ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ޕީއެންސީ ޓިކެޓަށް ވާދަކުރުމަށް ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި, ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
ޕީއެންސީއިން ބުނި ގޮތުގައި، ޕާޓީގެ ޓިކެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. މި ދާއިރާއަށް ވާދަކުރަން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހަޅަންޖެހޭނީ ޕާޓީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށެވެ.
ޕާޓީގެ ޓިކެޓަށް ޝަރުތު ހަމަވާ އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން ކުރިމަތިލާފައިވާނަމަ، ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅާނީ ބާއްވާ އެތެރޭގެ ޕްރައިމަރީއަކުންނެވެ. ޕްރައިމަރީގައި ވޯޓު ދެވޭނީ އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ހިމެނޭ މެންބަރުންނާއި، އިއްޔެގެ ނިޔަލަށް ޕާޓީއަށް ވަނުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ކަމަށް ޕީއެންސީން ބުންޏެވެ.
ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އަންނަ ހޯމަ ދުވަހު ޕާޓީގެ ވެބްސައިޓުގައި ޝާއިޢުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ޕްރައިމަރީ ބޭއްވުމަށް ޕީއެންސީން ތާވަލުކޮށްފައިވަނީ މި ހިނގާ އޭޕްރިލް މަހުގެ 25 ވާ ހޮނިހިރު ދުވަހު، ހެނދުނު 09:00 އިން ހަވީރު 04:00 އަށް ކަމަށް އެ ޕާޓީން ކުރި އިޢުލާނުގައި ބުނެފައިވެއެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައިއިލެކްޝަނެއް ބާއްވަނީ، އެދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ސިނާނުގެ ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާއި ގުޅިގެންނެވެ.
އާދިއްތަ ދުވަހު އީސީން ނެރުނު އިއުލާނެއްގައި ވަނީ، ބައި-އިލެކްޝަން ބާއްވާނީ އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު، ހެނދުނު 8:00އިން ހަވީރު 4:00އަށް ކަމަށް އިޢުލާންކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ