ފަލަސްތީނުގެ މައްސަލައާ ބެހޭ ގޮތުން ސަލާމަތީ މަޖިލީހުގައި މަޝްވަރާ ކުރުން އަންނަ ހޯމަދުވަހަށް އެޖެންޑާކޮށްފި

އދ. މަޖިލިސް : (ސެޕްޓެމްބަރ 24) : ފަލަސްތީނުގެ ދައުލަތަށް އދ. ގެ މެންބަރުކަން ހޯދުމަށްޓަކައި ފަލަސްތީނުން ހުށަހަޅާފައިވާ މައްސަލައާބެހޭ ގޮތުން ސަލާމަތީ މަޖިލީހުގައި މަޝްވަރާ ކުރުމަށްޓަކައި އެމަޖިލީހުގެ ބައްދަލުވުމެއް އަންނަ ހޯމަ ދުވަހު ބާއްވާނެކަން އެ މަޖިލީހުން ހާމަކޮށްފިއެވެ. ސަލާމަތީ މަޖިލީހުގެ މިދައުރުގެ ރައީސް ކަމުގެ މަޤާމް އަދާކުރާ ލުބްނާނުގެ ދާއިމީ މަންދޫބު ނައްވާފް ސަލާމް މިއަދު ވިދާޅުވިގޮތުގައި ފަލަސްތީނުގެ ހުށަހެޅުމާބެހޭގޮތުން މަޝްވަރާކުރުމަށްޓަކައި 15 މެންބަރުން ހިމެނޭ ސަލާމަތީ މަޖިލީހުގެ ބައްދަލުވުން ބާއްވާނީ އަންނަ ހޯމަ ދުވަހުގެ ޖީ.އެމް.ޓީ.ން ހަވީރު 7 ޖަހާއިރު އެވެ.
ފަލަސްތީނުން ހުށަހެޅި މައްސަލަ ސަލާމަތީ މަޖިލީހަށް މިދަނީ މީގެކުރިން މިފަދަ މައްސަލައެއް ސަލާމަތީ މަޖިލީހަށް ނުދާފަދަ އިދާރީގޮތުން އަވަސް ގޮތެއްގައި ކަމަށް އދ. ގައި ތިއްބަވާ ޑިޕްލޮމޭޓުން ވިދާޅުވެއެވެ.
ފަލަސްތީނުގެ ދައުލަތަށް އދ. ގެ މެންބަރުކަން ހޯދުމުގެ މައްސަލަ އދ. އަށް ހުށަހެޅީ މިދިޔަ ހުކުރު ދުވަހުއެވެ. މިމައްސަލަ ހުށަހެޅުއްވީ ފަލަސްތީނުގެ ރައީސް މަޙްމޫދް ޢައްބާސް، އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫންއާ ބައްދަލު ކުރައްވައިގެންނެވެ. މި ހުށަހެޅުމަށްފަހު އދ. ގެ ޗާޓަރާ އެއްގޮތަށް މިމައްސަލައާގެން ކުރިޔަށް ވަޑައިގަންނަވާނެ ކަމަށް ބާންކީ މޫން ވަނީ ވިދާޅުވެފައެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫވަނީ ފަލަސްތީނުން އދ. ގެ މެންބަރަކަށް ވުމަށް މަސައްކަތްކުރާތީ މިކަމާމެދު ހިތާމަކުރާ ކަމަށް ވިދާޅުވެ ފަލަސްތީނުގެ ދައުލަތަށް އދ. ގެ މެންބަރުކަން ލިބުނަ ނުދޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ. ފަލަސްތީނުގެ ދައުލަތް އުފައްދާނަމަ އެކަންކުރަންޖެހޭނީ އިސްރާއީލާ އެކު ވާހަކަ ދައްކައިގެން އިސްރާއީލު ރުހޭ ގޮތަށް ކަމަށްވެސް ނަތަނިޔާހޫ ވިދާޅުވިއެވެ.
މި މައްސަލަ ހުށަހެޅުއްވުމަށްފަހު ފަލަސްތީނުގެ ރައީސް ޢައްބާސްވިދާޅުވީ ފަލަސްތީނުގެ ދައުލަތެއް ވުޖޫދަށް ގެނައުމަށްޓަކައި އިސްރާއީލާ ވާހަކަ ދައްކަމުން ގެންދާތާ 20 އަހަރުވީ އިރުވެސް ފަލަސްތީނުގެ ޙައްޤުތަކަށް އިސްރާއީލުން އިންކާރުކޮށް ހިފާފައިވާ ބިންތަކުން ފޭބުމަށް ދެކޮޅު ހަދަމުން ގެންދާ ކަމުގައެވެ.
ފަލަސްތީނުގެ ބިންތަކުން ފޭބުމަށާއި ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް އިންކާރު ކުރުމުގެ އިތުރުން ފަލަސްތީނުގެ ބިންތައް ދާއިމީ ގޮތަކަށް އަތްދަށުލުމަށްޓަކައި ދުނިޔޭގެ ކަންކޮޅުތަކުން ޔަހޫދީން ގެނަސްގެން އެބިންތަކުގައި ވަޒަންވެރިކުރުވުމުގެ ޣައިރުޤާނޫނީ ޢަމަލުތައް ވެސް ފުޅާދާއިރާއެއްގައި ކުރިޔަށް ގެންދާ ކަމަށާއި މިކަން ހުއްޓާލުމަށްވެސް ތަކުރާރުކޮށް އިސްރާއީލު ދެކޮޅު ހަދަމުން ގެންދާ ކަމަށް ޢައްބާސް ވިދާޅުވިއެވެ.
ހިފާފައިވާ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވުން ހުއްޓާލުމުން ނޫނީ އިސްރާއީލާއެކު ސުލްޙައިގެ ވާހަކަތައް ދެންނުދެއްކުމަށް ފަލަސްތީނުން ނިންމާފައިވާ ކަމަށާއި ފަސްލައްކައެއްހާ ޔަހޫދީން ފަލަސްތީނުގެ ބިންތަކުގެ ގޮތުގައި މިހާރުބަލާ ހުޅަނގު އައްސޭރީގައި އެކަނިވެސް އިސްރާއީލުން ވަޒަންވެރިކުރުވާފައިވާކަމަށް ޢައްބާސް ވިދާޅުވިއެވެ. ފަލަސްތީނުގެ މަޤްސަދަކީ އިސްރާއީލަށް ގެއްލުންދީ އިސްރާއީލު ނައްތާލުން ނޫންކަމަށާއި ފަލަސްތީނުން މަސައްކަތްކުރަނީ ފަލަސްތީނު ރައްޔިތުންގެ ބިމާއި ނިގުޅައިގަނެފައިވާ ޙައްޤުތައް ހޯދުމަށް ކަމަށްވެސް ޢައްބާސް ވިދާޅުވިއެވެ.
އެމެރިކާގެ ރައީސް ބަރަކް ވަނީ ފަލަސްތީނުގެ ދައުލަތަށް އދ. ގެ ފުރިހަމަ މެންބަރުކަން ދިނުމާ ދެކޮޅަށް ސަލާމަތީ މަޖިލީހުގައި ވީޓޯކުރާނެ ކަމުގެ އިންޒާރު ފަލަސްތީނުގެ ރައީސް މަޙްމޫދް ޢައްބާސް އަށް ދެއްވާފައެވެ. (އަލްޖަޒީރާ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ