އިސްލާމްދީނަކީ ހިތުގައި އޮންނަ އެއްޗެއް ކަމަށް ޤަބޫލުކުރާ މީހާ، އެ ދީނުގެ ޝިޢާރެއް ފާޅުވުމުން ހިތުގައި ޖެހެންވީ ކީއްވެކަމާމެދު، ރާއްޖޭގެ ފުންނާބު އުސް ދީނީ ޢިލްމުވެރިޔާ ޝެއިޚް އަހުމަދު ސަމީރު ސުވާލު އުފައްދަވައިފިއެވެ.
ސުކޫލު ކުދިންގެ ޔުނިފޯމަށް އެޑިޔުކޭޝަން މިނިސްޓްރީން ގެންނަ ބަދަލުތަކުގެ ތެރޭގައި، ގްރާޑް 4 އިން މަތީގެ އަންހެން ދަރިވަރުން ސްކާޓްއާއި އެކު ހަރުވާަޅުލާން ވަނީ ލާޒިމް ކޮށްފައެވެ.
އެ ބަދަލާއެކު ބައެއް ފަރާތްތަކުން އަންނަނީ އެކަމާ ދެކޮޅަށް ވަރަށް ބޮޑަށް ވަކާލާތު ކުރަމުންނެވެ.
އެކަމާއި ގުޅިގެން ޝެއިޚް ސަމީރު މީސްމީޑިއާގައި އާއްމު ކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ މަދަރުސަތީ ތަޢުލީމުގެ ޤައުމީ މަންހަޖުގެ ތަޞައްވުރަށް ވާސިލްވާއިރު، ފެންނާނެ ކަންކަމުގެ ތެރޭގައި ”އަމިއްލަ ނަފްސަށް އިތުބާރުކުރާ ޤާބިލު ދަރިވަރު“ ގެ ދަށުން ލިޔެފައިވާ ފުރަތަމަ ކަމަކީ އެ ދަރިވަރު ޤުރުއާނާ ސުންނަތައް ތަބާވާނެ ކަމަށް ކަމަށާ އަދި ދެވަނަ ކަމަކީ އިސްލާމީ އުސޫލުތަކުގެ މައްޗަށް މުޅި ދިރިއުޅުން ބިނާވާ އުސޫލުތަކެއް ކަމަށް ދަރިވަރު ޤަބޫލު ކުރާނެ ކަމަށް ކަމަށެވެ.
މީގެ އިތުރުން ޤައުމީ މަންހަޖުގެ މައިގަނޑު ޤާބިލިއްޔަތުގެ ގޮތުގައިވެސް ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން ފުރަތަމަ ކަމަކީ އިސްލާމްދީނާ އެއްގޮތަށް އަމަލުކުރުން ކަން ޝެއިޚް ފާހަގަކުރެއްވިއެވެ.
ޝެއިޚް ވިދާޅުވީ، ޤާނޫނު އަސާސީއާ އޭގެ ދަށުން އެކުލަވާލާފައިވާ ގަވާއިދު ތަކާއި އުސޫލުތަކުގައި މިފަދައިން ވާއިރު، ޔުނިފޯމުގެ ޤަވާއިދުގައި ސްކާޓްގެ ދަށުން ހަރުވާޅު ލުމަށް ލިޔެފައި ވުމުން އެކަމާ ކަންބޮޑުވާންވީ ސަބަބު ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.
ވަކިއުމުރަކަށްވުރެ މަތީގެ ކުދިން ފައިނިވާކުރަންޖެހެއޭ ބުނީމާ، އެއަށް ކަންބޮޑުވާންވީ ކޮން ސަބަބަކާހުރެތޯ؟ އެކަންބޮޑުވުން ދޭހަކޮށްދެނީ ކޮންކަމެއްތޯ؟ ކޮންކަމަކާތޯ ހިތްހަމަނުޖެހިގެން މިއުޅެނީ؟ ކޮބާތޯ މައްސަލައަކީ؟
މިއާއެކު ޝެއިޚް ވިދާޅުވީ، ގާނޫނުއަސާސީގައިވާ ގޮތަށް އަމަލުކުރާ ނަމަ ސުކޫލުތަކުގެ ގަވާއިދާ ޔުނިފޯމް ކޯޑްވެސް، ހުންނަންވާނީ އިސްލާމްދީނާ، އުއްމަތުގެ އިލްމުވެރިންގެ އިޖުމާޢުއާ އެއްގޮތަށް ކަމަށާ، އެއާ އެއްގޮތް ނުވާ ގޮތަށް އެއްވެސް އުސޫލެއް ނުހެދޭނެ ކަމަށެވެ.
ބާލިޣުވެފައިވާ އަންހެންކުއްޖެއްގެ އައުރަ ކަމުގައި އިލްމުވެރިން އިއްތިފާގުވާ ހިސާބު، މޫނާ ދެއަތްތިލަފިޔަވައި ހުރިހާ ތަނެއް. މިއީ އަޅުގަނޑުމެން ގަބޫލުކުރާ ހަމައަކީ. އެންމެ ކުޑައިރުންސުރެ ކިޔަވަމުން ދަސްކުރަމުން އަމަލުކުރަމުން އައިއްސަހުރި އުސޫލުތައް… އިސްލާމްދީނަކީ ހިތުގައި އޮންނަ އެއްޗެކޭ. އިސްލާމްދީނަކީ ހިތުގައި އޮންނަ އެއްޗެއްކަން ގަބޫލުކުރާ މީހާ އިސްލާމީ ޝިޢާރެއް ތަނަކަށް ފާޅުވީމާ ހިތުގައި ޖެހިގެން މިއުޅެނީ ކީއްވެތޯ؟
ޝެއިޚް ސަމީރު ވިދާޅުވީ، ޤައުމުގެ ބޮޑުވަމުން އަންނަޖީލު ހަލާކުވެ، އަޚްލާގިއްޔަތު ގެއްލިގެންދާއިރު، އެ މައްސަލަ ހައްލު ކުރުމަށް އެންމެން އެކައްޗެއް ކިޔަންޖެހޭ ކަމަށެވެ. އަދި ގައުމު ތަރުބަވީ އުސޫލުތަކުން ހިނގަންޖެހޭ ކަމަށާ އެކަމަށް ޖާގަދޭންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
އިސްލާމްދީނަކީ ހިތުގައި އޮންނައެއްޗެކޭ ބުނާ މީހާ، އިސްލާމީ ޝިޢާރެއް ފާޅުމުވުން ހިތުގައި ޖެހެނީ ކީއްވެ؟: ޝެއިޚް ސަމީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ