ލ. ގަމުން ރުށް ބަރުކުރި މައްސަލަ ކަސްޓަމްސްއިން ބަލަނީ

ރިސޯޓް ޕްރޮޖެކްޓަކަށް ހުއްދަ ދޫކޮށްފައިވާ ރާއްޖެއިން ބޭރުގެ ކޮޅުވެއްޓިއަކަށް ރުށް ބަރުކުރާ ކަމުގެ މައުލޫމާތު ކަސްޓަަމްސްއަށް ލިބުމާއެކު އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ކަސްޓަމްސްއިން ބުނެފި އެވެ.
ކަސްޓަމްސްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއިން ބޭރުގެ ކޮޅުވެއްޓިއަކަށް ލ. ގަމުން ރުއް ބަރުކުރާ ކަމުގެ މައުލޫމާތު ކަސްޓަމްސްއަށް ލިބުމާއެކު ކުރި ތަހުގީގުގައި މިއުޅަނދަށް ރުއްބަރުކުރަނީ ލ. ގަން ކައުންސިލުން ދީފައިވާ ހުއްދައިގެ ދަށުންކަން އެނގިފައިވާ ކަމަށެވެ.
އެހެންނަމަވެސް މިފަދަ ކަންކަމަކީ ތިމާވެއްޓަށް ގެއްލުންވާނެ ކަންކަމަށްވުމުން މި މައްސަލަ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އާ ގުޅިގެން އިތުރަށް ބަލަމުން ގެންދާނެ ކަމަށްވެސް ކަސްޓަމްސްއިން ވަނީ ބުނެފަ އެވެ.
ލ. ގަމުން ރުށް ބަރުކޮށްގެން ގެންދިޔަ ބޯޓަކީ ރާއްޖެއިން ބޭރުން އުޅަނދުފަހަރު އައިސް ގޮސްއުޅުމާއި، އެ އުޅަނދުފަހަރަށް ތަކެތި އަރުވާ ބޭލުމަށް ކަސްޓަމްސްގެ ހުއްދަ ހޯދާފައިވާ އުޅަނދެއް ކަން އަދި އެނގިފައެއް ނުވެ އެވެ. ކަސްޓަމްސްގެ ބަޔާނުގައިވެސް މިކަމާ ގުޅޭގޮތުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
މީގެ އިތުރުން މާލެ ސަރަހައްދުން ވެލި ނަގައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް އިއްޔެ އަތުލައިގަތް ބޭރުގެ ކޮޅުވެއްޓީގެ މައްސަލަވެސް ކަސްޓަމްސްއާ ކަމާގުޅޭ އެހެން މުއައްސަސާތަކާ ގުޅިގެން އިތުރަށް ތަހުގީގުކުރަމުން ގެންދާ ކަމަށްވެސް ކަސްޓަމްސްއިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ