ބްލެކްސް ބޮކްސް "ނިވުމުން" ދެން ހަދާނީ ކިހިނެއް؟

ބޮޑު ބިޔަ މަތިންދާބޯޓެއް ވީނުވީއެއް ނޭނގި ގެއްލުނީ ކިހިނެއް ހެއްޔެވެ؟ ޓެކްނޮލޮޖީގެ ވަސީލަތްތައް ކުރިއަރާފައިވާ ޒަމާނެއްގައި، ބޯޓު ގެއްލުނުތާ މަހެއްވީ އިރު ވެސް އެ ބޯޓު ހޯދިފައި ނުވަނީ ކީއްވެ ހެއްޔެވެ؟ ހުރިހާ ސުވާލެއްގެ ކުރިން، ބޯޓަށް ވީ ކިހިނެއް ހެއްޔެވެ؟ ބޯޓު ކުއްލިއަކަށް އަނބުރާލުމުގެ ފަހަތުގައިވާ ސަބަބަކީ ކޮބައި ހެއްޔެވެ؟ އެއީ ޕައިލެޓުން ގަސްދުގައި ކުރި ކަމެއް ހެއްޔެވެ؟ މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް 370 ގެއްލުނުތާ މިއަދަށް މަހެއް ވެފައިވާ އިރު، މިއީ އަދިވެސް ޖަވާބު ނުލިބޭ ސުވާލުތަކެވެ. މި ސުވާލުތަކުގެ ޖަވާބު ލިބޭނީ ބޯޓުގެ ކޮކްޕިޓް ވޮއިސް ރެކޯޑަރު އަދި ފްލައިޓް ޑޭޓާ ރެކޯޑަރު ނުވަތަ ބްލެކް ބޮކްސް ފެނި، އޭގައިވާ އެއްޗެއް ބަލައި ދިރާސާކޮށްގެން ކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ. އެހެން ނަމަވެސް، ބްލެކް ބޮކްސް އިން ސިގްނަލް ފޮނުވުމަށް ބޭނުންކުރާ "ޕިންގަ"ގެ ބެޓެރީގެ ބާރު ހުންނަނީ 30 ދުވަހަށެވެ. މި އަދަށް އެ މުއްދަތު ހަމަވީ އެވެ. އެމްއެޗް 370ގެ ފަސިންޖަރުންގެ އާއިލާތަކުން އިއްޔެ ހިތާމަފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ ބްލެކްސް ބޮކްސްއަކީ ކޯޗެއް؟ މަތިންދާބޯޓެއްގެ ދަތުރާއި އެ ބޯޓުގެ ކޮކްޕިޓުގެ ތެރޭގައި ކުރެވޭ މުއާމަލާތްތަކާ ގުޅޭ ހުރިހާ މައުލޫމާތެއް ރައްކާކުރެވިފައި ހުންނަ އެއްޗަކީ އެ ބޯޓެއްގައި ބަހައްޓާފައި ހުންނަ ބްލެކް ބޮކްސް އެވެ. މިއީ ވައިގެ އެކްސިޑެންޓްތަކުގެ ތަހުގީގަށް އެންމެ މުހިންމު އެއްޗެވެ. ތަހުގީގުތަކުގައި ކޮންމެ 10 ފަހަރަކުން ނުވަ ފަހަރު ހައްލު ހޯދައިދެނީ ބްލެކް ބޮކްސް ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. އާއްމު ގޮތެއްގައި ބްލެކް ބޮކްސް ހަދާފައި ހުންނަނީ ފްލޮރިޒެންޓް އޮރެންޖް ކުލައިގައި، ހުދު ކުލައިގެ ފަށްތަކެއް އަޅާފައި ފޮއްޓެއްގެ ސިފަ އަށެވެ. މި މުހިންމު އާލާތުގެ ބަރުދަނުގައި ގާތްގަނޑަކަށް 7-10 ކިލޯގްރާމް ހުންނަ އިރު، 6،000 މީޓަރު (ގާތްގަނޑަކަށް 20،000 ފޫޓް) އަޑީގައި އޮންނައިރު ވެސް އެ އަށް ފެނުގެ އަސަރު ނުކުރެ އެވެ. އަދި ގަދަ ހޫނުގައި ވެސް ގޮތެއް ނުވެ އެވެ. އެގޮތުން، އެއް ގަޑިއިރު ވަންދެން 1،100 ސެންޓިގްރޭޑްގެ ހޫނުގައި ބޭއްވިޔަސް އެ އަށް ގޮތެއް ނުވާނެ އެވެ. ކޮމޮރޯސް އައިލެންޑްސް ކައިރި އަށް 2009 ވަނަ އަހަރު ވެއްޓުނު ޔަމަން އެއާގެ މަތިންދާބޯޓުގެ ބްލެކް ބޮކްސް.-- ފައިލް ފޮޓޯ: އޭއެފްޕީ ބޯޓު ވެއްޓުމުގެ ހާދިސާތަކުގައި، ކަނޑު އަޑީގައި ބްލެކް ބޮކްސް އޮންނަ އިރު، އެ އޮންނަ ތަން އަންގައިދިނުމަށް އަމިއްލަ ޒާތުގައި އިލެކްޓްރޯނިކް ސިގްނަލެއް ފޮނުވާނެ "ޕިންގަ"އެއް ކޮންމެ ބްލެކް ބޮކްސްއަކު ވެސް ހަރުކޮށްފައި ހުރެ އެވެ. އެ ޕިންގަގެ ބެޓެރީގެ ބާރު ހުންނަނީ 30 ދުވަސް ވަންދެންނެވެ. އެއް މަސްދުވަސް ވުމުން، އެ ސިގްނަލްގެ ބާރު ދަށްވަމުން ގޮސް، އެއްކޮށް ކެނޑެ އެވެ. އެހެންކަމުން، ބޯޓެއް ގެއްލިގެން އުޅޭއިރު އެންމެ އިސްކަންދޭ އެއް ކަމަކީ އަވަހަށް ބްލެކް ބޮކްސް ހޯދުމަށެވެ. އެމްއެޗް 370ގެ ބްލެކް ބޮކްސް ހޯދުން ބޯޓުގެ ބްލެކް ބޮކްސްގެ ޕިންގަގެ ބެޓެރި ހުސްވެ، ބޯޓަށް ވީ ގޮތް ހޯދޭނެ ކަމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެފައިވާއިރު، ބްލެކް ބޮކްސް ހޯދުމުގެ ހާއްސަ އޮޕަރޭޝަނެއް ވެސް ވަނީ މިހާރު ފަށާފަ އެވެ. މި މަސައްކަތުގައި ހަރަކާތެރިވަނީ އިނގިރޭސިވިލާތުގެ ކަނޑުގެ ސިފައިންގެ މަނަވަރެއް ކަމަށްވާ އެޗްއެމްއެސް އެކޯ އާއި އޮސްޓްރޭލިއާގެ މަނަވަރެއް ކަމަށްވާ އޯޝަން ޝީލްޑް އެވެ. ކަނޑުއަޑި ބެލުމުގެ ގާބިލްކަން އިނގިރޭސި މަނަވަރަށް ލިިބިފައިވާއިރު، އޮސްޓްރޭލިއާގެ އުޅަނދުގައި ބޭނުންކުރަމުން ދަނީ އެމެރިކާ އިން ފޯރުކޮށްދީފައިވާ އާލާތެކެވެ. އެމްއެޗް 370ގެ ބްލެކް ބޮކްސް ހޯދުމުގެ މަސައްކަތުގައި ބޭނުންކުރާ އެމެރިކާގެ ޓޯވްޑް ޕިންގަ ލޮކޭޓަރު.-- ފޮޓޯ: އޭއެފްޕީ ޕިންގަގެ ބެޓެރި ހުސްވުމުގެ ކުރިން ބްލެކް ބޮކްސް ފެނިދާނެ ކަމުގެ އުއްމީދު އާވެގެން ދިޔައީ ފްލައިޓް އެމްއެޗް 370ގެ ނިޝާނެއް ފެނޭތޯ ހޯދަމުންދާ ސަރަހައްދުން ޗައިނާގެ ބޯޓަކަށް ޕަލްސް ސިގްނަލެއް ލިބުމާ އެކު އެވެ. އަދި އިތުރަށް އުއްމީދު އާވެގެން ދިޔައީ އެ ސިގްނަލްގެ ފްރިކުއެންސީއަކީ 37.5 ކިލޯހާޓްޒް ކަމަށް ބުނުމުންނެވެ. އެ ސިގްނަލަކީ މަތިންދާބޯޓެއްގެ ބްލެކް ބޮކްސް އިން ވެސް ފޮނުވާ ފަދަ އަންޑަވޯޓާ އެކޫސްޓިކް ބީކަންސް ކަމަށް އޮސްޓްރޭލިއާ އިން ވެސް ވަނީ ބުނެފަ އެވެ. ބްލެކް ބޮކްސް އިން ލިބޭ ފަދަ ސިގްނަލްތަކެއް ލިބުން ފްލައިޓް އެމްއެޗް 370 ގެ ނިޝާނެއް ވޭތޯ ހޯދާ ތަނުން ބްލެކް ބޮކްސް އިން ފޮނުވާ ފަދަ އާ ދެ ސިގްނަލެއް އޮސްޓްރޭލިއާގެ ބޯޓްތަކަށް އިއްޔެ ވެސް ލިބިފައިވެ އެވެ. އެއް ސިގްނަލް ދެ ގަޑި އިރާއި 20 މިނެޓަށް ލިބުނުއިރު، އަނެއް ސިގްނަލް 13 މިނެޓަށް ދެމިގެން ދިޔަ އެވެ. ބްލެކް ބޮކްސްގެ ޕިންގާގެ ބެޓެރި ހުސްވެފައިވީ ނަމަވެސް އޯޝަން ޝީލްޑް މަނަވަރުން މަސައްކަތްކުރަމުން ދަނީ ސީދާ އެ ސިގްނަލް ލިބުނު ތަން ދެނެގަތުމަށް، އަލުން އެ ސިގްނަލް ލިބޭތޯ އެވެ. އެހެން ނަމަވެސް، އެކަން އަދި ކާމިޔާބެއް ނުވެ އެވެ. އެމްއެޗް 370ގެ ބްލެކް ބޮކްސް ހޯދުމުގެ މަސައްކަތް ކުރަމުުންދާ ގޮތް ދައްކައިދޭ ގްރެފިކްސްއެއް. ދެން ހަދާނީ ކިހިނެއް؟ ފްލައިޓް އެމްއެޗް 370 ގެއްލުމަކީ ވައިގެދަތުރުފަތުރުގެ ތާރީހުގައި ވެސް ހިނގި އެންމެ ހައިރާންކުރުވަނިވި އެއް ހާދިސާ އެވެ. މި ހާދިސާއާ އެންމެ އެއްގޮތަށް ހިނގާފައިވާ ހާދިސާއަކީ އެއާ ފްރާންސްގެ ފްލައިޓް 447، 2009 ވަނަ އަހަރު އެޓްލާންޓިކް ކަނޑަށް ވެއްޓުމުގެ ހާދިސާ އެވެ. އެހެން ނަމަވެސް، އެ ހާދިސާގައި ހަފުތާއެއް ނުވަނީސް ބޯޓުގެ ބައިތަކާއި މަރުވެފައިވާ ފަސިންޖަރުންގެ ހަށިގަނޑުތައް ފެންނަން ފެށި އެވެ. ހަމައެކަނި ނުފެންނަ އެއްޗަކަށް އޮތީ އެ ބޯޓުގެ ބްލެކް ބޮކްސް އެވެ. އެއާ ފްރާންސްގެ ފްލައިޓް 447ގެ ބްލެކް ބޮކްސް ހޯދުމަށް އެޓްލާންޓިކް ކަނޑުގައި ތަޖުރިބާކާރުން އަތްފުނާ އެޅި އެވެ. ބޯޓުގެ ބައިތައް ފެނުނު ސަރަހައްދުގައި ޕިންގަ ލޮކޭޓާތައް ވެސް ބޭނުންކުރި އެވެ. އެހެން ނަމަވެސް، ބްލެކް ބޮކްސްގެ ހިލަމެއްވީ ވެސް ދެ އަހަރު ފަހުން، އޮޓޮނޯމަސް އަންޑަވޯޓާ ވެހިކަލް (ޔޫއޭވީ)އެއް ބޭނުންކޮށްގެން ކަނޑުއަޑި ބެލި ބެލުމުންނެވެ. އެމްއެޗް 370ގެ ބްލެކް ބޮކްސް ހޯދުމަށް ވެސް ދެން އޮތީ އެފަދަ ޔޫއޭވީއެއް ބޭނުންކުރުން ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ. އެޓްލާންޓިކް ކަނޑަށް 2009 ވަނަ އަހަރު ވެއްޓުނު އެއާ ފްރާންސްގެ ފްލައިޓް 447ގެ ބައެއް ކަނޑުމަތިން ނަގަނީ.-- ފައިލް ފޮޓޯ: އޭއެފްޕީ ޔޫއޭވީ އަކީ މީހެއްގެ އެހީއާ ނުލާ ކަނޑުއަޑީގައި ދުވާ ރޮބޮޓިކް އުޅަނދެކެވެ. އެމްއެޗް 370ގެ ބްލެކް ބޮކްސް ހޯދުމަށް ކުރަމުންދާ މަސައްކަތަށް ފީނިކްސް އިންޓަނޭޝަލްގެ "ބްލޫފިން-21"ގެ ނަމުން ނަންދީފައިވާ ޔޫއޭވީ ވަނީ ފޮނުވާފަ އެވެ. އެހެން ނަމަވެސް، 14،000 ފޫޓު އަޑި ބެލުމުގެ ގާބިލްކަން ލިބިފައިވާ މި އުޅަނދު އަދި ބޭނުންކުރަން ނުފަށަ އެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެ އުޅަނދު ބޭނުންކުރަން ފަށާނީ ކުރިން ލިބުނު ސިގްނަލް އައި ސީދާ ޕޮއިންޓް ކަށަވަރު ވުމުންނެވެ. މެލޭޝިއާ އެއާލައިންސްގެ ބޯޓު ގެއްލުމުގެ ހާދިސާއަކީ ޓެކްނޮލޮޖީގެ ރޮނގުން ދުނިޔެ ހޯދާފައިވާ ކުރިއެރުންތަކަށް ގޮންޖަހާލި ހާދިސާއެކެވެ. ވައިގެ ދަތުރުފަތުރުގެ މުޅި ނިޒާމު މިހާރަށް ވުރެ ވެސް ޒަމާނީ ކުރަން ޖެހިފައިވާ ކަން އަންގައިދިން ހާދިސާއެކެވެ. އެހެން ނަމަވެސް، އެމްއެޗް 370 ގެއްލުމާ ގުޅިފައިވާ ހުރިހާ ސުވާލަކަށް ހެން އަދިވެސް ޖަވާބެއް ނުލިބެ އެވެ. ބޯޓުގައި ތިބި ފަސިންޖަރުންގެ އާއިލާތަކާއި އާއްމުންގެ އިންތިޒާރަކީ ބްލެކް ބޮކްސް ވީހާ ވެސް އަވަހަކަށް ފެނުމެވެ. ބޯޓު ގެއްލުނީ ކީއްވެ ކަން އެނގޭނީ އޭރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ