ހަންގަނޑުގެ ރީތިކަމަށް މޮރޮކޯގެ 'ހައްމާމް' ވައިގައިހިފާފައި

ކޮރެއަން ބިއުޓީ މި ފަހުން ވަރަށް ބޮޑަށް ވައިގައިހިފައިގެން އުޅުނެވެ. ހާއްސަކޮށް ހަނޑުލުން ހަދާފައިވާ ހުންނަ ފޭސް ވޮޝް އާއި ފޭސް ކްރީމްތަކެވެ. އެ ޓްރެންޑަށް ފަހު މި ދުވަސްކޮޅު އެންމެ ގަދައަށް ވައިގައިހިފައިގެން އުޅެނީ މޮރޮކޯގައި ޒަމާނުއްސުރެ ގައިގެ ހަންގަނޑު ޒީނަތްތެރިކުރުމަށް ބޭނުން ކުރަމުން އައި ބާވަތްތަކެވެ.
މެދު އިރުމަތީގެ ގައުމުތަކާއި އެފްރިކާގެ ބައެއް ސަރަހައްދުތަކުގައި ބޭނުން ކުރަމުން އަންނަ، މުޅިން ގުދުރަތީ ބާވަތްތަކުން އުފައްދާފައިވާ "ހައްމާމް" ނަމަަކަށް ކިޔާ ބިއުޓީ ރިޗުއަލްތަކެއް ނުވަތަ އާދަކާދަތަކެއް އަނެއްކާވެސް އަންނަނީ މުޅި ދުނިޔޭގައި  މަގުބޫލުވަމުންނެވެ. ސަބަބަކީ މިއީ އެއްވެސް ވަރަކަށް ކެމިކަލެއް ނުހިމެނޭ އަދި ގަރުނެއްހާ ދުވަސްވެފައިވާ އާދަކާދަތަކަކަށް ވުމެވެ. އަދި މިހާރުގެ ޖީލުތަކަށް ސޯޝަލް މީޑިއާގެ އަލީގައި މިފަދަ އާދަކާދަތަކުގެ ފައިދާ ވަނީ ދެނެގަނެވިފަ އެވެ.
ހަންގަނޑު އޮމާން ކުރުމާއި ހަމުގެ ކުލަ އަލި ކުރުން އަދި މަރުވެފައިވާ ސެލްތައް ހަމުން ފިލުވުމަށް އުނގުޅާލުމުން ހަންގަނޑު ތާޒާވެ އާރޯވެގެންދާ ކަމަށް މި ބާވަތްތައް ބޭނުން ކުރާ މީހުން އަންނަނީ ބުނަމުންނެވެ.
ދިވެހިން ވެސް އަންނަނީ މި ބާވާތްތަކުގެ އަޖުމަބަލަމުންނެވެ. ރާއްޖޭގެ ތޮށިން އެތެރެވެ، ބައެއް ސްޕާތަކުން ވެސް އަންނަނީ މި ތަކެތި ބޭނުންކޮށްގެން ހިދުމަތްތައް ފޯރުކޮށްދެމުންނެވެ. އަދި ކުދި ވިޔަފާރިތަކުން މި ބާވަތްތައް މިހާރު ވިއްކަ އެވެ.
މީގެ އަަހަރެއްހާ ދުވަސް ކުރިން މޮރޮކޯއެމްވީގެ ނަމުގައި އިންސްޓަގްރާމްގައި ފެށި ވިޔަފާރިއަކުން އަންނަނީ ހައްމާމު ރިޗުއަލްއެއް ހެދުމަށް ބޭނުންވާ ސާމާނު ވިއްކަމުންނެވެ. އުމުރުން 29 އަހަރުގެ އައިޝާ ހުސެން މި ވިޔަފާރި ހިންގަނީ އޭނާގެ ރަށުގައި ގޭގައި ހުރެގެންނެވެ. އައިޝާ ބުނި ގޮތުގައި އޭނާ އަމިއްލައަށް ބޭނުންކޮށް ތަޖުރިބާ ކުރުމަށް ފަހު ރާއްޖެއަށް ގެނެސްގެން ވިއްކަން ފެށި މި އުފެއްދުންތައް އެހެން މީހުންނަށް ވެސް ކަމުދެ އެވެ. މި ތަކެތި ވިއްކުމުގައި އޭނާ އެންމެ ބޮޑަށް ބަލަނީ ސައްހަ ސެޓްފިކެޓް އޮންނަ ފަރާތްތަކުން ގަނެގެން ގެނެސް ވިއްކުމަށް ކަމުގައި އައިޝާ ބުންޏެވެ.
ދިވެހިންނަށް އެންމެ ކަމުދާ ބައެއް ބާވަތްތައް ތިރީގައި މި ވަނީ އެވެ.
އާއްމުކޮށް އަހަރުމެން ގެންގުޅޭ ހަރު ސައިބޯންޏާ ހިލާފަށް ބްލެކް ބެލްޑީ ސައިބޯނި ހުންނަނީ މަޑުކޮށް، ޖެލީ ގޮތަށެވެ. އެކަމަކު މިއިން ގައިގެ ހަންގަނޑު އެކްސްފޯލިއޭޓްކޮށް، ހަމުގައި ހުންނަ ލޯވަޅުތައް ސާފުކޮށްދެ އެވެ. 
ޒައިތޫނި ތެލާއި ޒައިތޫނި ހިމެނޭ ބްލެކް ބެލްޑީ އެހެން ސައިބޯނިތަކާ ތަފާތުވާ އަނެއް ކަމަކީ ހަމުގެ ތެތްކަން ހިފަހައްޓައިދިނުމެވެ. އެހެނިހެން ސައިބޯނި ލުމުން މުޅި ގައިގެ ހަންގަނޑު ހިކޭ ގޮތަކަށް މި ސައިބޯނިން ގުދުރަތީ ތެޔޮޮކަމަށް އަސަރެއް ނުކުރެ އެވެ.
ޓިކްޓޮކްގެ ކޮންޓެންޓް ކްރިއޭޓަރުން ހޫނު ފެނުން ފެންވަރަން ބްލެކް ބެލްޑީ ސޯޕް އުނގުޅާލުމުން މަރުވެފައިވާ ހަންތައް ނެއްޓި ހަންގަނޑު އޮމާންވާ ތަން ދައްކާލުމާ އެކު މި ސައިބޯނި ދުނިޔޭގެ މަޝްހޫރުކަން ހޯދި އެވެ.
ރީތި ނޫކުލައެއްގައި ހުންނަ ނިލާ ޕައުޑަރަކީ ރާއްޖޭގައި ވެސް މިހާރު އެންމެ މަގުބޫލުވަމުން އަންނަ އެއް ބާވަތެވެ. މޮރޮކޯގެ ސަހަރާތަކުގައި ހުންނަ އިންޑިގޯފެރާ ނަމަަކަށް ކިޔާ ގަހެއްގެ ފަތުން އުފައްދާފައިވާ މި ޕައުޑަރަކީ އިރުމަތީ އެފްރިކާގެ ގައުމުތަކުގެ އަންހެނުން މީގެ ގަރުނެއް ކުރިން ވެސް ރީތިވުމަށް ބޭނުން ކުރި ބާވަތެކެވެ.
އެންމެ ބޮޑު ފައިދާއަކީ ހަމުގެ ކުލަ އަލިކޮށްދިނުމެވެ. މި ޕައުޑަރު ރޯސް ވޯޓާ ނުވަތަ ޔޯގަޓާ އެއްކޮށް މާސްކެއް ހަދައިގެން ހަމުގެ ކުލަ ތަފާތުކޮށް ހުންނަ ކަކޫ، އުޅަނބޮށި އަދި ކަރުދަށް ފަދަ ތަންތަނުގައި ބޭނުން ކުރެ އެވެ.
ރަޝައުލް ކްލޭއަކީ މޮރޮކޯގެ އެޓްލަސް ފަރުބަދައިން ނަގާ ކްލޭއަކުން އުފައްދާ ބާވަތެކެވެ. މި ބާވަތް ބޭނުން ކުރަނީ ގުދުރަތީ ގޮތުން ހަންގަނޑު ޑީޓޮކްސް ކޮށްލުމަށެވެ. ހަމުގެ އެތެރެ ރަނގަޅަށް ސާފުކޮށްދީ ވާންކަން އިތުރުކޮށްދެ އެވެ. އެހެންކަމުން މޫނުގައި ޖެހޭ ކުދި ރޫތައް މަދުކުރުމަށް މީގެ ސަބަބުން އެހީތެރިވެދެ އެވެ. އަދި ދުމާއި ހިރަފުހުގެ ސަބަބުން ހަންގަނޑުގައި އަށަގަންނަ ވިހަ މާއްދާތަކުން ހަންގަނޑު ރައްކާތެރިކުރުމަށް އެހީވެދެ އެވެ.
ހަންގަނޑުގެ އިތުރުން މިއީ ބޮލުގެ އިސްތަށިގަނޑަށް ރަނގަޅު ފަރުވާއެކެވެ. ހަންފޮޅުމާއި، ހިރުވުން އަދި ބޮލުގައި އަަށަގަންނަ ތެލާއި އެހެން ބާވަތްތަކުން އިސްތަށިތަކުގެ ބުޑު ސާފުކޮށްދެ އެވެ.
އައިޝާ އަހަރުމެންނަށް މި ކިޔައިދެނީ ހައްމާމް ރިޗުއަލްއެއްގައި ހިމެނޭ މައިގަނޑު ކަންކަމެވެ.
ފުރަތަމަ، ފެންވަރާ އިރު ހޫނު ފެނުން ބްލެކް ބެލްޑީ ސޯޕް ލައިގެން ރަނގަޅަށް ގައި އުނގުޅާށެވެ. މިގޮތަށް އުނގުޅާއިރު ބޭނުންކުރާ ހާއްސަ އަންގިއެއް އޮވެ އެވެ. "ކެސާ ގްލަވް" އާއްމުކޮށް ގައި އުނގުޅުމަށް ބޭނުން ކުރާ ލޫފާއާ ތަފާތެވެ. ބެލްޑީ ސޯޕް ލައިގެން މި އަންގިން ގައި އުނގުޅާލުމާ އެކު މަރުވެފައިވާ ހަންތައް ނެއްޓި ރަނގަޅަށް އެކްސްފޯލިއޭޓްވެ އެވެ.
މިގޮތަށް އެކްސްފޯލިއޭޓް ކުރާނީ ކޮންމެ ދެ ހަފްތާއަކުންނެވެ. އެއަށް ފަހު ރަޝައުލް ކްލޭ އިން ހަންގަނޑުގައި ހޭކުމަށް ޕޭސްޓެއް ހަދާށެވެ. މި ޕޭސްޓް ހެދުމަށް ފެން، ރޯޒް ވޯޓާ ނުވަތަ އެޕަލް ސައިޑާ ވިނިގާ ފޮދެއް ބޭނުން ކުރެވިދާނެ އެވެ. މި މިކްސް ހަދަންވާނީ ދަގަނޑު ނޫން ތައްޓެއްގަ އެވެ. ޕޭސްޓް ހެދުމަށް ފަހު ގައިގައި ހާކާފައި 10 ވަރަކަށް މިނެޓް ބަހައްޓާށެވެ. މުޅިން ނުހިކެނީސް ފެނުން ދޮންނާށެވެ.
އެއަށް ފަހު ނިލާ ޕައުޑަރު ބޭނުންކޮށްގެން މާސްކެއް ތައްޔާރު ކުރާށެވެ. މިކަން ކުރުމުން ހަންގަނޑު އަލިވެ އެވެ. ނިލާ މާސްކް ހެދުމަށް ޔޯގަޓް ނުވަތަ ރޯޒް ވޯޓާ ބޭނުން ކުރެވިދާނެ އެވެ. މާސްކް ދޮވެލުމަށް ފަހު، މޮޮރޮކަން އާގަން އޮއިލް މޫނުގައި އަދި ގައިގެ ހަންގަނޑުގައި ހާކާށެވެ. އޭރުން ތެތްކަން ހިފެހެއްޓިފައި ހުންނާނެ އެވެ.
ހައްމާމް ރިޗުއަލްގެ އެންމެ ފަހު ކަމަކީ ރޯޒް ވޯޓާ އިން ހަދާފައި ހުންނަ މިސްޓެއް ބޭނުން ކުރުމެވެ. މަގުސަދަކީ ހަންގަނޑު ތެތްކޮށްލުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ