މާލޭ މަގުމަތިން ހިނގާފައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ރަން ފަށެއް ފޭރިގެންފި

ފޭރުން އިންތިހާއަށް އިތުރުވެފައިވާ މާލޭގައި ރޭ ވެސް ފޭރުމުގެ ނުރައްކާތެރި ހާދިސާއެއް ހިނގައިފިއެވެ. ރޭ މާލޭ މަގުމަތިން ހިނގާފައި ދިޔަ ލަންކާ އަންހެނެއްގެ ކަރުގައި އޮތް ރަން ފަށެއް ވަނީ ފޭރިގެންފައެވެ.
ފުލުހުން ވިދާޅުވީ އޭނާ ކަރުގައި އޮތް ފަށް ފޭރިގެންފައިވަނީ ޢުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މަޖީދީ މަގު ރަށްދެބައި މަގުން ކަންމަތިން އަންހެން މީހާ ހިނގައިފައި ދަނިކޮށް ކަރުގައި އޮތް ފަށް ފޭރިގަނެގެން ދުވައިގަތް މީހާ ހިފެހެއްޓީ ޢާއްމުންގެ އެހީތެރިކަމާއެކު އެސަރަހައްދުގައި ހުރި ފުލުހެކެވެ.
ފަށް ފޭރިގަތުމަށްފަހު އޭނާ ދުއްވައިގަތްތަނުން ވަނީ މަގުމައްޗަށް ވެއްޓިފައެވެ. ފުލުހުން ވިދާޅުވީ އޭނާ ފޭރިގަތް ފަށް މިހާރު ވަނީ ވެރިމީހާއާ ޙަވާލު ކޮށްފައި ކަމަށެވެ.
ފަށް ފޭރިގަނެގެން ދުއްވައިގަތް މީހާ ހައްޔަރު ކޮށްފައި ވަނީ ކުރީގެ އެވިންސް ފިހާރަކައިރިން ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ގެންދަނީ އިތުރަށް މިކަން ބަލަމުންނެވެ.
ފަހަކަށް އައިސް މާލޭގައި ފޭރުމުގެ ހާދިސާތައް ހިނގުން ވަނީ މީން ދުވަހަކު އިތުރު ނުވާ މިންވަރަށް އިތުރުވެފައެވެ. ފާއިތުވި ދެތިން މަސްތެރޭގައި އެތައް މިލިއަން ރުފިޔާއެއްގެ ފައިސާ ވެސް މާލެ އިން ވަނީ ފޭރިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ