ޒަވާޖީ ޙަޔާތެއް ފަށައި ދަރިން ލިބުމަށްފަހު މާ ރީތި މީހުން ފެނި ފަހަތުން ދެވޭނަމަ އެމީހާގެ ލޮލަށް އެވަނީ މައްސަލައެއް ޖެހިފައެވެ. އެކަމަށް އަޅާނެ ބޭސް ޑޮކްޓަރުންނަކަށް ނުއެނގޭނެއެވެ. އެކަމަށް އޮތީ ތަފާތު ފަރުވާއެކެވެ. އެއީ ބުއްދީގެ ބޭނުންކުރުމެވެ.
ކުރަން އޮތްކަމަކީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދުނިޔޭގެ ޙަޔާތް ވޭތިކުރުމެވެ. އެއީ ހަމައެކަނި އަޅުކަންކުރުމެއް ނޫނެވެ. އަޅުކަންކުރުމާއިއެކު ތިމައާއި ޙަވާލުކުރައްވަވާފައިވާ މަސްއޫލިއްޔަތުތައްވެސް އަދާކުރަންޖެހެއެވެ. އެއީވެސް ހަމަ އަޅުކަމެވެ. އަނބިދަރިންނަށް އަޅައިލުމާއި ޚަރަދުކުރުމަކީ ޞަދަޤާތެއް ކަމަށް ލައްވަވާފައިވަނީ އެސަބަބަށްޓަކައެވެ.
ދެން އޮތްބައިވެސް އަޑުއަހާށެވެ!
ﷲ ތަޢާލާ އެންގެވި ގޮތުގައި ދުނިޔޭގެ ޙަޔާތް ވޭތިކޮށްފިނަމަ ޤިޔާމަތް ދުވަހު ސުވަރުގެ ލިބޭނެ ކަމާއި މަރުވުމުން ކައްވަޅުގައިވެސް ނިޢްމަތްތައް ލިބޭނެކަން އެންމެންނަށްވެސް އެނގެއެވެ. އަދި އެއީ އެންމެ މަތިވެރި ނިޢްމަތްތައްކަންވެސް އެނގެއެވެ. ދާއިމީ އުފާވެރިކަމަކީ އެއީ ކަންވެސް ވަރަށް ރަނގަޅަށް އެނގެއެވެ.
ނަމަވެސް މީސްތަކުންނަށް މިއަދު ޖެހިގެން މިއުޅޭ އެންމެ ބޮޑު މައްސަލައަކީ ދުނިޔޭގައި ހޭދަކުރަން މިޖެހޭ ވަގުތުކޮޅަށް ކެތްތެރި ނުވެވުމެވެ. މަރުވުމާއި ހަމައަށް ކެތްކޮށްނުލެވުމެވެ. މިދުނިޔޭގައިވެސް ތަފާތު އުފާތައް ލިބިގަތުމުގެ ދަހިވެތިކަން ބޮޑުވުމެވެ. ﷲ ތަޢާލާ އަނގަވާފައިވާ ފަދައިން ދުނިޔޭގައި އުޅެ މަރުވުމުން ލިބެންހުރި ނިޢްމަތްތައް އެތައް މިލިއަން މިލިއަން ގުނައަކުން ބޮޑު އިރުކަން ޔަޤީންކުރެވޭއިރުގައިވެސް މެއެވެ.
ދެން މިވާ ގޮތަކަކީ އެދެމެދަށް ޝައިޠާނާ ފުންމައިލަނީއެވެ. ދުނިޔެއިން ލިބެންހުރި އުފާތައް ހުށަހަޅަނީއެވެ. ތަފާތު ކަންކަން ލޮލަށް ދައްކައި އެކަންކަން ކުރަން ދަހިކުރުވައި ޝައުޤުވެރިކުރުވަނީއެވެ. އިންސާނުންގެ ކެތްތެރިކަން ނެތުމުން ޝައިޠާނާގެ ބަހަށް ހެއްލި ފާފަތައް ކުރެވެނީއެވެ. ކެތްތެރިވުމުން ފަހުން ލިބެން އޮތް މަތިވެރި ނިޢްމަތް ނަގާލައި ނަރަކައަށް އަމިއްލައަށް ވެއްޓިގަންނަނީއެވެ.
މިގޮތަށް މިކަންކަން ހިނގުމަށް އަހަރެން ދޭނެ ނަމަކީ ޝައިޠާނާ އައިސް ތިބާ ކަނުބަނުމެވެ. ޝައިޠާނާއަށް މީހަކު ކަނުބަނދެވިއްޖެނަމަ އެވަގުތުން ފެށިގެން އެމީހަކަށް ދެން ފެންނާނީ ޝައިޠާނީ ދެއްކި އެއްޗެކެވެ. އެއްވެސް އެއްޗެއް އަމިއްލައަށް ބެލުމުގެ ފުރުޞަތެއް ނުލިބޭނެއެވެ. ރަނގަޅު ގޮތް ވިސްނުމުގެ ފުރުޞަތެއް ވެސް ނުލިބޭނެއެވެ. ހިތާއި ސިކުނޑި ކޮންޓްރޯލްކުރާނީ ޝައިޠާނާއެވެ.
ފާފަތައް ކުރަން މީސްތަކުން މިއަދު ޖެހިލުން ނުވަނީ އެ ސަބަބަށްޓަކައެވެ. ޝައިޠޯނާ އެމީހަކު ކަނުބަނުމުންނެވެ. ފާފަކުރުމުން ނަރަކައަށް ވަންނަން ޖެހޭނެ ކަމާއި ނަރަކައިގެ ޢަޛާބުގެ ގަދަފަދަކަން ވިސްނުމަށްވެސް ނުގެނެވެނީއެވެ. ތިބާއަކީ ޝައިޠޯނާ ކަނުބަނދެފައިވާ މީހެއްކަން ނުވަތަ ނޫންކަން އެްމެ ރަނގަޅަށް އެނގޭނީވެސް އެމީހަކަށެވެ. އެހެނީ އެމީހަކަށް ކުރެވޭފާފަތަކާއި އަދަދު އެނގޭނީވެސް އެމމީހާއަށް ކަމުގައިވާތީއެވެ.
މީސްތަކުންނޭވެ! އަހަރެމެންނަށް ހިތާއި ސިކުނޑި ދެއްވަވައި ވިސްނުމުގެ ބާރު ދެއްވަވާފައި މިވަނީ މިފަދަ ޙާލަތުން ސަލާމަތްވުމަށެވެ. ވަގުތީ އުފަލަކީ ކޮބައިކަމާއި ދާއިމީ އުފަލަކީ ކޮބައިކަން ދެނެގަތުމަށެވެ. ވީމާ ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢްމަތުގެ ބޭނުން ފުރިހަމަގޮތުގައި ހިފައި ޝައިޠާނާއަށް ކަނުބަނދެލެވޭ މީހަކަށް ނުވާށެވެ!
ތިމާއަކީ އެފަދަ މީހަކު ކަމުގައިވާނަމަ އަވަހަށް ޝައިޠޯނާގެ ކިބައިން ސަލާމަތްވާށެވެ! ސުވަރުގެ ލިބޭތޯ އަވަހަށް މަސައްކަތްކުރަން ފަށާށެވެ!
- ޝައިޚް ނޫމާން ޢަލީ ޚާންގެ ދަރުސަކުން
ޒަވާޖީ ޙަޔާތެއް ފަށައި ދަރިން ލިބުމަށްފަހު މާ ރީތި މީހުން ފެނި ފަހަތުން ދެވޭނަމަ އެމީހާގެ ލޮލަށް އެވަނީ މައްސަލައެއް ޖެހިފަ! ފަރުވާ ޑޮކްޓަރުންނަކަށް ނޭނގޭނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ