"ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ލިބުނު 8 ލައްކަ ޑޮލަރު ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފި
"ސިލޯނާއެކު ދިވެހީން"ގެ ނަމުގައި އަވައްޓެރި ސްރީ ލަންކާއަށް އެހީވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޚާއްސަ ޓެލެތޯނަށް ލިބުނު އަށް ލައްކަ ޑޮލަރު، ފޮރިން މިނިސްޓްރީއާ މިއަދު ހަވާލުކޮށްފިއެވެ. މި އެހީ މިނިސްޓްރީއާ ހަވާލުކޮށްދެއްވީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޔާމީނެވެ. މިނިސްޓްރީގެ ފަރާތުން ފައިސާއާ ހަވާލުވެވަޑައިގަތީ މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލެވެ. ޖުމްލަ 37 މީޑިއާއަކުން ގުޅިގެން ބޭއްވި މި ޓެލެތޯނަށް ޖުމުލަ 800،352 ޑޮލަރު ލިބިފައިވެއެވެ. މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނު 9:00 ގައި ފެށި މި ޓެލެތޯން ނިންމައިލީ މިއަދު މެންދުރުފަހު 14:00ގައެވެ. މި ޓެލެތޯނުގައި މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން 18 ފަންޑު ފޮށި ވެސް ބަހައްޓާފައިވެއެވެ. ފަންޑު ފޮށިތަކަށް ހަދިޔާކުރި ފައިސާ ގުނުމުގެ މަސައްކަތްކޮށްފައި ވަނީ ބީއެމްއެލްއާއި، ޓެލެތޯންގެ އޮޑިޓް ފާމެއްގެ ގޮތުގައި މަސައްކަތްކުރި 'ކްރޯ މޯލްޑިވްސް'އިންނެވެ. މި ޓެލެތޯނަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާއިރު އެކި އިދާރާތަކާއި ޖަމިއްޔާތަކުން ހަދިޔާކުރި ފައިސާތައް ހިމެނެއެވެ. އެގޮތުން، ބައެއް ކުންފުނިތަކުން ވަނީ ބޮޑެތި އަދަދުތަކުން ފައިސާ ހަދިޔާކޮށްފައެވެ. މި ޓެލެތޯނަށް މިހާތަނަށް އެންމެ ބޮޑު އަދަދެއްގެ ފައިސާ ހަދިޔާ ކުރީ ދިވެހި ފުލުހުންގެ ފަރާތުން 2.4 މިލިއަން ރުފިޔާއެވެ. ދިވެހި ސިފައިންގެ ފަރާތުން ވެސް އެއް މިލިއަން ރުފިޔާ ހަދިޔާ ކޮށްފައިވެއެވެ. އަދި ސަރުކާރު މައި ޕާޓީ ޕީއެންސީ ޕީޖީން 300،000 ރުފިޔާ އަދި ގައުމީ ބޭންކު ބީއެމްއެލްއިން 25،000 ޑޮލަރު ހަދިޔާކޮށްފައިވެއެވެ. ތޫފާން 'ދީތްވާ' ގެ ސަބަބުން މުޅި ލަންކާއަށް ފެންބޮޑުވެ، މަރުވި މީހުންގެ އަދަދު ވަނީ 400 އާ ގާތްކޮށްފައެވެ. ފެންބޮޑުވުމާ ގުޅިގެން ސްރީ ލަންކާގައި 1.1 މިލިޔަން މީހުން ވަނީ ހާލުގައި ޖެހިފައެވެ. އޭގެ ތެރޭގައި 309,607 އާއިލާއަކަށް ނިސްބަތްވާ މީހުން ހިމެނޭއިރު، 180,000 އަށްވުރެ ގިނަ މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ