ސިޓީތަކުގެ އިންތިހާބީ ދާއިރާތައް ކަނޑައަޅާއިރު އެ ބައެއްގެ ހިޔާލާއި މަޝްވަރާ ހޯދަންޖެހޭ ގޮތަށް އުސޫލު ހަދައިފި

ލޯކަލް ކައުންސިލް އިންތިހާބުތަކުގައި ސިޓީތަކުގެ އިންތިހާބީ ދާއިރާތައް ކަނޑައަޅާއިރު އެ ސިޓީއެއްގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދަންޖެހޭ ގޮތަށް 'ލޯކަލް ކައުންސިލްތަކުގެ އިންތިހާބީ ދާއިރާތަކާއި ގޮނޑިތައް ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު' ހަދައި އިއްޔެ އާންމުކޮށްފި އެވެ.
ވީ ކިހިނެއް؟ - ކައުންސިލް އިންތިހާބު ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ 4 އެޕްރީލްގަ އެވެ. އިންތިހާބަށް ހުޅުވާލާނީ އަންނަ މަހު 17ގަ އެވެ.
މި އިންތިހާބާ ދިމާކޮށް، އަތޮޅު ކައުންސިލްތައް އުވާލައި ކައުންސިލަރުންގެ އަދަދު މަދުކޮށް ކައުންސިލްތައް އެކުލަވާލާފައިވާ ގޮތަށް 'ލާމަރުކަޒީ ނިޒާމުގެ ގާނޫނު' ސަރުކާރުން ވަނީ އިސްލާހުކޮށްފަ އެވެ.
މި އިސްލާހުގެ ދަށުން އިލެކްޝަންސް ކޮމިޝަން (އީސީ)ން އެކުލަވާލައި ކުރިއަށް އޮތް ކައުންސިލް އިންތިހާބުތަކުގައި އިދާރީ ދާއިރާތައް ކަނޑައެޅުމުގައި އެ ކޮމިޝަނުން އަމަލުކުރާނެ ގޮތުގެ މި އުސޫލު އާންމުކުރުމާ އެކު އިއްޔެއިން ފެށިގެން ވަނީ އަމަލުކުރަން ފަށާފަ އެވެ.
ތަފްސީލް - މި އުސޫލުގައި ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބީ ދާއިރާތައް ކަނޑައަޅާނެ ގޮތާއި މެންބަރުންގެ އަދަދު ކަނޑައެޅުމުގައި ބަލަންޖެހޭ ކަންކަން ހިމަނާފައިވެ އެވެ. އަދި އިންތިހާބީ ދާއިރާތަކުގެ ވަގުތީ ރިޕޯޓާއި ފައިނަލް ރިޕޯޓު އެކުލަވާލައި އާންމުކުރާނެ މުއްދަތުތައް ވެސް ހިމަނާފައިވެ އެވެ.
އުސޫލުގައިވާ ގޮތުން، ސިޓީތައް ފިޔަވައި އިދާރީ ދާއިރާއެއްގައި ހިމެނޭ ކޮންމެ ރަށަކީ އިންތިހާބީ ދާއިރާއެކެވެ.
ސިޓީތަކުގެ އިންތިހާބީ ދާއިރާތައް ކަނޑައަޅާއިރު، އެ ސިޓީއެއްގައި ހިމެނޭ މީހުންގެ ހިޔާލާއި މަޝްވަރާ ހޯދަންޖެހޭނެ ކަމަށް އުސޫލުގައިވެ އެވެ. އަދި އެކަން ކުރެވޭނެ ނިޒާމެއް އެ ކޮމިޝަނުން ގާއިމުކުރަންވާނެ ކަމަށް ވެސްވެ އެވެ. 
ސިޓީއެއްގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމުގައި ބަލަންޖެހޭ ހަތް ކަމެއް މި އުސޫލުގައި ހިމަނާފައިވެ އެވެ. އޭގެ ތެރެއިން ފާހަގަކުރެވޭ ކަންކަމަކީ:
ވަކި ރަށަކަށް ނުވަތަ އިދާރީ ވަކި ދާއިރާއަކަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ އިދާރީ ގޮތުން ވަކިވަކި ރަށްތަކެއްގެ ގޮތުގައި ހިނގަމުން އައި ރަށްތަކެއް އެކުވެގެން އެއް ރަށުގެ ގޮތުގައި ކަމުގައިވާ ނަމަ އެ ސިޓީއެއްގެ ކޮންމެ ރަށަކަށް އިންތިހާބީ ދާއިރާއެއް ކަނޑައެޅުން
އާބާދީއަށް ބަލައިގެން ދާއިރާ ކަނޑައެޅުމުގައި އެ ސިޓީއެއްގެ ވަކި ރަށަކަށް ގިނަ ދާއިރާތަކެއް އިތުރުކުރުމަށް ވުރެ އާބާދީއަށް ބެލުމަށް ފަހު އެހެން ރަށްތަކަށް ދާއިރާތައް ކަނޑައެޅުން
އެ ސިޓީއެއްގައި ހިމެނޭ ރަށް ނުވަަތަ އަވަށްތަކުގެ ތެރެއިން ކައިރީގައިވާ ތަންތަނުގެ އާބާދީ އެއް ދާއިރާއަކަށް ނިސްބަތްވާ ގޮތަށް ކަނޑައެޅުން
އެ ސިޓީއެއްގެ މުޖުތަމައުގެ ހަމަޖެހުމާއި އެއްބައިވަންތަކަން ނުގެއްލޭނޭހެން ދާއިރާތައް ކަނޑައެޅުން
އުސޫލުގައިވާ ގޮތުން، ސިޓީތަކުގެ އިންތިހާބީ ދާއިރާ ކަނޑައަޅާނީ މޭޔަރު ނުހިމެނޭ ގޮތަށެވެ. އިންތިހާބީ ދާއިރާތައް ކަނޑައެޅުމުގައި ވަކި ރަށަކަށް ނުވަތަ އިދާރީ ވަކި ދާއިރާއަކަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ އިދާރީ ގޮތުން ވަކިވަކި ރަށްތަކެއްގެ ގޮތުގައި ހިނގަމުން އައި ރަށްތަކެއް އެކުވެގެން، އެއް ރަށުގެ ގޮތުގައިތޯ ބަލަންޖެހެ އެވެ.
އެ ހާލަތުގައި:
އެ ސިޓީގައި ކުރިން ހިމެނުނު ރަށްތަކުގެ އަދަދަށް ވުރެ ދާއިރާ ގިނަވާ ނަމަ، އެ ސިޓީއެއްގެ އިންތިހާބީ ދާއިރާ ކަނޑައަޅަންވާނީ އެތަނަކަށް ސިޓީއެއްގެ ދަރަޖަ ދިނުމުގެ ކުރިން އިދާރީގޮތުން ވަކި ރަށްތަކެއްގެ ގޮތުގައި ހިންގުމަށް ކަނޑައަޅައިފައި އޮތް ކޮންމެ ރަށަކަށް މަދުވެގެން އެއް ދާއިރާ ކަނޑައެޅޭ ގޮތަށް
މަދުވާ ނަމަ ދާއިރާ ކަނޑައަޅާނީ އެ ސިޓީއެއްގައި ރަޖިސްޓަރީކޮށްފައިވާ ޖުމުލަ އާބާދީގެ އަދަދު މޭޔަރު ނުހިމެނޭ ގޮތަށް ޖުމުލަ އަދަދުން ގެއްލުމުން ޖެހޭ އަދަދު އަސްލަކަށް ބަލައިގެން
އެއަށް ވުރެ އިތުރުވާ ނަމަ ދާއިރާތައް ކަނޑައަޅާނީ އެ ސިޓީއެއްގެ ރަޖިސްޓްރީކޮށްފައިވާ ޖުމުލަ އާބާދީގެ އަދަދު، މޭޔަރު ނުހިމެނޭ ގޮތަށް، ޖުމުލަ އަދަދުން ގެއްލުމުން ޖެހޭ އަދަދު ދާއިރާއަކަށްވާ އެވްރެޖް އަދަދު އަސްލަކަށް ބަލައިގެން
މާލޭގެ އިންތިހާބީ ދާއިރާތައް ކަނޑައަޅާނީ އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި ދާއިރާތައް ކަނޑައަޅާފައިވާ ގޮތަށް ބަލައިގެން ކަމަށް ވެސް އުސޫލުގައިވެ އެވެ.
މީގެ އިތުރުން، ކައުންސިލުގެ އިންތިހާބުތަކުގައި އަންހެން މެންބަރުން އިންތިހާބުކުރާނެ ދާއިރާތަކާއި ގޮނޑި ކަނޑައެޅުމުގައި ވަކިވަކި ސިޓީތަކުގައި އަމަލުކުރާނެ ގޮތް ވެސް މި އުސޫލުގައިވެ އެވެ.
އެގޮތުން، އަންހެން މެންބަރުންގެ ގޮނޑި ކަނޑައަޅާނެ ގޮތަކީ:
މާލެ - މާލޭގެ އަވަށްތަކުގެ ތެރެއިން އިންތިހާބީ 1 ދާއިރާއަށް ވުރެ އިތުރުވާ ކޮންމެ އަވަށަކުން 1 ގޮނޑި؛ ބާކީ ހުރި ދާއިރާތަކުގެ ތެރެއިން އަލުން 1 ގޮނޑި ނެގުން 
އައްޑޫ - އައްޑޫގެ 10 ދާއިރާ ދެ ބަޔަށް ބެހުމުގެ ގޮތުން، ވެރިކަންކުރާ ހިތަދޫގެ 6 ދާއިރާއިން 2 ގޮނޑި ނެގުން؛ ބާކީ ހަތަރު ދާއިރާގެ ތެރެއިން 2 ގޮނޑި ނެގުން
ގދ. ތިނަދޫ - ތިނަދޫގެ 6 ދާއިރާ ދެ ބަޔަށް ބެހުމަށް ފަހު ކޮންމެ ބަޔަކުން 1 ގޮނޑި ނެގުން
ހދ. ކުޅުދުއްފުށި - ކުޅުދުއްފުށީގެ 6 ދާއިރާ ދެ ބަޔަށް ބެހުމަށް ފަހު ކޮންމެ ބަޔަކުން 1 ގޮނޑި ނެގުން 
ފުވައްމުލައް - ފުވައްމުލަކުގެ 8 ދާއިރާ ތިން ބަޔަށް ބެހުމަށް ފަހު ކޮންމެ ބަޔަކުން 1 ގޮނޑި ނެގުން
ކުރިއަށް އޮތް ކައުންސިލު އިންތިހާބުގައި އެގޮތަށް އަންހެން މެންބަރުން ކަނޑައެޅުމަށް ފަހު، ޖެހިގެން އަންނަ ދައުރުތަކުގައި އެ ސިޓީއެއްގައި ހިމެނޭ ހުރިހާ ދާއިރާއެއް ހަމަހަމަވާނެ އުސޫލަކުން ދައުރު ކުރެވޭނެ ކަމަށް އުސޫލުގައިވެ އެވެ.
އުސޫލުގައިވާ ގޮތުން، އިންތިހާބަށް އިއުލާންކުރުމުގެ ތިން މަހާއި ފަސް މަސްދުވަހުގެ ތެރޭގައި ކޮންމެ ރަށެއްގައި ރަޖިސްޓްރީކޮށްފައިވާ އާބާދީގެ އަދަދުތައް އީސީން ހޯދަން ޖެހޭނެ އެވެ. މި އަދަދުތައް ހޯދަން އީސީން ބޭނުންކުރަންވާނީ އީސީން ކަނޑައަޅާ ވަކި ތާރީހެއް ކަމަށް އުސޫލުގައިވެ އެވެ.
ރަޖިސްޓަރީކޮށްފައިވާ އާބާދީ އަދަދުކުރާނީ އެ ތަނެއްގެ ދަފުތަރުގައި ޖައްސައިފައިވާ މީހުން ހިމަނައިގެންނެވެ.
ދާއިރާތައް ކަނޑައެޅުމާ ބެހޭ ވަގުތީ ރިޕޯޓު އިންތިހާބަށް އިއުލާންކުރުމުގެ އެއް މަސް ކުރިން ތައްޔާރުކޮށް އާންމުކުރަން އުސޫލުގައިވެ އެވެ. އަދި އޭގެ ފައިނަލް ރިޕޯޓު މަދުވެގެން 10 ދުވަހުގެ ކުރިން އާންމުކުރަންވާނެ ކަމަށް ވެސްވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ