އަމާން ދިނުމަށް ލުތުފީ އެމްބަސީއަށް ދިޔައީ ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އެއް ދުވަސް ކުރިން: ނަޝީދު

އަމާން ދިނުމަށްޓަކައި ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ހ. ހާޖަރާގޭ، އަބްދުﷲ ލުތުފީ ދިޔައީ ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އެއް ދުވަސް ކުރިން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ފާހަގަކުރައްވާފައިވާ ގޮތުގައި ބޭސްފަރުވާއަށް ކަމަށް ބުނެ، ފިލައިގެން އުޅޭ ލުތުފީ، އެމްބަސީއަށް ދިޔައީ މިއަހަރުގެ އޭޕްރީލް 21ގައި ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އެއް ދުވަސް ކުރިންނެވެ.
ރައީސް ނަޝީދު އެހެން ވިދާޅުވި ނަމަވެސް، ދިވެހި ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ލުތުފީ، ލަންކާ އެމްބަސީގައި ދިރިއުޅުމުން އަންނަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަބްދުﷲ ލުތުފީ އަމިއްލަފުޅަށް ވަޑައިގެން ސަރަންޑާ ކުރެއްވީ ދިވެހިރާއްޖޭގެ ހައި ކޮމިޝަނަށް. އެއީ ކޮންމެ ދިވެއްސަކަށް ވެސް ކުރެވޭނެ ކަމެއް. އޭގެ އަނެއް ދުވަހު ސިލޯނުގައި ނުވަ ތަނުގައި ބޮން ގޮއްވީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ބޮމުގެ ހަމަލާއަށްފަހު ލަންކާގެ ސަރުކާރާ މުއާމަލާތް ކުރުމަށް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހުނު ކަމަށާއި ނަމަވެސް ދިވެހި ސަރުކާރާއި ލަންކާ ސަރުކާރާ އޮތް ގުޅުން ރަނގަޅު ކަމަށެވެ.
"ދިވެހި ސަރުކާރުން ސިލޯން ސަރުކާރާ ވާހަކަ ދައްކައިގެން، އަދި އދ. އާ ވެސް ވާހަކަދައްކައިގެން އިރާދަކުރެއްވިއްޔާ ވީހާވެސް އަވަހަކަށް ހާޖަރާގޭ އަބްދުﷲ ލުތުފީ މާލެ ގެނެވޭނެ. މިކަމަކީ ރާއްޖޭގެ ރައްޔިތުން ވަރަށް ކަންބޮޑުވާ ކަމެއް. އަބްދުﷲ ލުތުފީ ގުޅިފައި ހުރީ ދިވެހިންގެ ހިތްތަކުގައި ވަރަށް، ވަރަށް، ވަރަށް ހިތާމަވެރި އެތައް، އެތައް ހާދިސާއެއް ހިނގައިދިޔަ ކަންކަމަށް. ކިތަންމެ ބައެއްގެ މަރާއި އެތައް ބައެއްގެ ދައްޗާއި ކިތަންމެ ބައެއްގެ ބިރުވެރިކަމާއި އެތައް ތަކުލީފަކާ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އަބްދުﷲ ލުތުފީ އަނބުރާ މާލެ ގެނައުމަކީ ހުރިހާ ސަރުކާރަކުން ވެސް ހާއްސަ އިސްކަމެއް ދީގެން ކުރާނެ ކަމެއް ކަމަށެވެ.
ތިނެއް ނޮވެމްބަރު 1988 ގައި ލަންކާގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޕްލޮޓް ޖަމާއަތާ ގުޅިގެން ރާއްޖެއަށް އުދުވާނީ ހަމަލާދީ އެތައް ދިވެހިންނެއް ޝަހީދު ކޮށްލި ހާދިސާގެ ފަހަތުގައި ހުރި، ހ. ހާޖަރާގޭ، އަބްދުﷲ ލުތުފީ ފިލައިގެން އުޅެން ފެށިފަހުން، 2012 އާއި 2016 އާ ދެމެދު އޭނާ އުޅުނު ތަންތަން އެކި ފަހަރުމަތީން އެނގި، ފުލުހުންގެ އިސްވެރީންނާ ހިއްސާކޮށްފައިވީ ނަމަވެސް ލުތުފީ ރާއްޖެ ގެންނާން މަސައްކަތް ކޮށްފައި ނުވާތީ މިހާރު ފުލުހުން ވަނީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފައެވެ.
ފުލުހުން އަންނަނީ ލުތުފީ އަނބުރާ ރާއްޖެ ގެނައުމަށް ލަންކާގެ ސަރުކާރުން ހޯދަންޖެހޭ ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ