ޖެފް ސައުތު އޭޝިއާ ކޮންސްޓިޓިއުއެންސީގެ ހަ ވަނަ ބައްދަލުވުން ފަށައިފި

ތިމާވެށި ހިމާޔަތްކުރުމުގެ މަޝްރޫއުތަކަށް އެހީތެރިވެދޭ ބައިނަލްއަގުވާމީ މާލީ އެޖެންސީއެއް ކަމަށްވާ ގްލޯބަލް އެންވަޔަރްމަންޓް ފެސިލިޓީ( ޖެފް)ގެ ދެކުނު އޭޝިޔާ ކޮންސްޓިޓިއުއެންސީގެ ހަ ވަނަ ބައްދަލުވުން މިއަދު ރާއްޖޭގައި ފަށައިފި އެވެ.
ނަސަންދުރަ ޕެލަސް ހޮޓެލްގައި މިއަދު ހެނދުނު ފެށި އެ ބައްދަލުވުމުގައި ދެކުނު އޭޝިޔާގެ ގައުމުތަކުގެ ތެރެއިން އިންޑިޔާ އާއި ސްރީލަންކާ އަދި ރާއްޖޭގައި ތިއްބަވާ އެ ޖަމާއަތުގެ ޖެފްގެ ސިޔާސީ ފޯކަލް ޕޮއިންޓުންނާއި ވޯލްޑްބޭންކާއި ޔޫއެންޑީޕީ އަދި ޔުނެޕްގެ ބައެއް އިސް ބޭފުޅުން ބައިވެރިވެޑައިގެންނެވި އެވެ.
ބައްދަލުވުން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަދި ތިމާވެށީގެ ދާއިރާ އިން ރާއްޖެ އަށް ހިދުމަތްކުރައްވާފައިވާ ޑރ. މުހައްމަދު އަލީ އެވެ.
ރާއްޖެއަކީ ވަކިވަކި ކުދި ރަށްތަކެއްގެ މައްޗަށް އެކުލެވޭ ގައުމަކަށް ވާތީ ރައްޔިތުންގެ ދިރިއުޅުމުގެ ކަންތައްތައް ހަމަޖައްސަން ބޮޑު ހަރަދެއް ކުރަން ޖެހޭ ކަމަށާއި ހަމަ އެއާ އެކު ރާއްޖޭގެ ރަށްތައް (ތިމާވެށީގެ) ގޮތުން ހިމާޔަތްކޮށް ދެމެހެއްޓުމުގެ މަސައްކަތް ވެސް ކުރަން ޖެހޭ ކަމަށެވެ. އެހެން ކަމުން ރާއްޖެއަކީ ދުނިޔޭގެ އެހެން ގައުމުތަކާ މުޅިން ތަފާތު ގައުމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖެ އަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޑރ. މުހައްމަދު އަލީ ވިދާޅުވީ 1998 ވަނަ އަހަރު ކުރިމަތިވި އެލްނިނޯގެ ސަބަބުން ރާއްޖޭގެ ފަރުތަކަށް ލިބުނު ގެއްލުންތައް އަދިވެސް އިއާދަކުރެވިފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ އެ ދުވަސްވަރަކީ ރާއްޖެ އަށް ކުރިން ވާރޭވެހޭ ދުވަސްވަރެއް ކަމަށާއި ރާއްޖޭގެ މޫސުމާ ބެހޭ ތަފާސް ހިސާބުތައް ބަލާލުމުން ހަނަފަސް ދުވަސްތައް އިތުރުވަމުން އަންނަކަން ފެންނަ ކަމަށެވެ.
"ފަރުތަކުގައި ފީނާލާ ބަލާލައިފި ނަމަ ފާހަގަ ކުރެވޭނެ 1998 ވަނަ އަހަރު ކުރިމަތިވި އެލްނިނޯގެ ސަބަބުން ލިބުނު ގެއްލުންތައް އަދިވެސް އިއާދަ ނުވާކަން،" ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.
އަދި ވިދާޅުވީ ރާއްޖޭގެ ފަރުތަކަކީ ރާއްޖޭގެ ރަށްތަކަށް ވަރަށް މުހިއްމު ތަންތަން ކަމަށާއި އެފަރުތައް މަރުވުމުން ރަށްތައް ހަލާކުވާ ކަމަށެވެ.
ބައްދަލުވުން ތައާރަފު ކުރައްވަމުން އިންޑިޔާގެ ޑިޕާޓްމަންޓް އޮފް އިކޮނޮމިކް އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީ ވެނޫ ރާޖަމޮނީ ވިދާޅުވީ ދުނިޔޭގެ މިހާރުގެ މާލީ ހާލަތަށް ވިސްނާ އިރު ޖެފްގެ ދައުރު ފުޅާކުރަން ޖެހޭ ކަމަށެވެ. އަދި އެއެޖެންސީން ލިބެން އޮތް ފުރުސަތުތައް ހޯދުމަށް ދެކުނު އޭޝިއާ ކޮންސްޓްޓިއުއެންސީން މަސައްކަތް ކުރަން ޖެހޭ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. އެގޮތުން ކޮންސްޓިޓިއުއެންސީގެ ބައްދަލުވުންތައް ގަވައިދުން ބޭއްވުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި ވިދާޅުވީ ޖެފްގެ މެމްބަރު ގައުމުތަކަށް ވީ އެންމެ ބޮޑަކަށް އެހީތެރިވުމަށް ޖެފް އިން މަސައްކަތްކުރާނެ ކަމަށާއި އެކަމުގައި ގައުމުތަކުން އަމިއްލައަށް ކުރާ މަސައްކަތްތަކަށް ބަލާނެ ކަމަށެވެ.
ތިމާވެށީގެ މަޝްރޫއުތަކަށް ޖެފްއިން މި އަހަރު ގާތްގަނޑަކަށް ދެ ބިލިޔަން ޑޮލަރު ކަނޑައަޅާފައިވެ އެވެ. އަންނަ ޖޫން މަހުގެ 86 މަޝްރޫއަކަށް އެހީދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އޭގެ ތެރޭގައި މި ސަރަހައްދުގެ ހަތް މަޝްރޫއެއް ހިމެނޭ އިރު ރާއްޖޭގެ މަޝްރޫއެއް ވެސް ހިމެނޭ ކަމަށް ރާޖަމޮނީ ވިދާޅުވި އެވެ.
އެއް ބިލިޔަން ޑޮލަރުގެ ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި 1991 ވަނަ އަހަރުގެ އޮކްޓޯބަރު ވޯލްޑް ބޭންކްގައި ގާއިމް ކުރި ގްލޯބަލް އެންވަޔަރްމަންޓް ފެސިލިޓީ ( ޖެފް) އުފެއްދިއް ފަހުން މިހާތަނަށް އެފަންޑަށް 9.2 ބިލިޔަން ޑޮލަރު އެލޮކޭޓް ކޮށްފައިވެ އެވެ. އަދި ކޯފައިނޭންސިން( އެހެން އެޖެންސީތަކާ ގުޅިގެން ދޭ ލޯނު އެހީ)ގެ ގޮތުގައި ތަރައްގީވަމުން އަންނަ 165 ގައުމެއްގައި ހިންގާފައިވާ 2700 މަޝްރޫއަކަށް 40 ބިލިޔަނަށް ވުރެ ގިނަ ޑޮލަރުގެ އެހީތެރިކަން ހޯދައިދީފައިވެ އެވެ. އަދި ސަރުކާރުތަކާއި ޖަމިއްޔާ ޖަމާއަތްތަކަށް 12000 ކުދި އެހީ ދީފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ