މަތީ ފަންތީގެ ބައްދަލުވުމުގައި ރައީސް ހުށަހެޅުއްވީ، ކުދި ގައުމުތަކުގެ މާލީ ދަތިތަކަށް ހައްލު ހޯދާނެ ގޮތްތަކެއް
އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގައި، ޑިވެލޮޕްމަންޓް ބޭންކުތަކުގެ ވެރިން ބައިވެރިވި މަތީ ފަންތީގެ ބައްދަލުވުމެއްގައި، ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ މާތީ ދަތިތަކަށް ހައްލު ހޯދަން މަގުފަހިވާނެ ގޮތްތަކެއް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ހުށަހަޅުއްވައިފިއެވެ. ރައީސް އޮފީހުން ބުނީ، އެ މަނިކުފާނު އެ ގޮތަށް ހުށަހެޅުއްވީ، 'ހައި-ލެވެލް ބްރީފިން އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން'ގައި ބައިވެރިވެވަޑައިގެން ކަމަށެވެ. އެ އޮފީހުން ބުނީ، މި ބައްދަލުވުމުގެ މަގުސަދަކީ ގައުމުތަކުން ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތް ކުރުމުގައި ބައިނަލްއަގުވާމީ ޑިވެލޮޕްމަންޓް ބޭންކްތަކާއި (އެމްޑީބީ)ތައް މެދުވެރިކޮށް ޕްރައިވެޓް ފައިނޭންސް މޮބަލައިޒްކުރުމުގެ މަސައްކަތްތައް ހަލުވިކުރުން ކަމަށެވެ. މި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ "ޑެޓްފޯކްލައިމެޓް"އާއި "ޑެޓްފޯނޭޗާ" މަޝްރޫޢުތައް ކުރިއެރުވުމަށާއި ތިމާވެއްޓާ ރައްޓެހި ޕްރައިވެޓް ފައިނޭންސް ފޯރުކޮށްދޭ އިންސްޓިޓިއުޝަންތަކުގެ އެއްބާރުލުން އިތުރުކުރުމާގުޅޭ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންފައެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒު: މަތީ ފަންތީގެ ބައްދަލުވުމެއްގައި ރައީސް ވަނީ، ކުދި ގައުމުތަކުގެ މާލީ ދަތިތަކަށް ހައްލު ހޯދާނެ ގޮތްތަކެއް ހުށަހަޅުއްވާފައި --- ފޮޓޯ/ ރައީސް އޮފީސް މިގޮތުން، ރާއްޖެއަށާއި ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި މާލީ އެހީތެރިކަމުގެ ބޭނުންތައް ފާހަގަކުރައްވާ، އެކަންކަމަށް ހައްލު ހޯދުމަށް މަގުފަހިކުރެވިދާނެ ގޮތްތަކެއް ރައީސް ވަނީ ހުށަހަޅުއްވާފައެވެ. ރައީސް، އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅަކީ، އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނައިގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސް އޮފީހުން ބުނީ، އެ މަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން މޫސުމީ ބަދަލުތަކަށް ދެމެހެއްޓެނިވި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް މިފަދަ އެހީތެރިކަމުގެ ފުރިހަމަ މަންފާ ލިބޭނެ ގޮތްތަކަށް ވަކާލާތުކުރުމުގައި ބައިނަލްއަޤުވާމީ މައިދާނުގައި ދިވެހިރާއްޖޭގެ އަޑު އިތުރަށް އުފުލުމުގެ ފުރުޞަތު ލިބޭ ކަމަށެވެ. ފާހަގަކުރެވޭ ގޮތުގައި، އެންމެ ފަހުން ރައީސް އިނގިރޭސިވިލާތަށް ވަޑައިގަތީ ޖުލައި މަހުގައެވެ. އެ ފަހަރު ކުރެއްވި ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ ޔޫކޭ ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާފައެވެ. ވެރިކަމަށް ވަޑައިގެންނެވި ފަހުން އެންމެ ގިނައިން ރައީސް ވަޑައިގެންނެވި އެއް ގައުމަކީ އިނގިރޭސިވިލާތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ