ކަޝްމީރުގެ މަޝްރަހު ހަމައަކަށް އަޅުވައިދޭނަން: ސައުދީ

އިސްލާމްއާބާދު (ފެބްރުއަރީ 19) - ކަޝްމީރުގައި ދިން ހަމަލާ އަށް ފަހު ހޫނުވެފައިވާ އިންޑިއާ އާއި ޕާކިސްތާނުގެ މަޝްރަހު ފިނިކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ސައުދީ އަރަބިއާ އިން ބުނެފި އެވެ.
އޭޝިއާގެ ބައެއް ގައުމުތަކަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވަނީ ޕާކިސްތާނަށް ވަޑައިގެން އެ ގައުމުގެ ވެރިންނާ ބައްދަލު ކުރައްވައިފަ އެވެ. އަދި މިއަދުގެ ވަގުތެއްގައި އިންޑިއާ އަށް ވަޑައިގެން ބޮޑު ވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ޕްރިންސް މުހައްމަދު އިންޑިއާ އަށް ވަޑައިގަތުމުގެ ކުރިން ސައުދީ އަރަބިއާގެ ސްޓޭޓް މިނިސްޓަ ފޯ ފޮރިން އެފެއާޒް އާދިލް އަަލް ޖުބައިރު ވިދާޅުވީ ސައުދީގެ ބޭނުމަކީ ދެކުނު އޭޝިއާގެ އަވައްޓެރި ދެ ގައުމުގެ މެދުގައި ސުލްހަ ގާއިމްކޮށް އެ މަގަށް މަސައްކަތް ކުރުން ކަމަށެވެ.
ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހް މަހްމޫދު ގުރޭޝީ މިއަދު ވަނީ ދެ ގައުމުގެ މެދުގައި އޮތް ދެކޮޅުވެރި ކަމަށް ހައްލެއް ހޯދުމަށް އދ. އިން މަސައްކަތް ކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.
އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ގޯސްވެފައި ވަނީ ކަޝްމީރުގައި މިދިޔަ ހަފުތާގައި ދިން ހަމަލާއެއްގައި އިންޑިއާގެ ޕެރަމިލިޓަރީ ފުލުހުންގެ 42 މީހުން މަރުވުމާ ގުޅިގެންނެވެ. އެ ހަމަލާގެ ޒިންމާ އުފުލާފައި ވަނީ ޕާކިސްތާނަށް ނިސްބަތްވާ ޖައިޝީ މުހައްމަދު ކިޔާ ޖަމާއަތަކުންނެވެ. އިންޑިއާ އިން ތުހުމަތު ކުރަނީ އެ ހަމަލާގައި ޕާކިސްތާނުގެ އަތެއް ވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ