ނިއުޕޯޓް ބަލިކޮށް މެންޗެސްޓާ ސިޓީ ކުއާޓާ އަށް

ލަންޑަން (ފެބްރުއަރީ 17) - އިނގިރޭސި ހަތަރު ވަނަ ޑިވިޝަނުގެ ނިއުޕޯޓް ކައުންޓީގެ މައްޗަށް 4-1 އިން ކުރިހޯދައި މެންޗެސްޓާ ސިޓީން އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
ނިއުޕޯޓް ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ސިޓީ އަށް ނިއުޕޯޓްގެ ޑިފެންސްލައިނުގެ ތެރެއިން އެހާ ރަނގަޅު ފުރުސަތުތަކެއް ލިބޭގޮތެއްނުވި އެވެ. ސިޓީ ހާސްކޮށްލައި ފުރަތަމަ ހާފުގައި ލީޑުނަގަން ނިއުޕޯޓަށް ލިބުނު ފުރުސަތުން އެ ޓީމުގެ ޓައިރީކް ބެކިންސަން ބޮލުން ފޮނުވާލި ބޯޅަ ސިޓީގެ ކީޕަރު އެޑަސަން ވަނީ މަތަކޮށްފަ އެވެ.
ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަ މިނިޓް ތެރޭ ސިޓީ އަށް ލީޑުނަަގައިދިނީ ޖަރުމަނުގެ ވިންގް ލެރޯއީ ސާނޭ އެވެ. މެޗުގެ 75 ވަނަ މިނިޓްގައި އިންގްލެންޑްގެ ޒުވާން ކުޅުންތެރިޔާ ފިލް ފޯޑެންގެ ގޯލުން ސިޓީން ލީޑުފުޅާކުރި އެވެ.
މެޗުގެ 88 ވަނަ މިނިޓްގައި ސިޓީގެ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި ނިއުޕޯޓްގެ ޕަޑްރައިގް އޭމަންޑް ވަނީ ލަނޑެއް ޖަހައިފަ އެވެ. އެކަމަކު އެ ލަނޑު ޖެހިތާ މިނިޓެއް ފަހުން ފޯޑެއް ވަނީ އިތުރު ލަނޑެއް ޖަހައި ސިޓީ އަށް އަލުން ދެ ލަނޑުގެ ލީޑެއް ނަގައިދީފަ އެވެ. މެޗުގެ އިތުރު ވަގުތުގައި ސިޓީގެ ހަތަރު ވަނަ ލަނޑު ޖެހީ ފަހަކަށް އައިސް ޓީމުން ފުރުސަތު ނުލިބިހުރި އަލްޖީރިއާގެ ވިންގް ރިޔާދު މާރޭޒް އެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ހުރިހާ މުބާރާތެއް ކާމިޔާބުކުރުމަށް ވަކި އަމާޒެއްނެތް ކަމަށެވެ.
"އަހަރެމެން މުޅި ސީޒަނާ މެދު ބަހެއް ބުނާނީ މޭ ނޫނީ ޖޫން މަހު. މި ވަގުތަށް މުހިއްމީ ކުރިއަށް އޮތް މެޗު. ހުރިހާ މުބާރާތެއްގައި ވެސް ވާދަކުރުން. މި ވަގުތަށް ދެން އެންމެ މުހިއްމު ކަމަކީ ކުރިއަށް އޮތް ޝާލްކާ މެޗު (ޗެމްޕިއަންްސް ލީގުގެ ދެ ވަނަ ބުރުގައި ކުޅޭ މެޗު)،" ކުރިން ބާސެލޯނާއާ އެކު ސީޒަނުގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރި ގާޑިއޯލާ ބުންޏެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުން ދެން ފުރުސަތު ހޯދާފައިވަނީ ރޭ ވިމްބަލްޑަން އަތުން 1-0 އިން މޮޅުވި މިލްވޯލް އާއި ފްރޭންކް ލަމްޕާޑްގެ ކޯޗުކަމުގައި ކުޅޭ ޑާބީ ކައުންޓީ އަތުން 2-1 އިން ކުރިހޯދި ބްރައިޓަން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ