގައި ހުރި އިޖުތިމާޢީ ބައެއް މައްސަލަތައް ވެސް މި ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބުރައީސް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު އިނގުރައިދުއަށް ވަޑައިގެންނެވުމުން ރަށުގެ ރައްޔިތުން ވިދާޅުވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރެއްވިއެވެ. ނައިބުރައީސްގެ ވާހަކަފުޅުގައި ސަރުކާރުން އަދި ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ރަށްރަށުގެ ޙާލަތު ގާތުން ބައްލަވައި އެރަށެއްގެ ރައްޔިތުން އެންމެ އެދޭގޮތަށް އެރަށެއްގެ ތަރައްޤީގެ ކަންކަން ކުރިޔަށްގެންދަވަން ޚާއްޞަ އިސްކަމެއް ދެއްވާކަން ފާހަގަކުރެއްވިއެވެ.
ނައިބުރައީސް ވަނީ، މި ބައްދަލުކުރެއްވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން ބައެއް ކަންކަމަކީ މިހާރު އެކި މަރުހަލާގައި ކުރިޔަށްދާ މަޝްރޫޢުތައްކަން ފާހަގަކުރައްވައި އެ މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތު ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން ބައްދަލުކުރެއްވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެކަމުގައި ނައިބުރައީސް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގެ ކުރިން ނައިބުރައީސް ވަނީ އިނގުރައިދޫ ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރައްވައި ޞިއްޙީ މަރުކަޒުގެ ޙާލަތު ބައްލަވާލައްވައި ޞިއްޙީ މަރުކަޒުގެ މުވައްޒަފުންނާ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އިނގުރައިދޫ ސްކޫލުގެ އަހަރީ ސްކައުޓް ކޭމްޕް ކުރިޔަށްދާ ސަރަޙައްދަށް ޒިޔާރަތްކުރައްވައި ކޭމްޕުގައި ބައިވެރިވާ ދަރިވަރުންނާ ބައްދަލުކުރައްވާފައެވެ.
ކައުންސިލާއި އ.ތ.މ ކޮމެޓީއާ މުއައްސަސާތަކާ ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކައުންސިލް އިދާރާ ބައްލަވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ