ރާއްޖޭގެ އުތުރަށް ވުރެ ދެކުނުން ފަތުރުވެރިކަމުގެ ބޭނުމަށް ރަށްތައް ވިއްކުން ފަސޭހަވާނެ: ނަޝީދު

ރާއްޖޭގެ އުތުރަށް ވުރެ ދެކުނުން ފަތުރުވެރިކަމުގެ ބޭނުމަށް ރަށްތައް ވިއްކުން ފަސޭހަވާނެ ކަމަށް ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވެފަައިވަނީ މިރޭ އައްޑޫގައި ކުރިއަށްދިޔަ ސަދާން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ 2019 ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުނެވެ. ނަޝީދު ވިދާޅުވީ ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި އެކްސްޕޯ ނިމޭއިރު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން އައްޑޫގެ އިތުރުން ދެކުނުގެ އަތޮޅުތަކަށް ވިޔަފާރި ކުރަން އަންނަންވީ ކީއްވެގެންކަން ސާފުވެގެންދާނެ ކަމަށެވެ.
މިރޭ ނަޝީދު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް އިންވެސްޓަރުން އިންވެސްޓުކުރަންވީ ބައެއް ސަބަބުތައް ފާހަގަކުރެއްވިއެވެ. އެގޮތުން އައްޑު އަތޮޅަކީ އިންޑިއާ ކަނޑުގެ މެދަށްވެފައި، އިންޑިއާ ކަނޑުން ދަތުރު ކުރާ ބޮޑެތި ކާގޯ އުޅަނދުތައް ރާއްޖޭގެ އުތުރުގެ ސަރަހައްދުން ދަތުރު ކުރަމުން އަންނަކަން ނަޝީދު ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ އުތުރަށް ލިބޭ އެކްސްޕޯޝާ ގިނަވެ، މުދާ ގެނައުމަށް ފަސޭހަ ވެގެންދާނެ ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މާލެ ސަރަހައްދަކީ މިހާރުވެސް އެތައް ރިސޯޓެއް ތަރައްގީކުރެވިފައިވާ ސަރަހައްދަކަށްވުމުގެ އިތުރުން އެ ސަރަހައްދުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހުރުމުން އެ ސަރަހައްދަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު ގިނަކަން ނަޝީދު ފާހަގަކުރެއްވިއެވެ. އަދި އައްޑު އަތޮޅަކީ އިންޓަނޭޝަނަލް އެއާޕޯޓެއް އޮތް އަތޮޅަކަށް ވުމުގެ އިތުރުން، ސަރުކާރުން އައްޑޫގެ އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރުމަށް ބަޖެޓުގައި އެކުލަވާލާފައިވުމުން، ކުރިއަށް އޮތްތާނގައި އައްޑޫ އަތޮޅު އިތުރަށް ތަރައްގީވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން މެދު ރާއްޖެތެރެ ނުވަތަ އުތުރުގެ ރަށްތަކަށް ވުރެ ދެކުނު ރަށްތައް ފަތުރުވެރިކަމުގެ ބޭނުމަށް ވިއްކާލަން ފަސޭހަވާނެ ކަމަށާއި މިކަމުން އިންވެސްޓަރުންނަށް ޕްރޮފިޓް ލިބޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އައްޑު ތަރައްގީ ކުރުމަށް ބަޖެޓުގައި ވަކި ވަރެއް ކަނޑައަޅާފައި ވުމުގެ އިތުރުން މިއީ އެމްޑީޕީގެ މެނިފެސްޓޯގައިވެސް އެކަމަކަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާފައިވާ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ފާއިތުވި ހަފްތާގައި ރާއްޖޭގައި އިތުރު 4000 ގެ ބެޑް ކެޕޭސިޓީ އިތުރު ކުރުމަށް ޓުއަރިޒަމް ޑިވަލޮޕްމަންޓް ޕޭމަންޓެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނު ކުރެއްވިކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ މިއީ ލޯކަލް ޑިވަލޮޕްމަންޓް ކުރިއެރުވުމަށް އެކުލަވާލާފައިވާ ޕްލޭނެއް ކަމަށެވެ. މި ޕްލޭނުގެ ދަށުން އައްޑޫގެ ކައުންސިލުން އައްޑޫގައި ފަތުރުވެރިކަން ތަރައްގީ ކުރެވޭނެ ސަރަހައްދުތައް އިއުލާނު ކުރާނެ ކަމަށް ނަޝީދު ވިދަޅުވިއެވެ.
މިހާރުގެ ސަރުކާރުން އައްޑޫގެ ތަރައްގީއަށް ފުޅާ އަދި ފުން ތަސައްވުރެއް ގެންގުޅޭކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ އެ ތަސައްވަރު ހަގީގަތަކަށް ހެދުމަށް ސަރުކާރުން އަންނަނީ ވާންޖެހޭ އެކި ތައްޔާރީތައް ވަމުން ކަމަށެވެ. އެގޮތުުން އެ ތަސައްވުރު ހަގީގަތަކަށް ހެދުމުގެ ގޮތުން ހަދަންޖެހޭ އެކިއެކި ޕްލޭންތައް ހަދައި، ފައިސާ ހޯދަން ޖެހޭ ތަންތަނުގައި ފައިސާ ހޯދައި، ބޭރުން ފައިސާ ހޯދަންޖެހޭ ތަންތަނުގައި ސަރުކާރުން ބޭރުން ފައިސާ ހޯދަމުން އަންނަ ކަމަށް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން ލޯނުގެ ގޮތުގައި ފައިސާ ހޯދަންޖެހޭ ތަންތަނުގައި އެކަންވެސް އެގޮތަށް ސަރުކާރުން ކުރައްވަމުން އަންނަ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ސަދާން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ 2019 އަކީ އައްޑޫއަށް އަދި ދެކުނުގެ އަތޮޅުތަކަށް ވިޔަފާރި ފަހިވާގޮތަށް ވިޔަފާރި ކުރުމަށް ބޭރުގެ ފަރާތްތަކުން އަދި ރާއްޖޭގެ ފަރާތްތަކުން އަންނާންވީ ސަބަބުތަކަކީ ކޮބައިތޯ ކިޔައިދިނުމުގެ އަމާޒުގައި ކުރިއަށްގެންދާ އެކްސްޕޯއެއް ކަމަށެވެ. އަދި މި އެކްސްޕޯ ނިމޭއިރު އިންވެސްޓަރުންނަށް އައްޑޫގައި ހިންގެން ހުރި ވިޔަފާރިތަކާއި އައްޑޫ، ފުވައްމުލަކު އަދި ހުވަދޫގެ ރަށްތަކަށް ދަތުރުފަތުރުންވެސް، ވިޔަފާރީގެ ގުޅުމުން އަދި އިޖުތިމާއީ އާއި އިގުތިސާދީ އެހެން ގުޅުންތަކުން ގުޅިގެންދާނެ ގޮތްތަކަކީ ކޮބައިކަން އެނގިގެންދާނެ ކަމަށާއި މިކަމާ ގުޅިގެން ސަރުކާރުން ގެއްގުޅުއްވާ ތަސައްވުރު އެނގިގެންދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ