ރެއާލް މެޑްރިޑްގެ މިހާރުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒާ، ވާދަކުރަން އެ ކްލަބްގެ އިންތިހާބަށް ޒުވާން ވިޔާފަރިވެރިޔާ އެންރީކޭ ރިކޭލްމޭ ކުރިމަތިލައިފި އެވެ.
އުމުރުން 37 އަހަރުގެ ރިކޭލްމޭއަކީ އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަށް ހާއްސަ ކުންފުނި "ކޮކްސް އެނާޖީ" ސީއީއޯ އެވެ. އޭނާ ވަނީ 2021 ގައި އޮތް ރެއާލްގެ އިންތިހާބުގައި ވެސް ވާދަކުރާނެކަން އިއުލާން ކޮށްފަ އެވެ، ނަމަވެސް އެފަހަރު އޭނާ ވާދައެއް ނުކުރެ އެވެ.
އެކަމަކު، އިއްޔެ މެޑްރިޑްގެ ޓްރޭނިން ސެންޓަރަށް ޒިޔާރަތްކޮށް އޭނާ ވަނީ، މިފަހަރުގެ އިންތިހާބަށް ކުރިމަތިލައްވާފައިވާކަން ރަސްމީކޮށް އިއުލާން ކުރައްވައިފަ އެވެ.
އޭނާއަކީ ރަސްމީ ކެނޑިޑޭޓެއް ކަމަށް ރެއާލްގެ އިންތިހާބީ ބޯޑުން އިއުލާން ކުރާނެވެ.
މިދިޔަ އަހަރު ވިދިވިގެން ހަތަރުވަނަ ދައުރަކަށް ރެއާލްގެ ރައީސްކަމަށް އިންތިހާބުވި އުމުރުން 79 އަހަރުގެ ޕެރޭޒް، އާ އިންތިހާބަށް ގޮވާލީ ވިދިވިދިގެން ދެ ސީޒަނުގައި ތައްޓެއް ނުހޯދި ކުރިމަތިވި ނާކާމިޔާބާ އެކު އޭނާ އާއި ރެއާލްގެ ބޯޑު ޕްރެޝަރަށް ވެއްޓުމުންނެވެ.
އޭނާ ވެސް އިންތިހާބުގައި ވާދަކުރައްވާނެކަން ވަނީ އިއުލާން ކޮށްފަ އެވެ.
ޓްރޭނިން ސެންޓަރަށް ފަހު ރިކޭލްމޭ އިއްޔެ ދެން ޒިރާރަތް ކުރީ ބާނެބެއޫ ސްޓޭޑިއަމަށެވެ. އޭނާ ސްޓޭޑިއަމަށް ދިއުމުން ކްލަބްގެ ބައެއް ސަޕޯޓަރުން ވަނީ އޭނާއަށް ނިސްބަތްކޮށް "ރައީސް، ރައީސް" އޭ ގޮވާފަ އެވެ.
އިއްޔެ، އެތުލެޓިކް ކްލަބް ބިލްބާއޯއާ ދެކޮޅަށް ރެއާލުން ކުޅުނު މެޗު ހާއްސަވީ ކެޕްޓަން ޑެނީ ކާވަހާލް އަށެވެ. އިއްޔެގެ މެޗަކީ އެ ޓީމުގެ ދަނޑުގައި އޭނާ ކުޅުނު ފަހު މެޗެވެ. މި ސީޒަނަށް ފަހު އޭނާ ވަނީ ކްލަބް ދޫކޮށްލަން އިއުލާން ކޮށްފަ އެވެ.
"މިއަދަކީ [ހޮނިހިރު ދުވަހަކީ] ކާވަހާލްގެ ދުވަސް. މާދަމާ އިންތިހާބު ބާއްވައިފިއްޔާ އެ ވާނީ ތާރީހީ ދުވަހަކަށް،" ރިކޭލްމޭ ބުންޏެވެ.
މިދިޔަ ހަތަރު އިންތިހާބުގައި ވެސް ޕެރޭޒް ހޮވުނީ ވޯޓަކާ ނުލަ އެވެ. އެއީ އޭނާ އެކަނި އިންތިހާބަށް ކުރިމަތިލުމުންނެވެ.
އެކަމަކު ރިކޭލްމޭ ބުނީ 20 އަހަރަށް ފަހު އަލުން ވޯޓްލުމުގެ ފުރުސަތު ރެއާލްގެ މެންބަރުންނަށް ލިބޭނެ ކަމަށެވެ. އެއީ ހާއްްސަ ކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރި އެވެ.
"20 އަހަރަށް ފަހު އެންމެ ފަހުން ވޯޓުލުމުގެ ފުރުސަތު މިވަނީ ލިބިފައި. މިއީ އެއްވެސް މީހަކާ ދެކޮޅަށް ނިކުންނަ ކުރިމަތިލުމެއް ނޫން. މިއީ ރެއާލް މެޑްރިޑްގެ ހައްގުގައި އަދި މިހާތަނަށް އަހަރެމެން ވަރަށް ބޮޑަށް މަސައްކަތްކޮށް މިއަދު ގޮތެއް ނިންމަން އޮތް ޕްރޮޖެކްޓަކަށް ތާއީދުކޮށް ނިކުންނަ ނިކުތުމެއް،" އޭނާ ބުންޏެވެ،.
"ކުޅިވަރުގެ ރޭވުންތެރިކަމާއި އިޖުތިމާއީ ވިސްނުން ވެސް ހިމެނޭ ވަރަށް މުހިންމު ޕްރޮޖެކްޓެއް އަހަރެމެންގެ އަތުގައި އެބައޮތެ. ކްލަބްގެ މެންބަރުންނަށް ވަރަށް ކަމުދާނެ ގިނަ ކަންތައްތަކެއް. މީގެ ތެރޭގައި ހިމެނޭ.
"އަހަރެން އެދެނީ ބިރުނުގަތުމަށް ހިތްވަރުގަދަވެ އަހަރެމެންގެ ވާހަކަތައް އަޑުއަހައި ކުރިމަތިލާފައިވާ ދެ ކެންޑިޑޭތުންގެ މެދުގައިއޮތް ކުރު ރާސްތާ އަދި މެދު ރާސްތާގެ އިތުރުން ދިގު ރާސްތާ ޕްލޭނަށް ވިސްނައި ވޯޓު ދިނުމަށް."
ރެއާލްގެ އިންތިހާބު އޮންނާނީ އަންނަ މަހު ހަތްވަނަ ދުވަހު އެވެ. އެ އިންތިހާބުގައި ވޯޓް ލެވޭނީ އެ ކްލަބްގެ މެންބަރުންގެ ގޮތުގައި ތިބި 100،000 އެއްހާ މެންބަރުންނަށެވެ. ރެއާލްގެ މެންބަރަކަށް ވުމަށް ކޮންމެ އަހަރަކު ކަނޑައަޅާ ވަކި ފީއެއް ދައްކަން ޖެހެ އެވެ.
ޕެރޭޒާ "ބޭރުކުރަން" ޒުވާން ވިޔާފަރިވެރިޔާ ރިކޭލްމޭ ރެއާލްގެ އިންތިހާބަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ