ޓާފްތަކުގައި ރޯކޮށްލުމަކީ ފިނޑި ޢަމަލެއް: މަޚްލޫފް

ހދ. ނޮޅިވަރަމު ފުޓްބޯޅަ ދަނޑުގައި ޓާފް އަޅަން ތައްޔާރުވެފައިވަނިކޮށް، ސާމާނުތަކުގައި ރޯކޮށްލުމަކީ ފިނޑި ޢަމަލެއްކަމަށް ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.
ނޮޅިވަރަމު ދަނޑުގައި ޓާފް އެޅުމަށް އެރަށަށް ގެންގޮސްފައިވާ ތަކެތީގައި ރޭ ރޯކޮށްލާފައިމިވަނީ، ޓާފް އަޅަން ތިން ދުވަހަށް ވެފައި ވަނިކޮށެވެ. މިކަމާއި ގުޅިގެން ނޮޅިވަރަމުގެ ކައުންސިލް މެމްބަރު މުހައްމަދު ހުސެއިން ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ ޓާފުތަކުގައި ރޯކޮއްލއިގެން އުޅޭކަމުގެ ޚަބަރު ލިބުނީ ރޭގެ ދަންވަރު ތިނެއް ޖެހިފަހުންކަމަށެވެ. އެއީ ބަޔަކު ގަސްތުގައި ކޮއްފައިވާ ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކައުންސިލްގެ މެންބަރު ވިދާޅުވީ މީ އެ ރަށުގެ ކުޅިވަރަށް ލޯބިކުރާ އެތައް ޒުވާނުންނަކަށް ލިބުނު ވަރަށް ބޮޑު ދެރައެއްކަމަށެވެ. އޭނާ ވަނީ އެ ޢަމަލު ކުށްވެރިކުރައްވާފައެވެ.
"މިއީ ރަށުގެ ކުޅިވަރަށް ލޯބިކުރާ ފަރާއްތަކަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއްކަމަށް އަޅުގަނޑު ފާހަގަކުރާނީ. ވަރަށް ބޮޑަށް ކުއްވެރިކުރަން އެ ޢަމަލު. ދަނޑު ހަދަން ލަސްވާ ކޮންމެ ލަސްވުމެއް މީ އަޅުގަނޑުމެންނާ އަޅުގަނޑުމެންގެވެސް ދަރިންނަށްވާ ލަސްވުމެއް" މުހައްމަދު ހުސެއިން ވިދާޅުވިއެވެ.
މި ކަމާގުޅިގެން ޔޫތް މިނިސްޓަރ އަޙްމަދު މަޚްލޫފް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، އެތައް ގޮންޖެހުންތަކާއެކު ދިގުލައިގެންދިޔަ ނޮޅިވަރަމްގެ ފުޓުބޯޅަ ދަނޑުގައި ޓާރފް އަޅަން 3 ދުވަހަށް ވެފައިވަނިކޮށް، ޓާފްތަކުގައި ރޯކޮށްލުން ކުށްވެރި ކުރައްވާކަަމށެވެ. މިއީ އެތައް މިލިއަން ރުފިޔާގެ ގެއްލުމެއްކަމަށް ވިދާޅުވެ މިނިސްޓަރ ވަނީ ތަރައްގީއަށް ހުރަސްއެޅުމަކީ ވަރަށް ދެރަ އަދި ފިނޑި އަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ޒަމާނީ ފެންވަރަށް ނޮޅިވަރަމު ފުޓްބޯޅަ ދަނޑު ތަރައްގީކުރުމަށް ފަށާފައިވަނި 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައިއެވެ. މި މަސައްކަތުގެ ތެރެއިން ފުޓުބޯޅަދަނޑުގެ ސަބްބޭސް މަސައްކަތް ނިމި ޓަރފް އިސްޓަލޭޝަންއަށް ބޭނުންވާ މެޓީރިއަލްސް އެރަށަށް ވަނީ ގެންގޮސްފައެވެ.
މީގެ އިތުރުން ސަބްބޭސް މަސައްކަތް ނިމުމުން ޓަރފް އިންސްޓޮލޭޝަންގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާކަމަށާއި، ފެބުރުވަރީ މަހުގެ ނިޔަލަށް ޓާރފް އިންސްޓޯލްކުރުމުގެ މަސައްކަތަށް ނިމޭނެ ކަމަށް ވެސް ޔޫތު މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ