އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރެއިން ރާއްޖެއަށް އެތެރެކޮށް، އުފެއްދުން އަދި ވިއްކުން މަނާ ބާވަތްތަކުގެ ޕްލާސްޓިކުގެ ބާވަތްތައް އެތެރެކޮށް، ވިއްކާނަމަ އެއްލައްކަ ރުފިޔާއާއި ހަމައަށް ޖޫރިމަނާކުރެވޭގޮތަށް ކަނޑައަޅައި "ސިންގަލް – ޔޫސް ޕްލާސްޓިކު މަދުކުރުމާގުޅޭ ޤަވާއިދު" އާންމުކޮށްފިއެވެ.
ތިމާވެއްޓާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ "ސިންގަލް – ޔޫސް ޕްލާސްޓިކު މަދުކުރުމާގުޅޭ ޤަވާއިދު"ގައި ވަނީ، 2030 ވަނަ އަހަރާއި ހަމައަށް ރާއްޖޭގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ހުރިހާ ޕްލާސްޓިކުގެ ބާވަތްތައް މަދުކުރުމަށްޓަކައި ޕްލޭނެއް އެކުލަވާލުމަށް ލާޒިމްކޮށްފައެވެ. 2027 ވަނަ އަހަރުގެ އޮކްޓޯބަރު މަހާއި ހަމައަށް މިޕްލޭން އެކުލަވާލާ ނިންމަންޖެހޭނެ ކަމަށް ޤަވާއިދުގައިވަނީ ބަޔާންކުރައްވާފައެވެ.
ޤަވާއިދުގައި ބަޔާންކުރައްވާފައިވާ ގޮތުން ޕްލާސްޓިކް ފޭސްއައުޓް ޕްލޭންގައި ހިމެނޭނެ އެއްފަހަރު ބޭނުންކޮށްފައިވާ އުކާލާ ޕްލާސްޓިކުގެ ބާވަތްތައް މަދުކުރުމުގެ ސަބަބުން ތިމާވެއްޓަށާއި އިޤްތިޞާދަށް ކުރާނެ އަސަރަށް ރިޢާޔަތްކޮށް، ކަމާ ގުޅުންހުރި ހުރިހާ ފަރާތަކާވެސް މަޝްވަރާ ކުރަންޖެހޭނެއެވެ. ހަމައެއާއެކު އެބާވަތްތައް މަދުކުރުމުގެ ސަބަބުން އޭގެ ބަދަލުގައި ބޭނުންކުރެވޭނެ އެހެން ތަކެތި ލިބެންހުރި މިންވަރަށް ރިޢާޔަތް ކުރުމަށާއި، މިބަދަލަށް އާންމުން ހޭލުންތެރި ކުރުމަށް ވަނީ އަންގާފައެވެ.
"ސިންގަލް – ޔޫސް ޕްލާސްޓިކު މަދުކުރުމާގުޅޭ ޤަވާއިދު" ތަންފީޒުކުރަން ފަށާނީ، މިއަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. މިޤަވާއިދުގައި ބަޔާންކޮށްފައިވާގޮތުން ރާއްޖޭގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް އެކުލަވާލާ ޕްލޭންގައި ހިމަނާނެ ހުރިހާ ބާވަތްތަކާއި، 2022 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މަނާކޮށްފައިވާ 13 ބާވަތް ރާއްޖެއަށް އެތެރެކޮށް، ވިއްކާ ބޭނުންކޮށް އަދި އުފެއްދުން އެކި މަރުޙަލާތަކުގައި މަނާކުރެވޭނެއެވެ. އަދި އެއާއެކު މިބާވަތްތައް އެތެރެކޮށް ވިއްކާ، ބޭނުންކޮށް އަދި އުފައްދާނަމަ 1 ލައްކަ ރުފިޔާއާއި ހަމައަށް ޖޫރިމަނާ ކުރުމުގެ ބާރު އެންވަޔަރަމަންޓަލް ރެގިއުލޭޓްރީ އޮތޯރިޓީއަށް ލިބިގެންވެއެވެ.
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ 13 ބާވަތެއް ރާއްޖޭގައި އުފެއްދުމާއި ވިއްކުން މަނާކުރައްވައި، އެކަމާއި ގުޅޭ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނެރުއްވާފައިވަނީ، 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. މި ބާވަތްތައް ފޭސް އައުޓްކުރުން ނުވަތަ އެތެރެކޮށް ބޭނުންކުރުން ހުއްޓުވުމަށް ކަނޑައަޅާފައިވަނީ، އެކި މަރުޙަލާތަކަށް ބަހާލައިގެންނެވެ.
އެގޮތުން ދިޔާތަކެތި ބުއިމަށް ބޭނުންކުރާ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ހޮޅި، ޕްލާސްޓިކުން ހަދައިފައި ހުންނަ ކާ ތަށި، ސަމުސާ، ވަޅި، އޫ، އަދި ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅާއި، ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮއްޓާއި، ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ސުޕާރީއާއި، 250 މިލިލީޓަރަށްވުރެ ކުޑަ، އެއްފަހަރު ބޭނުންކުރެވޭ ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ތަށި، ޕްލާސްޓިކް ދަނޑިކޮޅުލާފައިވާ ކަފަބުރާއި، 50 މިލިލީޓަރާ އެއްވުރެ ކުދި ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނަރ އަދި ލޯޝަން ފަދަ ތަކެއްޗާއި ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކު ކޮތަޅު ރާއްޖެ އެތެރެކޮށް ވިއްކާ ބޭނުންކުރުން އަދި އުފެއްދުން ވަނީ މަނާކޮށްފައެވެ.
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރާ ޕްލޭނެއް އެކުލަވާލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ