ފިނޭންސް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް އޭނާ ހުންނެވީ ރައީސް މުހައްމަދު މުއިއްޒާއި ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ޕާޓީގެ ފިކުރާއެކީގައި ކަމަށް މޫސާ ޒަމީރު މިރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންސީ އިން ބާއްވާ ހަރުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އިއްޔެ ފިނޭންސް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ޒަމީރު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ވެސް އޭނާ ހުންނަވާނީ މުއިއްޒު ހަވާލު ކުރައްވާ މަސައްކަތެއް ކުރަން ތައްޔާރަށް ކަމަށެވެ.
"އަޅުގަނޑު މި ހުރީ ހަމަ ވަރަށް ގަދަކޮށް ރައީސް މުއިއްޒާއެކުގައި. އެމަނިކުފާނު އަޅުގަނޑާ ހަވާލު ކުރައްވާ މަސައްކަތް ކުރަން މި ޕާޓީ އާއި މި ފިކުރު ކުރިއެރުވުމަށްޓަކައި،" ޒަމީރު ވިދާޅުވި އެވެ.
"އަޅުގަނޑު ސީނަކުން ނުގެއްލޭނެ، މި ޕާޓީ އާއި ރައީސް މުއިއްޒުގެ އުފެއްދުންތެރި ފިކުރާއެކު އަބަދުވެސް އަޅުގަނޑު ހުންނާނަން."
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ އޭނާ ފިނޭންސް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވީ ބަލި ހާލަތު ހުރި ގޮތުން ކަމަށެވެ.
ޒަމީރު ވިދާޅުވީ ދުނިޔޭގެ އިގްތިސާދު ވެސް މިހާ ނާޒުކުކޮށް އޮއްވައި، ބަލި ހާލަތުގެ ސަބަބުން ގިނަ ދުވަހު ވަޒީފާގައި ނުހުންނެވޭނެކަން އެނގިހުރެ މަގާމުގައި ދެމިހުރުމަކީ ރަނގަޅު ގޮތެއް ކަމަށް އޭނާއަށް ފެނިވަޑައިނުގަތީ ކަމަށެވެ.
"އެހެންވީމާ މިކަހަލަ ހާލަތެއްގައި އަޅުގަނޑު އެތަން ހިސޯރުކޮށްގެން، އަޅުގަނޑަށް އަދި މިވަގުތު އެތަނުގައި ގިނަ ދުވަހު ނުހުރެވޭ ކަހަލަ ދިމާލަކަށް އަޅުގަނޑުގެ ސިއްހީ ހާލަތު ހުރި ގޮތުން ދާންޖެހޭއިރު ވެސް އަޅުގަނޑު ހަމަ އޭގައި ބައްދައިގެން ހުންނާކަށް ނުވާނެ ދެއްތޯ،" ޒަމީރު ވިދާޅުވި އެވެ. "އެއީ ޕާޓީއަށް އަޅުގަނޑުމެންނަށް ކޮށްދެވޭ ރަނގަޅު ކަމެއް ނޫން."
ރައީސް މުއިއްޒު އެކުލަވާލެއްވި ފުރަތަމަ ކެބިނެޓުގައި ޒަމީރަށް ދެއްވީ ފޮރިން މިނިސްޓަރުގެ މަގާމެވެ. އިންޑިއާ އާއި ރާއްޖޭގެ ގުޅުން ގޯސްވި ދަނޑިވަޅު، އެ ގުޅުން އަލުން ބަދަހި ކުރަން ޒަމީރު ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވައިފަ އެވެ.
ފިނޭންސް މިނިސްޓަރުގެ މަގާމަށް ޒަމީރު ހަމަޖެއްސީ ސެޕްޓެމްބަރު 30، 2024، ގަ އެވެ. އެ މަގާމުގައި ހުންނަވައި ވެސް އޭނާ ވަނީ އަގުހުރި މަސައްކަތްތަކެއް ކުރައްވައިފަ އެވެ. އޭގެ ތެރޭގައި 500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކުން ހިމެނެ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުން ސަރުކާރަށް ލިބުނު ނާކާމިޔާބީއަށްފަހު އޭޕްރީލް 13، 2026، ގައި ވެސް މަގާމުން އިސްތިއުފާ ދެއްވަން ޒަމީރު މަސައްކަތް ކުރެއްވި އެވެ. ނަމަވެސް އެ ނިންމުން ފަހުން ބަދަލު ކުރެއްވީ އެވެ.
އެއިރު ޒަމީރު އިސްތިއުފާ ދެއްވަން މަސައްކަތް ކުރެއްވީ ރައީސް މުއިއްޒުއާ މައްސަލައެއް ޖެހުމުންނެވެ. ޒަމީރު އާއި މުއިއްޒުއާ މައްސަލަ ޖެހުނީ އިންތިހާބުގެ ބަލިން އިބުރަތެއް ލިބިގަތުން މުހިންމު ކަމަށް އޭނާ ރައީސްއަށް ދެންނެވުމުން ކަމަށް ކަމުގެ މައުލޫމާތު އެނގޭ މަސްދަރުތަކުން ބުނެ އެވެ.
އިންތިހާބުގެ ނާކާމިޔާބީއިން ފިލާވަޅެއް ލިބިގަތުމަށް ޒަމީރު ދެންނެވުމުން، އެ ވާހަކަ ގަބޫލު ނުކުރައްވައި، އެއީ ސަރުކާރަށް ލިބުނު ބޮޑު ބައްޔެއް ކަމަށް ވިދާޅުވެ ރައީސް މުއިއްޒު، ޒަމީރަށް ހަރުކަށި ރައްދެއް ދެއްވި ކަމަށް ވެސް މަސްދަރުތަކުން ބުނެ އެވެ.
ޒަމީރު އިސްތިއުފާ ނުދެއްވަން ނިންމީ ރައީސް މުއިއްޒު މައާފަށް އެދިވަޑައިގަތުމުން ކަމަށް ވެސް މަސްދަރުތަކުން ޔަގީންކޮށްދެ އެވެ.
އަޅުގަނޑު މި ހުރީ ވަރަށް ގަދަކޮށް ރައީސް މުއިއްޒާއެކު: ޒަމީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ