ޗައިނާގައި މުސްލިމުން ހައްޔަރު ކުރުން 22 ގައުމަކުން ކުށްވެރިކޮށްފި

އދ. (ޖުލައި 11): ޗައިނާގެ ޝިންޖިއަންގުގައި އުއިގޫރު މުސްލިމުން ހައްޔަރު ކުރާ މައްސަލަ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގައި 22 ގައުމަކުން ކުށްވެރިކޮށްފި އެވެ. އދ.ގެ މާހިރުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުން ބުނާ ގޮތުގައި ޗައިނާއިން ވަނީ އެއް މިލިއަނަށް ވުރެ ގިނަ މުސްލިމުން ގައިދުހާނާތަކުގައި ހައްޔަރުކޮށްފަ އެވެ. ޗައިނާއިން ބުނާ ގޮތުގައި އެއީ މީހުން ހައްދުފަހަނައަޅާފައިވާ ފިކުރުން ދުރުކޮށް، ތަފާތު ހުނަރުތައް ދަސްކޮށްދިނުމަށް ހަދާފައިވާ މަރުކަޒުތަކެކެވެ. ނަމަވެސް އެހެން ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އެމީހުން ހައްޔަރު ކުރަނީ ބުރުގާ އެޅުމާއި ނަމާދު ކުރުން ފަދަ ދީނީ ކަންތައްތައް ކުރުމުންނެވެ. އިނގިރޭސިވިލާތާއި ޖަޕާނާއި ކެނެޑާ ހިމެނޭ ގޮތަށް ބާވީސް ގައުމުގެ ސަފީރުން ސޮއިކޮށްފައިވާ އެސިޓީގައިވަނީ ޝިންޖިއަންގަށް ވަނުމަށް އދ.އަށާއި މިނިވަން އިންޓަނޭޝަނަލް އޮބްޒާވަރުންނަށް ފުރުސަތު ދިނުމަށް ގޮވާލާފަ އެވެ. އެސިޓީގައި ސޮއި ކުރެއްވި ސަފީރުން ވަނީ އެއީ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ރަސްމީ ލިޔުމެއްގެ ގޮތުގައި ކަނޑައަޅަން އެދިފަ އެވެ. ޑިޕްލޮމެޓުން އެގޮތަށް ހުޅުވާލެވިފައިވާ ސިޓީއެއް ފޮނުވުމަކީ އާއްމު ކަމެއް ނޫނެވެ. ނަމަވެސް އެގޮތަށް ސިޓީއެއް ފޮނުވަން ޖެހުނީ، ރަސްމީ ގަރާރެއް ހުށަހެޅި ނަމަ، އެގަރާރު ބޭރުކޮށްލަން ޗައިނާއާ އެއްކޮޅަށް ވޯޓު ދޭނެ މެމްބަރު ގައުމުތައް ގިނަ ވާނެތީ ކަމަށް ރޮއިޓާސްގައިވެ އެވެ. މިދިޔަ ހަފްތާގައި ބީބީސީން ރިޕޯޓުކުރި ގޮތުގައި ޗައިނާއިން ދަނީ ގައިދުހާނާތަކުގައި މީހުން ހައްޔަރު ކުރުމަށް ފަހު، އެމީހުންގެ ދަރިން މުސްލިމް މުޖުތަމައާ ދުރުކުރުމަށްޓަކައި އެކުދިން ހާއްސަ ބޯޑިން ސްކޫލުތަކަށްލަމުންނެވެ. ނަމަވެސް ޗައިނާއިން ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ