އަލަށް ތަރައްގީ ކުރި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ޓާމިނަލް ހުންނަން ޖެހޭ ވަރަށް ވުރެ މާ ފިނި ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ޝަކުވާ ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދިޔަ އެންމެ ބޮޑު މަޝްރޫއުގެ ތެރޭގައި ހިމެނޭ، ވީއައިއޭގެ އާ ޓާމިނަލް ތަރައްގީކޮށް ހުޅުވީ މިދިޔަ ޖުލައި 26ގަ އެވެ. އެއާ އެކު، އެ ތަން ވެފައިވަނީ މި ސަރަހައްދުގައި ވެސް ހިމެނޭ އެންމެ ރީތި އެއް އެއާޕޯޓަށެވެ.
އެކަމަކު ތަނުގެ ހިތްގައިމުކަމާ އެއްވަރަށް، އެހެން ޝަކުވާއެއް ވެސް އެ ތަނުން ހިދުމަތް ހޯދާ މީހުން ކުރެ އެވެ. އެއީ އެއާޕޯޓް ތެރެ މާ ބޮޑަށް ވެސް ފިނިކަމުގެ ވާހަކަ އެވެ.
އެންމެ ފަހުން މި ކަންބޮޑުވުން ފާޅު މި ކުރެއްވީ ރައީސް ނަޝީދެވެ.
ބުނީ ކީކޭ؟ - އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި:
މިހާރު އެއާޕޯޓުގެ ފިނިހޫނުމިން ހުންނަނީ 15 ޑިގްރީ ސެލްސިއަސްގައި
މިއީ މާ ބޮޑަށް ވެސް ފިނި އަދި ބޭކާރު ކަމެއް
އެކަމަށް އޮތް ހައްލެއްގެ ގޮތުގައި ނަޝީދު ވިދާޅުވީ ތަނުގެ ފިނިމިން 20-25 ޑިގްރީ ސެލްސިއަސްގައި ބެހެއްޓުމެވެ.
އެ މަނިކުފާނުގެ މި ވާހަކައަށް، ގިނަ ބަޔަކު ތާއީދު ކުރި އެވެ. ބައެއް މީހުންގެ ނަޒަރުގައި އެ ތަނާ ބަލާއިރު 25 ޑިގްރީ ސެލްސިއަސް ވެސް މާ ފިންޏެވެ.
އެނގުން މުހިއްމު - ރާއްޖޭގެ އިޖްތިމާއީ އަދި ސިޔާސީ ކަންކަމާ ދުރުގައި ހުންނެވުމަށް ފަހު މި ފަހަކުން ރައީސް ނަޝީދު އަންނަނީ، ބައެއް މައްސަލަތައް ސަމާލުކަމަށް ގެންނަމުންނެވެ. އެގޮތުން ކައިރިކައިރީގައި ހުންނަ ރާއްޖޭގެ ގިނަ ރަށްތަކެއްގައި އެއާޕޯޓު އެޅުމާއި އައްޑޫ 'ބައި ކުރުމަށް' ނެގި ވޯޓާ ދެކޮޅަށް ވާހަކަ ދެއްކެވި އެވެ.
ނަޝީދު ވިދާޅުވީ އެއާޕޯޓުގެ އާ ޓާމިނަލް މާ ބޮޑަށް ވެސް ފިނިކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ