މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑަށް މެންބަރުން އައްޔަނުކުރުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ނަންތައް ހުށަހަޅާނެ ހާއްސަ ކޮމިޓީއެއް އެކުލަވާލައި، އެކަމާ ގުޅޭ އުސޫލުތައް އާންމުކޮށްފިއެވެ.
ހޯމަ ދުވަހު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ މި އުސޫލުގެ ދަށުން، ޕެންޝަން އޮފީހުގެ ބޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތައް ބަލައި، އެ ފަރާތްތައް އިވޭލުއޭޓް ކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާއަށް ނަންތައް ހުށަހެޅުމަށް ޓަކައި ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ”ނޮމިނޭޝަން ކޮމިޓީ“އެއް އުފައްދާނެއެވެ.
މި ކޮމިޓީގެ މުގައްރިރަކީ ޕެންޝަން އޮފީހުގެ ޗެއާޕާސަނެވެ. މީގެ އިތުރުން ކޮމިޓީގައި ހިމެނޭނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) ގެ އިސް އޮފިޝަލަކާއި، މިނިސްޓްރީ އޮފް ފައިނޭންސް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ފަރާތުން ކޮންމެ މިނިސްޓްރީއަކުން އެއް މެންބަރެވެ. އުސޫލުގައިވާ ގޮތުން ސަރުކާރުގެ މުއައްސަސާތައް ތަމްސީލުކުރާ މެންބަރުންނަކީ ޑިރެކްޓަރުންގެ ފަންތިން ފެށިގެން މަތީގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ވާންޖެހެއެވެ.
މި ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކުރިމަތިލާ ފަރާތްތަކުގެ ހުށަހެޅުންތައް ދިރާސާކުރުމާއި، އިވޭލުއޭޝަން މިންގަނޑުތައް ކަނޑައެޅުމާއި، ތަޖުރިބާއާއި ތައުލީމަށް ބަލައި އިންޓަވިއު ކުރުމަށްފަހު އެންމެ އެކަށީގެންވާ ފަރާތްތައް ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުން ހިމެނެއެވެ. ކޮމިޓީގެ މެންބަރުންނަށް ކޮންމެ ބައްދަލުވުމަކަށް 1،500 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ޕެންޝަން އޮފީހުގެ ބޯޑުގެ ގަވަނަންސް ވަރުގަދަކުރުމަށް މިފަދަ ނިޒާމެއް ގާއިމުކޮށްފައި މިވަނީ، މިއަހަރުގެ ކުރީކޮޅު އެ އޮފީހުގެ އިސް ބައެއް މަގާމުތަކެއް ހުސްވުމާ ގުޅިގެންނެވެ. ޕެންޝަން ފަންޑުން 2.4 ބިލިއަން ރުފިޔާގެ ބޮންޑެއް ގަތުމާ ގުޅޭގޮތުން އުފެދުނު ޚިޔާލުތަފާތުވުންތަކުގައި ކުރީގެ ޗެއާޕާސަން ޑރ. އަހުމަދު އިނާޒާއި، ސީ.އީ.އޯ ސުޖާތާ ހަލީމް އަދި ސީ.އެފް.އޯ ހައްވާ ފަޖުވާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
މި ބަދަލުތަކާއެކު، ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް މިދިޔަ މޭ މަހުގެ 23 ވަނަ ދުވަހު އަބްދުލްމަޖީދު އަލީ ވަނީ އައްޔަނުކުރައްވާފައެވެ. އަލަށް އެކުލަވާލި ނޮމިނޭޝަން ކޮމިޓީގެ ސަބަބުން ބޯޑުގެ ހުސްވެފައިވާ އެހެން މަގާމުތަކަށް ގާބިލު ފަރާތްތައް އައްޔަނުކުރުމުގެ މަގު ފަހިވެގެންދާނެއެވެ.
ޕެންޝަން އޮފީހުގެ ބޯޑަށް މެންބަރުން އައްޔަނުކުރާ ކޮމިޓީއެއް އެކުލަވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ