ތަޢުލީމީ ދާއިރާއަށް ބަދަލުތައް މި ގެންނަނީ، އިންތިޚާބީ ވަޢުދުތަކެއް ފުއްދާކަށްނޫން - ރައީސް

ތަޢުލީމީ ދާއިރާއަށް ބަދަލުތައް ސަރުކާރުން މި ގެންނަނީ، ހަމައެކަނި އިންތިޚާބީ ވަޢުދުތަކެއް ފުއްދާކަށްނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
2018ވަނަ އަހަރު ޖީސީއީ އޭ-ލެވެލް އިމްތިޙާނުގައި ބައިވެރިވި ދަރިވަރުންގެ ކާމިޔާބީ ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕާއި، ހައި އެޗީވަރސް ސޮކްލަރޝިޕް ލިބުނުކަމުގެ ލިޔުން ޙަވާލުކޮށްދެއްވުމަށް ސްޓެލްކޯ އޮޑިޓޯރިއަމްގައި މިއަދު ހަވީރު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އެމަނިކުފާނުގެ އަމާޒަކީ ރާއްޖެ ތަރައްޤީ ކުރުން ކަމަށާއި، އެމަނިކުފާނު ގަބޫލުކުރާގޮތުގައި ޤައުމު ތަރައްޤީ ވާނީ، ޤައުމުގެ ވަކިވަކި ފަރުދުންނަށް ލިބޭ ކުރިއެރުންތަކުން ކަމަށެވެ. އަދި ކުރިއެރުމާއި ތަރައްޤީ ޙާޞިލުކުރެވޭ ވަރަށް، ކޮންމެ ފަރުދެއްގެ ޢިލްމީ ޤާބިލުކަން އިތުރުކުރެވުނު މިންވަރަކުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ތަޢުލީމީ ދާއިރާއަށް ހެޔަޮ ބަދަލުތައް ސަރުކާރުން މި ގެންނަނީ، ހަމައެކަނި އިންތިޚާބީ ވަޢުދުތަކެއް ފުއްދާކަށްނޫންކަމަށެވެ. އަދި ޤައުމީ ތަރައްޤީގައި ގެންގުޅޭ އެންމެ އިސް ސިޔާސަތަކީ، މީހުން ބިނާކުރުން ކަމަށެވެ.
"ރައްޔިތުން އެދޭފަދަ ކުރިއެރުން ޙާޞިލުކުރުމަށްޓަކައި ފުރަތަމަ ކުރަންޖެހޭ ކަމަކީ، ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ޤާބިލު ޖީލެއް ބިނާކުރުން. މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތު އަމާޒު ކުރެވިފައިވަނީ މި ދެންނެވި މިޞްރާބަށް". ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ، މީގެކުރިން ރައީސްގެ އެވޯޑް ލިބޭ ދަރިވަރުން ކިޔަވަންޖެހެނީ، ސަރުކާރުން ކަނޑައަޅާފައި ހުންނަ ދާއިރާތަކުގެ ތެރެއިން ކޮންމެވެސް ދާއިރާއަކުން ކަމަށެވެ. ނަމަވެސް މިހާރު އެ އުޞޫލު ބަދަލުކޮށްފައިވާކަމަށާއި، މި އަހަރުން ފެށިގެން ރައީސްގެ އެވޯޑް ލިބޭ ދަރިވަރުންނަށް، އެކުދިން ބޭނުން ދާއިރާއަކުން، ބޭނުން ޤައުމެއްގައި ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ރައީށް ވިދާޅުވިއެވެ.
"ދެން ސަރުކާރުން ބަދަލުގެނައީ، ހައި އެޗީވަރސް ސްކޮލަރޝިޕްގެ އުޞޫލުތަކަށް. މީގެކުރިން ހައި އެޗީވަރސް ސްކޮލަރޝިޕް ދެމުން އައީ ވަކި ދާއިރާތަކަކުން އަދި ވަރަށްމަދު ޤައުމުތަކަކުން. ނަމަވެސް ސަރުކާރުން މިހާރު ހަމަޖައްސާފައި ވާނީ އޯ.އީ.ސީ.ޑީ ޤައުމުތަކުންވެސް އެ ދަރިވަރުންނަށް ކިޔެވޭގޮތަށް. ސަރުކާރުން މި ގެނައި ބަދަލާ ގުޅިގެން، ހައި އެޗީވަރސް ސްކޮލަރޝިޕް ޙާޞިލުކުރާ ދަރިވަރުންނަށް، އިތުރު 36 ޤައުމަކުން ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެ. އޭގެ ތެރޭގައިވެސް ގިނައީ، ޔޫރަޕްގެ ޤައުމުތަކާއި، އެމެރިކާ އާއި، އޭޝިޔާގެ ކުރިއަރާފައިވާ އެހެން ބައެއް ޤައުމުތައް". ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ބަދަލަކީވެސް އޒުވާން ޖީލު ބިނާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
އިތުރަށް ރައީސް ވިދާޅުވީ، މަތީ ތަޢުލީމުގެ މަރުޙަލާއާ ކުރިމަތިލާ ކޮންމެ ދަރިވަރަކަށް، މީގެ ކުރިން ނެތް އެތައް ފުރުޞަތެއް، މި ސަރުކާރުން ތަނަވަސްކޮށްދީފައިވާކަމަށެވެ.
"އޭގެތެރެއިން އެއްކަމަކީ، ރާއްޖޭގައި ތިބެގެން، ހިލޭ ފުރަތަމަ ޑިގްރީ ޙާޞިލު ކުރެވޭނެގޮތް ހަމަޖެހުން. އަނެއްކަމަކީ ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް، ތިން އިންސައްތައަށް ކުޑަކޮށް، ލޯނު ދައްކަންޖެހޭ މުއްދަތު 25 އިންސައްތައަށް އިތުރުކުރުން". ރައީސް ވިދާޅުވިއެވެ.
ސަރުކާރުން މި ދޭ ސްކޮލަރޝިޕްގެ ޙަޤީޤީ މަޤްޞަދު ޙާޞިލުވެގެންދާނީ، ތިޔަ ކުދިންނަކީ ޤާބިލް، ހުނަރުވެރި އަދި ޤައުމު އާރާސްތު ކުރުމުގައި މުހިންމު ރޯލެއް ކުޅެވޭނެ ބަޔަކަށް ވެގެންކަމަށް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ