ޤައުމީ މަސްލަޙަތު ހިމާޔަތްކުރެވޭނީ ރައްޔިތުންނަށް އިތުބާރުކުރެވޭ އިޚުލާސްތެރި މިނިވަން ބަޔަކު މަޖިލީހަށް ވަދެގެން - މަތީން

ދަައުލަތް ހިންގުމުގައި ރައްޔިތުންގެ މެދުގައިހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދޭނީ ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި ރައްޔިތުންނަށް އިތުބާރުކުރެވޭ އިޚްލާސްތެރިބަޔަކު އިންތިޚާބުކޮށްގެންކަމަށާއި އެފަދަ ކެންޑިޑޭޓުން ގިނައިން ފެންނަނީ ވަކިޕާޓީއަކާއި ނުގުޅި ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ކަމުގައި އުނގޫފާރު ދާއިރާއަށް ކުރިމަތިލައްވާ ކެންޑިޑޭޓް ޢަބްދުލްމަތީން ވިދާޅުވެއްޖެއެވެ.
މަޖިލިސް އިންތިޚާބުގެ މަސައްކަތްކުރިޔަށްދާގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މަތީން ވިދާޅުވީ ސަރުކާރުކޯލިޝަންއަށް މަޖިލީހުގެ މެޖޯރިޓީލިބުމަކީ ދައުލަތުގެ ބާރުތައް މަސްހުނިވެ އެއްބައެއްގެ މުށުތެރެއަށް ހުރިހާ ބާރުތަކެއްގޮސް ޚުދުމުޚުތާރު ވެރިކަމަކަށް މަގުފަހިވެގެންދާނެކަމަކަށް ވާއިރު ސަރުކާރު ކޯލިޝަނުން މަޖިލިސް މެޖޯރިޓީހޯދަން ކުރާ މަސައްކަތުން ހާމަވެގެންދަނީ ހެޔޮވެރިކަމެއް ޤާއިމްކުރުމުގެ ވިސްނުން އެފާރާތްތަކުގައި ނެތްކަމެވެ.
މަޖިލިސް މެމްބަރުންނަށް ޤާނޫނުއަސާސީން މަތިކޮށްފައިވާ އެންމެ މުހިންމު އެއް މަސްއޫލިއްޔަތަކީ ސަރުކާރު ޖަވާބުދާރީކުރުންކަމަށްވާއިރު ސަރުކާރު ކޯލިޝަންއަށް މަޖިލީހުގެ މެޖޯރިޓީދިނުމުން މި ޒިންމާ އުފުލުމަށް ހުރަސްއެޅިގެންދާނެކަމަށް މަތީން ފާހަގަކުރެއްވިއެވެ. މިގޮތުން މަޖިލިސް ވާންޖެހޭނީ ސަރުކާރުން "ޖަހާހާބެރަކަށް ނަށަން" ތިބޭ ބަޔަކަށްނުވެ ޤާނޫނު އަސާސީގެ 75 ވަނަ މާއްދާގައި ބަޔާންކުރާގޮތުގެ މަތިން ރައްޔިތުންގެ މަސްލަހަތާއި ޤައުމީ މަސައްލަޙަތު އިސްކޮށްގެން މަސައްކަތްކުރާ ތަނަކަށެވެ. އެފަދަގޮތަކަށް އެންމެ ރަގަޅަށް މަސައްކަތްކުރެވޭނީ މިނިވަންކެންޑިޑޭޓުންނަށް ކަމުގައި މަތީން ދެކިވަޑައިގަންނަވައެވެ.
މީގެ އިތުރުން މިފަދަ އިންތިޚާބަކުން ޝަރުޢީދާއިރާ އިތުރަށްހަރުދަނާވެ ޢަދުލުއިންސާފުގެ ދާއިރާއަށް ރައްޔިތުންގެމެދުގައި އޮންނަ އިތުބާރު ވަރުގަދަވުމަށް މަގުފަހިވުމަކީ މުހިންމު ކަމެއްކަމުއިވިޔަސް ބައެއް ފަރާތްތަކުން އިންތިޚާބު ކާމިޔާބުކުރުމަށް ކުރާ މަސައްކަތްގުޅިފައިވަނީ ޝަރުޢީދާއިރާއަށް ނުފޫޒުފޯރުވުމަށް މަގުފަހިކުރުމާކަމަށް ދޭހަވާގޮތަށް ބައެއްޕާޓީތަކުގެ ކެންޑިޑޭޓުން ޢާންމުންގެތެރޭގައިދަނީ ކެމްޕެއިންކުރަމުންނެވެ. ކޮންމެ މީހަކަށްވެސް އިންޞާފުލިބެންޖެހޭކަމަށާއި އެ އިންސާފު ލިބެންޖެހެނީ ޢަދުލު އިންސާފުގެ ނިޒާމުގެ ތެރެއިން ކަމަށްވާއިރު ސިޔާސީ ބައެއްގެ ނުފޫޒު ޝަރުޢީ ދާއިރާއަށް ފޯރާފާނެފަދަގޮތަކަށް މަގުފަހިކުރުމަކީ އިންތިޚާބަކުން ރައްޔިތުން ކުރަން ހެޔޮވާނެ ކަމެއް ނޫންކަމަށް މަތީން ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުންވެސް އިންތިޚާބަށް ބޯމަތިވެފައިވާއިރު އިންތިޚާބީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތުގެއްލޭގޮތަށް، އެއްވެސް ޝަރުޢީ ޙުކުމެއްނެތި އިދިކޮޅުސިޔާސީ ލީޑަރު ބަންދުގައި ބެހެއްޓުމާއި، އިދިކޮޅު ސިޔާސީ ޕާޓީއަށް ދައުލަތުންދޭންޖެހޭ ފައިސާ ދީފައިނުވުމާއި، އިދިކޮޅު ސިޔާސީ ހަރަކާތްތަކަށް ފިއްތުންތަކެއް ކުރިމަތިކުރުވާފައިވުމަކީ އިންތިޚާބުގު އިންސާފުވެރިކަމާއިމެދު ސުވާލުއުފެއްދުމުގެ ޖާގަ ހުޅުވިގެންދާ ކަންތައްތަކެއްކަމުގައި މަތީން ވިދާޅުވިއެވެ.
މިކަންކަމަށްބަލާއިރު ރައްޔިތުންގެ މަޖިލީސް އިސްލާހުކުރުމަށް ރައްޔިތުންކުރާ އުންމީދުތައް ފުރިހަމަވާނީ ވަކި ޕާޓީއަކަށްބެލުމެއްނެތި، ރައްޔިތުންނަށް އިތުބާރުކުރެވޭ އިޚްލާސްތެރި، ޤާބިލު ބަޔަކު މަޖިލީހަށް އިންތިޚާބުކުރުމަށް އިސްކަންދިނުމުންކަމުގައި މަތީން ވިދާޅުވިއެވެ. މަތީން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އުނގޫފާރުދާއިރާއަށް ވާދަކުރައްވަނީ މިނިވަން ކެނޑިޑޭޓެއްގެގޮތުގައެވެ. މަތީންގެ ކެނޑިޑޭޓްނަމްބަރ އަކީ 1 ( އެކެއް) އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ