ބައި-އިލެކްޝަންގެ ބައްޔަށްފަހު ރާފިއު ވިދާޅުވީ ކުރިއަށްދާންވީ ރާސްތާ ސާފުވެއްޖެކަމަށް

ހިތަދޫ ބައި-އިލެކްޝަންގައި ޕީއެންސީގެ ކެންޑިޑޭޓް އަހްމަދު ސައީދު (ސޮޑާ) ބަލިވި ނަމަވެސް ކުރިއަށްދާންވީ ރާސްތާ މިހާރު ސާފުވެފައިވާ ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މިރޭ ވިދާޅުވެއްޖެ އެވެ. 
މިރޭ ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އެ އިންތިހާބުގައި ޕީއެންސީގެ ކެމްޕެއިން މެނޭޖަރެއްގެ ގޮތުގައި ހަރަކާތްތެރިވީ ރާފިއު ވިދާޅުވީ ބައި-އިލެކްޝަން ކާމިޔާބުނުވިޔަސް ކާމިޔާބު މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އެ މަސައްކަތުގެ ސަބަބުން ޕާޓީން ކުރިއަށްދާންވީ ރާސްތާ ވެސް ސާފުވެއްޖެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 
"އާދެ އިލެކްޝަން [ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން] އަޅުގަނޑުމެންނަށް ކާމިޔާބުނުވި ކަމުގައިވިޔަސް އަޅުގަނޑުމެންނަށް ކުރެވިގެންދިޔައީ ކާމިޔާބު މަސައްކަތްތަކެއް. އަޅުގަނޑުމެންނަށް ކުރެވިގެންދިޔައީ އަޅުގަނޑުމެންގެ މުސްތަގުބަލު، ޕާޓީގެ މުސްތަގުބަލު އުޖާލާ ކުރުމަށްޓަކައި އަޅުގަނޑުމެންނަށް ހުޅުވިގެންދިޔަ އަލި މަގެއްގެ ގޮތުގައި،" ރާފިއު ވިދާޅުވި އެވެ. 
"އަޅުގަނޑުމެންނަށް ކުރިއަށްދާން އޮތް ރާސްތާ އަޅުގަނޑުމެންނަށް ވަރަށްބޮޑަށް ސާފުވެއްޖެ. އަޅުގަނޑުމެން މިތިބީ ކާމިޔާބާ މާ ދުރުގައި ނޫންކަން އަޅުގަނޑުމެންނަށް ހާމަވެއްޖެ މި އިލެކްޝަނުން. އަޅުގަނޑުމެންނަށް އެނގިގެންދިޔައީ އިތުރަށް މަސައްކަތްކޮށްފިއްޔާ އަޅުގަނޑުމެންނަށް މިއަށްވުރެ ބޮޑު ކާމިޔާބީތަކެއް އަޅުގަނޑުމެންނަށް ލިބިގެންދާނެއޭ."
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު (ސޯބެ) ކާމިޔާބު ކުރެއްވީ 62 ވޯޓުގެ ތަފާތަކުންނެވެ. ސޯބެ ވަނީ 1375 ވޯޓު ހޯއްދަވައިފަ އެވެ. ޕީއެންސީގެ ކެންޑިޑޭޓު ސޮޑާއަށް ލިބިވަޑައިގަތީ 1313 ވޯޓެވެ. 
އިންތިހާބުގައި ޕީއެންސީ ބަލިވުމުން ވެސް އެ ޕާޓީގެ ލީޑާޝިޕްގައި ހިމެނޭ ގިނަ ބޭފުޅުން ބަލި ގަބޫލުކުރައްވަން ދެކޮޅު ހައްދަވައި، އެއީ އެ ޕާޓީއަށް ލިބުނީ ކާމިޔާބެއް ކަމަށް ދައްކަން މަސައްކަތްކުރި އެވެ. 
މިއީ ވެރިކަން ހިންގާ ޕާޓީއަށް ވިދިވިދިގެން ލިބުނު ތިން ވަނަ ބައްޔެވެ. މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން ވެސް ސަރުކާރަށް ވަނީ ބޮޑު ނާކާމިޔާބީއެއް ލިބިފަ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ގިނަ ކައުންސިލްތަކުގެ މެޖޯރިޓީ ހޯދީ އެމްޑީޕީއިންނެވެ. އަދި ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުގެ މަގާމާއި ސިޓީތަކުގެ މެޖޯރިޓީ ވެސް ކާމިޔާބު ކުރީ އެމްޑީޕީއިންނެވެ. 
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އިންތިހާބު އެއްކޮށްލަން ފެނޭތޯ ބަލަން ނެގި ވޯޓުގައި 75 ޕަސެންޓު މީހުން ބުނެފައި ވަނީ ދެ އިންތިހާބު އެއްކޮށްލަން ނުފެންނަ ކަމަށެވެ. ސަރުކާރާއި ރައީސް މުހައްމަދު މުއިއްޒު ވަކާލާތު ކުރެއްވީ ދެ އިންތިހާބު އެއްކޮށްލުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ