މެޑިކަލް ކުންފުންޏާއި ގާއަޅާ ކުންފުންޏަށް މި އަހަރުގެ ބަޖެޓުން 387 މިލިއަން ރުފިޔާ މެޑިކަލް ކުންފުންޏާއި ގާއަޅާ ކުންފުންޏަށް މި އަހަރުގެ ބަޖެޓުން 387 މިލިއަން ރުފިޔާ

ސަރުކާރުން މި ފަހުން އުފެއްދި ދެ ކުންފުންޏަކަށް މި އަހަރުގެ ބަޖެޓުން 387 މިލިއަން ރުފިޔާ ކެޕިޓަލް ކޮންޓްރިބިއުޝަނުގެ ގޮތުގައި ދޫކުރާކަން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުން އެނގިއްޖެ އެވެ.
ސަރުކާރުން މި އަހަރު އުފެއްދި ދެ ކުންފުންޏަކީ، ބޭހާއި މެޑިކަލް އާލާތްތައް ގެންނަން އުފެއްދި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (އެސްޕީއެމްއެސްސީ) އާއި ގާއެޅުން ފަދަ ކަންކަމަށް ހާއްސަކޮށްގެން އުފެއްދި އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ސޮލިއުޝަންސް ކުންފުންޏެވެ.
މިއީ މިދިޔަ އަހަރު ވުޖޫދުގައި ނެތް، އަދި އެހާތަނަށް ސަރުކާރުން އެ ވިސްނުން ވެސް ނުގެންގުޅޭ ދެ ކުންފުންޏަށް ވީތީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިން ބަޖެޓުގައި މި ދެ ކުންފުންޏެއް ނެތެވެ. ނަމަވެސް އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގައި ސަރުކާރުން ވަނީ މި އަހަރުގެ ބަޖެޓުން މި ކުންފުނިތަކަށް ފައިސާ ދޫކުރަން ކަނޑައަޅާފަ އެވެ.
އޭގެ ތެރެއިން އެސްޕީއެމްއެސްސީއަށް ދެނީ 107 މިލިއަން ރުފިޔާ އެވެ. އަދި އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ސޮލިއުޝަންސްއަށް ދެނީ 280 މިލިއަން ރުފިޔާ އެވެ.
މި އަހަރުގެ ބަޖެޓުން މި ކުންފުނިތަކަށް ކެޕިޓަލްގެ ގޮތުގައި ފައިސާ ދޫކުރިޔަސް، އަންނަ އަހަރާއި ޖެހިގެން އޮތް ދެ އަހަރު ވެސް މި ކުންފުނިތަކަށް އެއްވެސް ފައިސާއެއް ދޫކުރާކަށް ނެތެވެ.
މިހެން ނަމަވެސް ދެ ކުންފުނީގެ ހިންގުމުގެ ހަރަދުތައް ހަމަޖެއްސުމުގެ ގޮތުން ދައުލަތުގެ ބަޖެޓުން ފައިސާ ދޭ ގޮތަށް ވަނީ ބަޖެޓުކޮށްފަ އެވެ. އެއީ އެސްޕީއެމްސީއަށް 15 މިލިއަން ރުފިޔާ އަދި އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ސޮލިއުޝަންސްއަށް 20 މިލިއަން ރުފިޔާ އެވެ.
ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި، މި އަހަރެކޭ އެއް ގޮތަށް، ރާވާފައި ވަނީ ބަޖެޓުން ވަރަށް ކުޑަ ހަރަދެއް ކުރާ ގޮތަށެވެ. މި ކަމަށް ހަރަދުކުރަން 314 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު، މި ފައިސާ ލިބެނީ އެންމެ ދެ ކުންފުންޏަށެވެ. އެއީ އައްޑޫ އެއާޕޯޓު ކުންފުންޏާއި ފަހި ދިރިއުޅުން ކޯޕަރޭޝަނެވެ.
މިހެން ސަރުކާރުން ބަޖެޓު ހުށަހެޅި ނަމަވެސް، މި އަހަރު ވެސް ސަރުކާރުން ވަނީ ކުންފުނިތަކަށް ދޭން ބަޖެޓު ކުރި ވަރަށް ވުރެ އެތައް ގުނައެއް އިތުރަށް ހަރަދުކޮށްފަ އެވެ. ސަރުކާރުން ބަޖެޓުގައި ޖެހީ ކެޕިޓަލް ކޮންޓްރިބިއުޝަނުގެ ގޮތުގައި ކުންފުނިތަކަށް ދޫކުރާނީ 366 މިލިއަން ރުފިޔާ ކަމަށެވެ.
އެކަމަކު އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި ފިނޭންސުން ވަނީ ކުންފުނިތަކަށް ކެޕިޓަލް ދޫކުރަން މި އަހަރު 2.4 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. މިއީ ފާސްކުރި އަދަދަށް ވުރެ ހަ ގުނަ އިތުރު އަދަދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ